Roadha Mihaaru
މާވެލްގެ "މޫން ނައިޓް" ގެ އެކްޓަރަކު މަރުވެއްޖެ

މާވެލްއިން ގެނެސްދޭން އުޅޭ ސީރީޒް "މޫން ނައިޓް" ގެ އެކްޓަރަކު މަރުވެއްޖެ

21 ޖެނުއަރީ 2022

އަންނަ މާޗު މަހު ޑިޒްނީ ޕްލަސް އިން ގެނެސްދޭން ހަމަޖެހިފައިވާ މާވެލް ސްޓޫޑިއޯގެ އާ ސީރީޒް "މޫން ނައިޓް" ގެ ރޯލެއް ކުޅެފައިވާ ފްރާންސްގެ އެކްޓަރު ގެސްޕާޑް އަލިލް މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މާޗު މަހު ޑިޒްނީ ޕްލަސް އިން ގެނެސްދޭން ހަމަޖެހިފައިވާ މާވެލް ސްޓޫޑިއޯގެ އާ ސީރީޒް "މޫން ނައިޓް" ގެ ރޯލެއް ކުޅެފައިވާ ފްރާންސްގެ އެކްޓަރު ގެސްޕާޑް އަލިލް މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 37 އަހަރުގެ އެކްޓަރު މަރުވީ ސްކީ ކުރަނިކޮށް މި މަހުގެ 17 ވަނަ ދުވަހު ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބޮލަށް ސީރިއަސް ގެއްލުންތަކަށް ލިބި ފަރުވާ ދެނިކޮށް، މިދިޔަ އަންގާރަ ދުވަހު އެވެ. ގެޒްޕާޑް އަކީ "މޫން ނައިޓް" ގައި އެންޓަން މޮގާޓް/މިޑްނައިޓް މޭންގެ ރޯލުން ފެންނާނެ ތަރި އެވެ.

މާޗު މަހުގެ 30 ގައި ސްޓްރީމްކުރަން ހަމަޖެހިފައިވާ ހަ އެޕިސޯޑްގެ މި ސީރީޒްގެ ޓައިޓަލް ރޯލު ކުޅެފައި ވަނީ އޮސްކާ އައިޒެކެވެ. އަދި ކާސްޓްގައި އީތަން ހޯކް ވެސް ހިމެނެ އެވެ.

"މޫން ނައިޓް" ޕްރޮމޯޓްކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް އޭގެ މުހިއްމު ރޯލެއް ކުޅުނު އެކްޓަރަކު މަރުވުމަކީ މުޅި ޓީމަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.

ގެސްޕާޑް މަރުވި އިރު އޭނާ ކުޅެފައިވާ ފީޗާ ފިލްމެއް ވެސް މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވެ އެވެ. އެއީ ޝޫޓިން ނިންމައި ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް "މޯ ދެން އެވާ" އެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި 2019 ގެ "ސިބީލް"، 2016 ގެ "އިޓްސް އޮންލީ ދި އެންޑް އޮފް ދަ ވޯލްޑް"، 2012 ގެ "ރައިޒް އޮފް ދަ ގާޑިއަންސް"، 2011 ގެ "ދި އާޓް އޮފް ލަވް"، 2008 "އަ ހެވެންލީ ވިންޓޭޖް"، 2007 ގެ "ހެނިބަލް ރައިޒިން" އަދި 2004 ގެ "އަ ވެރީ ލޯންގް އެންގޭޖްމަންޓް" ހިމެނެ އެވެ.