Roadha Mihaaru
ޔަހޫދީ ފައްޅީގެ ހިސޯރާ ގުޅިގެން 2 މީހަކު ހައްޔަރު

ޔަހޫދީ ފައްޅީގެ ހިސޯރާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފި

17 ޖެނުއަރީ 2022

އެމެރިކާގެ ޓެކްސަސްގައި ހުރި ޔަހޫދީ ފައްޅިއެއް، މިދިޔަ ހޮނިހިރު ދުވަހު ހިސޯރުކޮށް އެ ތަނުގެ ތެރޭގައި ބަޔަކު ރަހީނުކުރި މައްސަލައިގެ ތުހުމަތުގައި އިނގިރޭސި ވިލާތުން ދެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް އިނގިރޭސި ފުލުހުން ބުނެފި އެވެ.

އެމެރިކާގެ ޓެކްސަސްގައި ހުރި ޔަހޫދީ ފައްޅިއެއް، މިދިޔަ ހޮނިހިރު ދުވަހު ހިސޯރުކޮށް އެ ތަނުގެ ތެރޭގައި ބަޔަކު ރަހީނުކުރި މައްސަލައިގެ ތުހުމަތުގައި އިނގިރޭސި ވިލާތުން ދެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް އިނގިރޭސި ފުލުހުން ބުނެފި އެވެ.

ފައްޅީގައި ރަހީނުކުރި ހަތަރު މީހުން ސަލާމަތްކުރެވުނީ ދިހަ ގަޑިއިރު ފަހުންނެވެ. އެ ފައްޅީގައި އޮތް އަޅުކަމެއްގައި ބައިވެރިވުމަށް ފައްޅިއަށް ވަދެ ތިބި ޔަހޫދީންގެ ހަތަރު މީހަކު ރަހީނުކުރީ ހަތިޔާރު އަޅައިގެން ހުރި މީހެކެވެ.

އެމެރިކާ ސަރުކާރުން ބުނި ގޮތުގައި، ޔަހޫދީ ފައްޅި އަށް ހަތިޔާރު ހިފައިގެން ވަދެ ހަތަރު މީހަކު ރަހީނުކުރީ، އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ މާލިކް ފައިސަލް އަކްރަމް، 44، ކިޔާ މީހެކެވެ. ރަހީނުކުރެވުނު މީހުން ސަލާމަތްކުރުމަށް އެފްބީއައިގެ، ރަހީނުން ސަލާމަތްކުރާ ޓީމުގެ މެމްބަރުން ހަތިޔާރާއެކު ފައްޅި ތެރެއަށް ވަދެގަނެ، ދިން ހަމަލާތަކުގައި މާލިކް ވަނީ މަރާލައިފަ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރުކުރީ އިނގިރޭސި ވިލާތުގެ މެންޗެސްޓާގެ ދެކުނު ސަރަހައްދަކުންނެވެ. ނަމަވެސް އެ ދެ ޒުވާނުންގެ ނަމެއް އުމުރެއް އަދި ޖިންސެއް ވެސް، އިނގިރޭސި ސިފައިން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

އިނގިރޭސި ފުލުހުން ބުނާ ގޮތުގައި ހަތިޔާރު ހިފައިގެން ޔަހޫދީ ފައްޅިއަށް ވަދެ އެތައް ހިސޯރުކޮށް ހަތަރު މީހުން ރަހީނުކުރި މާލިކް، އެމެރިކާ އިން އިނގިރޭސި ވިލާތަށް މީގެ ދެ ހަފުތާ ކުރިން އައެވެ. ނަމަވެސް އެނބުރި އެމެރިކާ އަށް ދިޔައީ ކޮން ދުވަހަކު ކަމެއް އިނގިރޭސި ފުލުހުން ނުބުނެ އެވެ.

އެމީހުން ރަހީނުން މިނިވަންކުރުމަށް ބަދަލެއްގެ ގޮތުގައި ބޭނުންވީ، ޖަލުގައި ހައްޔަރުކޮށްފައި ހުރި ޓެރަރިސްޓަކު މިނިވަން ކުރާށެވެ. ހަތިޔާރު އަޅައިގެން ހުރި މީހާ އާއި ޓެކްސަސްގެ ފުލުހުންނާ ދެމެދު އެތައް އިރެއް ވަންދެން ހަމަލާ ބަދަލުކުރުމަށް ފަހު، ހާދިސާ ނިމުމަކަށް އައީ ހަތިޔާރު އަޅައިގެން ހުރި މީހާ މަރައިލުމުންނެވެ.

ޔަހޫދީ ފައްޅީގައި އަޅުކަމުގެ ކަންތައް ހިނގަމުން ދަނިކޮށް، ހޮނިހިރު ދުވަހުގެ މެންދުރު ކުރި 11:00 ހާއިރު އަކްރަމް އެތަނަށް ވަނީ، އޭނާއަކީ ބޯހިޔާވަހިކަމެއް ނެތް މީހެއް ކަމަށް ބުނެ އޮޅުވާލައިގެންނެވެ. އެއަށް ފަހު އޭނާގެ އަތުގައި އޮތް ހަތިޔާރުން ބިރު ދައްކައިގެން ހަތަރު މީހަކު ރަހީނުކޮށް، އިމާރާތުގައި ބޮން ހަރުކޮށްފައިވާ ކަމަށް ބުނެ އިންޒާރު ދިނެވެ. ރަހީނުކުރި މީހުން މިނިވަންކުރުމުގެ ބަދަލަކަށް އޭނާ ބޭނުންވީ، އެމެރިކާގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ "ލޭޑީ އަލްގާއިދާ"ގެ ނަމުން މަޝްހޫރުވެފައިވާ އާފިޔާ ސިއްދީގު ޖަލުން މިނިވަން ކުރުމަށެވެ.

އަކްރަމް ރަހީނުކުރި މީހުންގެ ތެރޭގައި އެ ފައްޅީގެ އިސް ފާދިރީ ވެސް ހިމެނެ އެވެ. އެމީހުން ރަހީނުކުރިތާ ހަ ގަޑިއިރު ފަހުން، އޭގެ ތެރެއިން އެކަކު މިނިވަންކޮށް ދޫކޮށްލި އެވެ. ދެން ތިބި ތިން މީހުން ސަލާމަތް ކުރީ، އެފްބީއައިގެ އޭޖެންޓުން ފައްޅީގެ ތެރެއަށް ވަދެ ދިން ހަމަލާތަކުގައި އަކްރަމް މަރައިލުމަށް ފަހު އެވެ.

އާފިޔާ ސިއްދީގަކީ، އަފްގާނިސްތާނުގައި އެމެރިކާ ސިފައިން މެރުމަށް މަސައްކަތްކުރުމުގެ ކުށް ސާބިތުވެ، ނިއު ޔޯކް ކޯޓުން ކުރި ހުކުމަކާ ގުޅިގެން 86 އަހަރަށް ޖަލަށް ލާފައި ހުރި ޕާކިސްތާނުގެ ސައެންސްވެރިއެކެވެ.