Roadha Mihaaru
147 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފި

147 މިލިއަން ރުފިޔާގެ މަޝްރޫއު ކުންފުނިތަކާ ހަވާލުކޮށްފި

01 އޮކްޓޯބަރ 2019

ގާތްގަނޑަކަށް 147 މިލިއަން ރުފިޔާގެ އެކި މަޝްރޫއު ޕްލޭނިން މިނިސްޓްރީން ތަފާތު ކުންފުނިތަކާ މިއަދު ހަވާލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގާތްގަނޑަކަށް 147 މިލިއަން ރުފިޔާގެ އެކި މަޝްރޫއު ޕްލޭނިން މިނިސްޓްރީން ތަފާތު ކުންފުނިތަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ބަނދަރު ހެދުމާއި ފެނާއި ނަރުދަމާ އެޅުން އަދި ބިން ހިއްކުމާއި އެ މަސައްކަތްތަކުގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުން ހިމެނެ އެވެ. ހަތް ކުންފުންޏަކާ އެކު ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ ސޮއިކޮށްފަ އެވެ.

ބަނދަރު ހެދުމުގެ މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އަށެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

ގުރައިދޫގެ ބަނދަރު 46 މިލިއަން ރުފިޔާ ހަވާލުކޮށްފައިވާ އިރު ވ. ރަކީދޫ ބަނދަރު ހަދަން ހަވާލުކޮށްފައި ވަނީ 18 މިލިއަން ރުފިޔާއަށެވެ.

ފެނާއި ނަރުދަމާގެ މަސައްކަތްތައް ހަވާލުކޮށްފައި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވޯޓާ އިންޖިނިއަރިން ސާވިސަސް އެފްޒެޑްއީ އަށެވެ. ފެނާއި ނަރުދަމާ އަޅަނީ ރ. އަނގޮޅުތީމާއި ހދ. ކުރިނބިގަ އެވެ. މި ދެ ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 19 މިލިއަން ރުފިޔާއަށެވެ.

މީގެ އިތުރުން 11 ރަށެއްގައި ބިން ހިއްކުމުގެ ޑިޒައިން ހެދުމާއި އީއައިއޭ ހެދުމުގެ މަސައްކަތް ވެސް އެކި ފަރާތްތަކާ ހަވާލުކޮށްފަ އެވެ. އއ. ބޮޑުފުޅަދު އާއި އެ އަތޮޅު އުކުޅަހުގައި މި މަސައްކަތް ފުރިހަމަ ކުރަން 418،340.68 ރުފިޔާ ކަނޑައަޅާފައިވާ އިރު، ތ. ހިިރިލަންދޫގަ އާއި ލ. މާވަށުގައި މި މަސައްކަތް ކުރަން ހަމަޖައްސާފައި ވަނީ 510،801.69 ރުފިޔާގެ ބަޖެޓެކެވެ. މި ހަތަރު މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

ފ. މަގޫދޫގަ އާއި އެ އަތޮޅު ފީއަލި އަދި ދ. މާއެނބޫދޫގައި ބިންހިއްކުމުގެ ޑިޒައިން ހެދުމާއި އީއައިއޭ ހެދުމުގެ މަސައްކަތްވާލުކުރީ، ދިވެހި ކުންފުންޏެއް ކަމަށްވާ ވޯޓާ ސޮލިއުޝަންސްއަށެވެ. މި ދެ މަޝްރޫއަށް 599،112.00 ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.

ހަތަރު ރަށެއްގައި އެ މަސައްކަތްކުރަން ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ މޯލްޑިވްސް އެނާޖީ އެންޑް އެންވަޔަރަމެންޓް ކޮމްޕެނީ (މީކޯ) އަށެވެ. އެއީ ގއ. ދާންދު އާއި ގދ. މަޑެވެލި، ސ. މަރަދޫ، އެ އަތޮޅު މަރަދޫފޭދޫ އެވެ. މި ހަތަރު ރަށުގައި މި މަސައްކަތް ކުރަން 792،880 ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވެ އެވެ.

ސަރުކާރުގެ ފުރަތަމަ އަހަރުގައި އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ފަށާފައި ވަނީ މި ސަރުކާރުން ކަމަށް ފިނޭންސް މިނިސްޓްރީން ރޭ ވަނީ ބުނެފަ އެވެ.