Roadha Mihaaru
އޮމަދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

އޮމަދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

18 ޖެނުއަރީ 2023

އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ހައުސިންގް މިނިސްޓްރީން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ހައުސިންގް މިނިސްޓްރީގެ އިސްވެރިންނާއި، އެމްޓީސީސީގެ އިސްވެރިން އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ފޮޓޮއަކަށް ހުއްޓިލައިގެން. -- ފޮޓޯ: އެމްޓީސީސީ

ހައުސިންގް މިނިސްޓްރީގެ އިސްވެރިންނާއި، އެމްޓީސީސީގެ އިސްވެރިން އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ފޮޓޮއަކަށް ހުއްޓިލައިގެން. -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން، 49،765 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ހާބަ ބޭސިން ފުންކޮށް، 12،105 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެ ކަމަށެވެ. އަދި 398 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި 208 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި 364.10 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮއްޓާއި ރޭމްޕާއި ކޮންކްރީޓް ޖެޓީއެއް ހަދާނެ އެވެ.

އެ މަޝްރޫއުގެ ދަށުން 1،647.11 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ބަނދަރު ހެދުމުގެ މަސައްކަތް ފަށާނީ އެންވަޔަރުމެންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) ހެދުމަށް ފަހު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދައުލަތުގެ ބަޖެޓުން 66.96 މިލިއަން ރުފިޔާ ހަރަދުކުރާ އެ މަޝްރޫއުގެ މަސައްކަތް 630 ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ.

އޮމަދޫގެ ބަނދަރުގައި ގިނަ އަދަދެއްގެ އުޅަނދުފަހަރު އަޅާފައި އޮންނައިރު، ބޮޑު އުޅަނދެއް ވަދެއްޖެ ނަމަ އެއްގަމު ތޮއްޓާ ކައިރިކޮށްލާނެ ޖާގައެއް ނުލިބޭ ކަމަށް އެމްޓީސީސީން ބުންޏެވެ. އެ ރަށުގެ ބަނދަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، މަރާމާތަށް ބޭނުންވެފައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެ ރަށުގެ ބަނދަރަށް ލިބިފައިވާ ގެއްލުންތަކުގެ ތެރޭގައި ބޭރު ގާ ތޮށި އެއްކޮށް ހަލާކުވެ ވެއްޓިފައި އޮތުމާއި އެއްގަމު ތޮށީގެ އެކިދިމާލުން ގަނބާފައި ހުރުން ހިމެނެ އެވެ. އޮމަދޫގެ ބަނދަރަށް ކޮޅުވެއްޓި ފަދަ އުޅަނދުތައް ކައިރިކޮށްލާނެ ރޭމްޕެއް ނެތުމުން ވެސް ވަނީ އެތައް ދަތިތަކާ ކުރިމަތިލާން ޖެހިފައި ކަމަށް އެމްޓީސީސީން ބުނެ އެވެ.

އޮމަދު އަކީ 853 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. އެ ރަށުގައި 13 ގެސްޓް ހައުސް އާއި މަސްވެރިކަން ކުރާ 8 އޮޑިފަހަރު އޮވެ އެވެ.