Roadha Mihaaru
އޮޅުވާލައިގެން ދެ މިލިއަން ހޯދުމުން ހަ އަހަރަށް ޖަލަށް

އެޕާޓްމެންޓް ދޭނެ ކަމަށް ބުނެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ހަ އަހަރަށް ޖަލަށް

15 ނޮވެމްބަރ 2022

ދިގު މުއްދަތަކަށް އެޕާޓްމެންޓް ކުއްޔަށް ދޭނެ ކަމަށް ބުނެ ބައެއްގެ އަތުން 2.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ހަ އަހަރަށް ޖަލަށްލައި އަދި އިތުރު ދެ އަހަރަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދިގު މުއްދަތަކަށް އެޕާޓްމެންޓް ކުއްޔަށް ދޭނެ ކަމަށް ބުނެ ބައެއްގެ އަތުން 2.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ހަ އަހަރަށް ޖަލަށްލައި އަދި އިތުރު ދެ އަހަރަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޅ. ހިންނަވަރު އަންބަރީގޭ އިބްރާހިމް ނަޒީދުގެ މައްޗަށް އެ ހުކުމް އައީ މާލޭގެ އެޕާޓްމެންޓްތަކެއް އޭނާ ކުއްޔަށް ހިފުމަށް ފަހު، އެ ތަންތަން ދިގު މުއްދަތަކަށް އޭނާ އަށް ކުއްޔަށް ދެވޭނެ ކަމަށް ބުނެ ސައްހަ ނޫން އެއްބަސްވުންތަކެއް ދައްކައިގެން ތިން މީހެއްގެ އަތުން 2.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމުންނެވެ.

އޭނާގެ މައްޗަށް ޓެކުމުގެ ކުށް ސާބިތުވީ ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން އޭނާ ކުށަށް އެއްބަސްވުމުންނެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާގެ އަދަބު ލުއިކުރަން ދައުލަތުން އެއްބަސްވި އެވެ.

ތިން ދައުވާގައި ކޮންމެ ކުށަކަށް އޭނާ އަށް އިއްވީ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެއް ދައުވާގައި އަދަބުގެ ދެ ބައިކުޅަ އެއް ބައި ކަމަށްވާ އަހަރާއި ދެ މަހާއި 12 ދުވަހުގެ އަދަބު ގޭ ބަންދުގެ އަދަބަކަށް ބަދަލު ކުރުމުން އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ ހަ އަހަރުގެ ޖަލު ހުކުމެކެވެ.

ބާކީ އޮތް އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް ގޭ ބަންދުގެ އަދަބަކަށް ބަދަލުކުރުމުން އޭނާ ގޭ ބަންދުގައި އިތުރު ދެ އަހަރާއި ހަތަރު މަހުގެ ގޭ ބަންދުގެ އަދަބެއް ތަންފީޒު ކުރަން ޖެހޭނެ އެވެ.

ފައިސާ ގެއްލުނު ތިން މީހުންނަށް އެ ފައިސާ ހަ މަސް ތެރޭގައި ދައްކަން ވެސް ކްރިމިނަލް ކޯޓުން ވަކިވަކިން އިއްވި ހުކުމުގައި އެންގި އެވެ.