Roadha Mihaaru
ސައްހަ ނޫން ކާޑަކުން ބައި މިލިއަން ދެއްކުމުން ޖަލަށް

ސައްހަ ނޫން ކާޑަކުން ބައި މިލިއަނެއްހާ ރުފިޔާ ދެއްކުމުން ދޮޅު އަހަރަށް ޖަލަށް

17 ޖެނުއަރީ 2022

ސައްހަ ނޫން ކާޑެއް ބޭނުން ކޮށްގެން ބައި މިލިއަނެއްހާ ރުފިޔާ ދެއްކި ބިދޭސީއަކު ދޮޅު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސައްހަ ނޫން ކާޑެއް ބޭނުން ކޮށްގެން ބައި މިލިއަނެއްހާ ރުފިޔާ ދެއްކި ބިދޭސީއަކު ދޮޅު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އިންޑިއާގެ މީހަކު، އެހެން މީހަކަށް ބޭރުގެ ބޭންކަކުން މިދިޔަ އަހަރު ދޫކޮށްފައިވާ ކާޑެއް ކްލޯން ކޮށްގެން އުފައްދާފައިވާ ސައްހަ ނޫން ކާޑަކުން ރާއްޖޭގެ ކުންފުންޏަކަށް 31،800 ޑޮލަރު (490،000 އަށް ވުރެ ގިނަ ރުފިޔާ) ދެއްކި އެވެ. އެ މައްސަލާގައި އޭނާ މައްޗަށް ދައުލަތުން ކުރީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ ދައުވާ އަށް އެ މީހާ ކޯޓުގައި އިއުތިރާފު ވެފައި ވާތީ، އެ ދައުވާ ސާބިތުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިދޭން އެ މީހާ އެދުނަސް، މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަށް ބަލާއިރު، އެއީ ޖިނާއީ ބޮޑު ކުށެއް ކަމަށާއި އަދަބު ކަނޑައެޅުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ހަދާފައިވާ އުސޫލުގެ ދަށުން ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރެވޭނީ ޖިނާއީ ބޮޑު ކުށަކަށް ނުވާ ނަމަ ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، މަކަރާއި ހީލަތް ހެދުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.

މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އަސާސީ އަދަބަކަށް ގާނޫނުލްއުގޫބާތުގައި އޮންނަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.