Roadha Mihaaru
އަސާންޖް މިނިވަންވެއްޖެ، އެމެރިކާއާ އެކު ހެދީ ޑީލެއް!

ޖޫލިއަން އަސާންޖް މިނިވަންވެއްޖެ؛ އެމެރިކާއާ އެކު އިއުތިރާފް އެއްބަސްވުމެއް ހަދަނީ

25 ޖޫން 2024

އެމެރިކާގެ އަސްކަރީ ސިއްރުތައް ލީކްކުރި ކަމުގެ ތުހުމަތަށް އެމެރިކާއިން ހައްޔަރުކުރަން ބޭނުންވާތީ އިނގިރޭސި ވިލާތުން ބަންދުގައި ބަހައްޓައިގެން އުޅުނު ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އެމެރިކާއާ އެކު ޑީލެއް ހަދަން އެއްބަސްވުމުން ފަސް އަހަރު ފަހުން ބަންދުން ދޫކޮށްލައިފި އެވެ.

އެމެރިކާގެ އަސްކަރީ ސިއްރުތައް ލީކްކުރި ކަމުގެ ތުހުމަތަށް އެމެރިކާއިން ހައްޔަރުކުރަން ބޭނުންވާތީ އިނގިރޭސި ވިލާތުން ބަންދުގައި ބަހައްޓައިގެން އުޅުނު ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އެމެރިކާއާ އެކު ޑީލެއް ހަދަން އެއްބަސްވުމުން ފަސް އަހަރު ފަހުން ބަންދުން ދޫކޮށްލައިފި އެވެ.

ވިކިލީކްސް އިން ހާމަކޮށްފައިވާ ގޮތުގައި އޮސްޓްރޭލިއާ މީހެއް ކަމަށްވާ އަސާންޖް މިނިވަންކުރުމާ އެކު މިހާރު ވަނީ އިނގިރޭސި ވިލާތުން ފުރައިފަ އެވެ.

ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އަސާންޖް މިނިވަންކުރީ އެމެރިކާއިން އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރެއިން އެންމެ ތުހުމަތަކަށް އިއުތިރާފްވާ ގޮތަށެވެ. މިގޮތަށް އަސާން އެއްބަސްވާނީ ޕެސިފިކްގައި އޮންނަ އެމެރިކާގެ ރަށެއް ކަމަށްވާ ނޮދަން މެރިއާނާ އައިލެންޑްސްގެ ކޯޓަށް ހުށަހަޅާ ދައުވާގަ އެވެ.

އަސާންޖް މިިގޮތަށް އެއްބަސްވުމުން އޭނާގެ މައްޗަށް 62 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ. މިއީ ފަސް އަހަރުގެ މުއްދަތެއް ކަމަށްވާއިރު އިނގިރޭސި ވިލާތުގެ ޖަލުގައި އަސާންޖް ހޭދަކުރި ފަސް އަހަރުގެ މުއްދަތު އަދަބުން އުނިވާ ގޮތަށް އެމެރިކާއާ އެކު އެއްބަސްވެފައި ވާތީ ހުކުމަށް ފަހު ވެސް އަސާންޖް މިނިވަނެއްގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެ އެވެ.

އަސާންޖް އޭޕްރީލް 2019 އިން ފެށިގެން ހުރީ އިނގިރޭސި ވިލާތުގެ ބެލްމާޝް ހައި ސެކިއުރިޓީ ޖަލުގަ އެވެ.

އަސާންޖް ހައްޔަރުކޮށް ދައުވާއުފުލަން އޭނާ އެމެރިކާއިން ބޭނުންވީ 2010 ވަނަ އަހަރުން ފެށިގެން ވިކިލީކްސްގައި ޝާއިއުކުރި އެމެރިކާގެ ސިއްރު އެތައް ހާސް ލިޔުންތަކެއްގެ މައްސަލައިގަ އެވެ. އެކަމަކު މި ހެދި ޕްލީ ބާގެއިން އެއްބަސްވުމާ އެކު 14 އަހަރުގެ "ކޯޓު ޑްރާމާ" ނިމުމަކަށް އައީ ކަމަށް ބެލެވެ އެވެ.

އެމެރިކާއާ ހަވާލު ނުވެ ކޯޓުގައި ކުރި ހަނގުރާމައިގައި އަސާންޖް ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ މީހުންގެ ބަތަލަކަށްވެފަ އެވެ. އަނެއްކޮޅުން، އެމެރިކާގެ ގައުމީ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާ މީހުންނަށް އަސާންޖް ވެފައިވަނީ ނުރައްކާތެރި މީހަކަށެވެ. އަސާންޖް ވަނީ އެމެރިކާއިން އިރާގާއި އަފްޣާނިސްތާނުގައި ކުރި ހަނގުރާމައިގެ އެތައް ސިއްރެއް ދުނިޔެއަށް ހާމަކޮށް އެމެރިކާގެ ޖަރީމާތައް ފަޅާއަރުވާލައިފަ އެވެ.