Roadha Mihaaru
ރެޑްކްލިފަށް ލަވަކިޔުންތެރިއެއްގެ ބަޔޮޕިކެއް

ރެޑްކްލިފަށް ލަވަކިޔުންތެރިއެއްގެ ބަޔޮޕިކެއް

20 ޖެނުއަރީ 2022

"ހެރީ ޕޮޓާ" ގެ ތަރި ޑެނިއަލް ރެޑްކްލިފަށް ލަވަކިޔުންތެރިއެއްގެ ބަޔޮޕިކް ފިލްމެއް ކުޅެން ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ހެރީ ޕޮޓާ" ގެ ތަރި ޑެނިއަލް ރެޑްކްލިފަށް ލަވަކިޔުންތެރިއެއްގެ ބަޔޮޕިކް ފިލްމެއް ކުޅެން ލިބިއްޖެ އެވެ.

ޑެޑްލައިނުން ބުނި ގޮތުގައި 32 އަހަރުގެ އެކްޓަރު ސޮއިކުރީ ފަސް ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ އެލްފްރެޑް މެތިއު "ވިއަޑް އޭއައި" ޔަންކޮވިކްގެ ވާހަކަ ކިޔައިދޭ ފިލްމަށެވެ. އެމެރިކާ އަށް އުފަން 62 އަހަރުގެ އެ ލަވަކިޔުންތެރިޔާ އަކީ ހިޓް ލަވަތައް ކަމަށްވާ "އީޓް އިޓް" އާއި "އެމިޝް ޕެރަޑައިސް" އަދި "ލައިކް އަ ސާޖަން" ފަދަ ލަވަތަކުގެ އަޑުގެ ވެރިޔާ އެވެ.

ޔަންކޮވިކްގެ ފިލްމު ހަދަން ނިންމާފައި ވަނީ "ވިއަޑް: ދި އޭއައި ޔަންކޮވިކް ސްޓޯރީ" ގެ ނަމުގަ އެވެ. މީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި އާއި ސްކްރީންޕްލޭގައި ވެސް ޔަންކޮވިކް ހިއްސާވާ އިރު، އޭނާ ބުނީ ބަޔޮގްރެފިކަލް ޑްރާމާއެއް ކުޅެން ރެޑްކްލިފް އެއްބަސްވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަހަންނަށް ވަރަށް ޔަގީން އަހަރެންގެ ރޯލަށް އޭނާ ވަރަށް މޮޅަށް އިންސާފު ވެސް ކޮށްދޭނެ ކަމަށް،" ޔަންކޮވިކް ބުންޏެވެ.

"ވިއަޑް: ދި އޭއައި ޔަންކޮވިކް ސްޓޯރީ" ގެ ސްކްރީންޕްލޭގައި މީގެ ޑައިރެކްޓަރު އެރިކް އެޕީލް ވެސް ހިއްސާވެ އެވެ. ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ލޮސް އެންޖަލަސްގައި ފަށާނެ އެވެ.

ރެޑްކްލިފްގެ ކުރިއަށް އޮތް ފިލްމަކީ މާޗް 25 އަށް ތާވަލުކޮށްފައި އޮތް "ދަ ލޮސްޓް ސިޓީ" އެވެ. މީގެ ކާސްޓްގައި ސެންޑްރާ ބްލޮކާއި ޗެނިން ޓޭޓަމް ވެސް ހިމެނެ އެވެ. ރެޑްކްލިފް އެންމެ ފަހުން ފެނިފައިވާ ފީޗާ ފިލްމަކީ 2020 ގެ "އެސްކޭޕް ފްރޮމް ޕްރެޓޯރިއާ" އެވެ.