Roadha Mihaaru
އަމީނަކީ ރާއްޖޭގެ އައިއެސް ލީޑަރު: ދައުލަތް

އަމީނަކީ ރާއްޖޭގެ އައިއެސް ލީޑަރު، ހަނގުރާމައަށް ދިވެހިން ފޮނުވި: ދައުލަތް

16 އޯގަސްޓް 2021

ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މުހައްމަދު އަމީން އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ޚުރާސާނަށް ދިވެހިން ފޮނުވި ކަމަށާއި އަމީނަކީ ރާއްޖޭގެ އައިއެސް ލީޑަރު ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މުހައްމަދު އަމީން އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ޚުރާސާނަށް ދިވެހިން ފޮނުވި ކަމަށާއި އަމީނަކީ ރާއްޖޭގެ އައިއެސް ލީޑަރު ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ފުވައްމުލަކު ކަރިއްޔާވިލާގެ އަމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުމުގައި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާކުރާ ސަބަބު ބަޔާން ކުރަމުން ދައުލަތުގެ ވަކީލު އައިޝަތު މުހައްމަދު ވިދާޅުވީ، އަމީނަކީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ، ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކުރި މީހެއް ކަމަށެވެ.

އޮކްޓޫބަރު 21، 2018 ގައި އަމީން ވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ އިސްލާމިކް ސްޓޭޓް ޚުރަސާންގެ ދިވެހިރާއްޖޭގެ ސެލްގެ ވެރިއެއްގެ ގޮތުގައި ހ.މޫންލައިޓްވެލީ، އަލީ ޝާފިއު އަފްޣާނިސްތާނަށް ފޮނުވާފައި ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ދިވެހީންގެ ތެރެއިން އޭނާ ރެކްރޫޓްކުރާ މީހުން އިސްލާމިކް ސްޓޭޓް ޚުރަސާންގައި ގާއިމްވުމުން އިތުރު ދިވެހިން އެ ގައުމަށް ހަނގުރާމަކުރުމަށް ފޮނުވުމަށް އޭނާ ރާވާފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކުރި ސަބަބުތައް ބަޔާން ކުރައްވަމުން ވަކީލު އައިޝަތު ވިދާޅުވީ، އަމީން ވަނީ ސިރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް އެ މީހުން ސީރިޔާއަށް ފޮނުވާފައިވާ ކަމަށެވެ.

ސީރިޔާ ހަނގުރާމަ ނިމުމުން، އަފްޣާނިސްތާނުގެ ޚުރަސާން ޕްރޮވިންސްގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޚުރަސާން (އައިއެސްކޭޕީ) އަށް ދިވެހިން ރެކްރޫޓްކުރުމަށް ރާވައި، ސެލްގެ ލީޑަރެއްގެ ގޮތުގައި އަލީ ޝާފިއު އެ ގައުމަށް ފޮނުވައި، ދިވެހީންގެ ތެރެއިން އަމީން ރެކްރޫޓްކުރާ މީހުން، އިސްލާމިކް ސްޓޭޓް ހުރަސާންގައި ގާއިމްވުމުން އިތުރު ދިވެހިން އެ ގައުމަށް ހަނގުރާމަކުރުމަށް ފޮނުވުމަށް ރާވާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އަމީނަށް ކޮށްފައިވާ ދެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ސިއްރު ތިން ހެކިވެރިއަކު ހިމެނެ އެވެ. އެ މީހުންނާ އެކު ދައުލަތުން ފޮޓޯ އައިޑެންޓިފިކޭޝަން ސެޓެއް ވެސް ހުށަހެޅި އެވެ.

އޭގެ އިތުރުން އިންޓެލިޖެންސް ރިޕޯޓުތަކާއި މޯބައިލް ފޮރެންސިކް ރިޕޯޓަކާއި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓަކާއި ޓެކްޓިކަލް އިންޓެރޮގޭޝަން ރިޕޯޓެއް އަދި ސިއްރު ލިޔުންތަކެއްގެ ގޮތުގައި އެމެރިކާގެ ކަމާ ބެހޭޭ ފަރާތްތަކެއްގެ ލިޔުންތަކަކާއި އަމީނަކީ ކާކުކަން ބަޔާންކޮށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ތައްޔާރުކޮށްފައިވާ ބްރީފެއް ހިމެނެ އެވެ.

އަމީންގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ، ދައުވާތަކަށް އިންކާރުކުރާ ކަމަށާއި، ދައުވާތަކުގައި ވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އެއް އަމަލެއްގެ މައްޗަށް ކޮށްފައިވާ ދައުވާތަކެއް ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އަމީންގެ ފަރާތުން ބުނެފައި ވަނީ ދިފާއީ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް، އިންސާފަށް ވާސިލުވުމަށް ހެކި ހުށަހަޅަން ފުރުސަތު ދިނުމަށް ވަކީލު ޔާމީން މިއަދު އެދިވަޑައިގަތެވެ. ނަމަވެސް، ދައުލަތުން އެކަމަށް ދެކޮޅު ހަދަމުން ބުނެފައި ވަނީ މި މަރުހަލާގައި ހެކި ހުށަހަޅަން ފުރުސަތު ދީފި ނަމަ ޝަރީއަތް ހިންގާ ތަރުތީބާ ހިލާފުވާނެ ކަމަށެވެ.

އިސް ގާޒީ ޝަކީލު ނިންމެވީ، އަލުން ހެކި ހުށަހަޅަން އަމީނަށް ފުރުސަތު ނުދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް ވެސް އެކުލަވާލި އެވެ. ދެން މައްސަލައިގައި އޮތީ ހެކިބަސް ނެގުން ކަމަށް ވާތީ އެކަމަށް ތިން އަޑުއެހުން ތާވަލުކުރެއްވި އެވެ. އެއީ މި މަހުގެ 26 ވަނަ ދުވަހަށް އެއް އަޑުއެހުން އަދި އަންނަ މަހަށް ދެ އަޑުއެހުމެވެ. މައްސަލައިގެ ހުލާސާ ބަޔާން އަންނަ މަހު 29 ގައި އިއްވައި، އޮކްޓޯބަރު މަހުގެ ފަހު ކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅު ހުކުމް އިއްވޭނެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.

މިއަދު ދިފާއީ ވަކީލު ޔާމީން ވަނީ އިޖުރާއީ މައްސަލަތަކެއް ނަންގަވައި، މައްސަލަ މަޑުޖައްސާލުމަށް އެދިވަޑައިގެންފަ އެވެ. އެއީ މި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ބެހޭގޮތުން ނިންމި ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާތީ އާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދެއް ހަދާފައި ނުުވުމުންނެވެ. އެކަމަށް ދައުލަތުން ދެކޮޅު ހެދި އެވެ. އަދި އިސް ގާޒީ ޝަކީލު ނިންމެވީ މައްސަލަ ކުރިއަށްގެންދަވާށެވެ.

އަމީނަކީ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ. އެ މައްސަލާގައި ހައްޔަރުކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ރާއްޖޭން ބޭރަށް ގޮސްފަ އެވެ. އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެ، ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު ދޫކޮށްލީ އެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ.