Roadha Mihaaru
އައްޑޫ ކޮވިޑް: މަރަދޫގެ ކޭސްތައް އިތުރުވަނީ

އައްޑޫ ކޮވިޑް-19: މަރަދޫގެ ކޭސްތައް އިތުރުވަނީ

18 ޖުލައި 2021

އައްޑޫން ކޮވިޑްގެ ކޭސްތައް ފެންނަ ފެށި ދުވަސްވަރު އެއްވެސް ކޭހެއް ނެތް އަވަށެއްގެ ގޮތުގައި ފާހަގަކުރެވުނު މަރަދޫގައި އެ ބަލި ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން ކޮވިޑްގެ ކޭސްތައް ފެންނަ ފެށި ދުވަސްވަރު އެއްވެސް ކޭހެއް ނެތް އަވަށެއްގެ ގޮތުގައި ފާހަގަކުރެވުނު މަރަދޫގައި އެ ބަލި ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކަން ފަށައިފި އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން އެންމެ ފަހުން ރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު މަރަދޫގައި ޖުމުލަ 29 އެކްޓިވް ކޭސް އުޅެ އެވެ. އައްޑޫން އިއްޔެ ކޮވިޑަށް ޕޮޒިޓިވް ތިން މީހުންނަކީ ވެސް އެ އަވަށުގެ މީހުންނެވެ. އެއީ ޑައިރެކްޓަރު ކޮންޓެކްޓުންނެވެ.

މަރަދޫން ޕޮޒިޓިވް މީހުންގެ ތެރޭގައި ރެންޑަމް ސާމްޕަލްތަކުން ވެސް ޕޮޒިޓިވް މީހުން ހިމެނެ އެވެ.

މަރަދޫގެ ކޭސްތައް އިތުރުވަމުންދާ އިރު މި އަހަރުގެ ފެބްރުއަރީގައިި އައްޑޫން އަލަށް ކޭސްތައް ފެނުނު ދުވަސްވަރު އެ އަވަށް ފާހަގަކުރެވެނީ އެއްވެސް ކޭހެއް ނެތް އަވަށެއްގެ ގޮތުގަ އެވެ. އަދި އެޕްރީލް މަހުގެ ފަހުކޮޅު އަނެއްކާ ވެސް ހާލަތު ގޯސްވެ، ހުރިހާ އަވަށަކުން ކޭސްތައް ފެނި އަދަދު މައްޗަށް އަރައިގެން ދިޔަ އިރު ވެސް މަރަދޫން ކޮވިޑް ޖެހުނު ބަޔަކު ފެނިފައެއް ނުވެ އެވެ، އެކަމަކު އެ އަވަށުގެ ހާލަތު ބަދަލުވާން ފެށީ މެއި މަހުގެ ފަހުކޮޅު އެވެ. އޭގެ ފަހުން ކޭސްތައް އިތުރުވާން ފަށައި ބައެއް ދުވަސްވަހު އަދަދު 10 އަށް ވެސް އަރައިގެން ގޮސްފައިވެ އެވެ.

މިހާރު ޖުމްލަކޮށް މުޅި އައްޑޫގެ ކޮވިޑްގެ ހާލަތަށް ބަލާ އިރު ކޭސްތައް އެންމެ ގިނައީ ކުރިން ވެސް ގިނަ ކޭސްތައް ފެނުނު ހިތަދޫގަ އެވެ. އެ އަވަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 43 އެވެ. އައްޑޫގެ އަވަށްތަކުގެ ތެރެއިން ދެން ކޭސްތައް އުޅެނީ މި ދޭތެރެއިން އެއްވެސް ކޭހެއް ފަހުން ނުފެންނަ މަރަދޫފޭދޫގަ އެވެ. އެ އަވަށުގައި މިހާރު ޖުމްލަ ތިން ކޭހެއް އުޅެ އެވެ.

މިހާރު މުޅި އައްޑޫގެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދަކީ 75 އެވެ. އެއްވެސް ކޭހެއް ނެތް އަވަށްތަކަކީ މިދިޔަ މަހުން ފެށިގެން ހާލަތު ބޮޑުތަނުން ރަނގަޅުވި ފޭދު އާއި ވަކިން އޮންނަ ހުޅުދު އަދި މީދު އެވެ.

ހުޅުދު އާއި މީދޫ ފިޔަވައި އައްޑޫގެ ގުޅިފައިވާ އެހެން ހުރިހާ އަވަށްތަކެއް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އެކަމަކު ކޮވިޑާ އެކު ކުރިން އެޅި މައިގަނޑު ފިޔަވަޅުތަކަށް މިހާރު އޮތީ ލުއި ދީފަ އެވެ.

އެޕްރީލް މަހުން ފެށިގެން އައްޑޫން އަލުން ކޮވިޑްގެ ކޭސްތައް ފެންނަ ފެށި ފަހުން މިހާތަނަށް 544 މީހަކަށް ބަލި ޖެހިފައިވެ އެވެ. އޭގެ ތެރެއިން 467 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ބަލީގައި ދެ މީހަކު އައްޑޫން މަރުވެފައިވެ އެވެ.

މި ވަގުތު ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން އައްޑޫގައި ފަރުވާދެނީ އެންމެ މީހަކަށެވެ.

އައްޑޫގައި މިހާރު ވެސް ރޭންޑަމް ސާމްޕަލް ނަގަމުން އަންނަ އިރު، މިހާތަނަށް 12،906 ސާމްޕަލް ނަގާފައިވެ އެވެ.