Roadha Mihaaru
އައިޖީއެމްއެޗުން ބައިލައްކަ ޕީސީއާރު ޓެސްޓު ހަދައިފި

އައިޖީއެމްއެޗުން ބައިލައްކަ އަށް ވުރެ ގިނަ ޕީސީއާރު ޓެސްޓު ހަދައިފި

17 ޖުލައި 2020

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ކޮވިޑް-19 އާ ގުޅިގެން ހެދި ޕީސީއާރު ޓެސްޓުގެ އަދަދު 50،000 އަށް ވުރެ މަތި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ކޮވިޑް-19 އާ ގުޅިގެން ހެދި ޕީސީއާރު ޓެސްޓުގެ އަދަދު 50،000 އަށް ވުރެ މަތި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ގެ ޓެސްޓު ހަދަން ފެށި އައިޖީއެމްއެޗުން ކުރި ޓުވީޓެއްގައި ބުނީ، މިއަދާ ހަމައަށް 50،000 އަށް ވުރެ ގިނަ ޕީސީއާރު ޓެސްޓު ހަދާފައިވާ ކަމަށެވެ.

ޕީސީއާރު ޓެސްޓަކީ މީހެއްގެ ގައިގައި ކޮވިޑް-19 ހުރިތޯ ބެލުމަށް ކަރުން ނުވަތަ ނޭފަތުން ސްވެބް ސާމްޕަލް ނަގައިގެން ހަދާ ޓެސްޓެވެ.

އައިޖީއެމްއެޗުގެ ޓުވީޓް

ރާއްޖޭގައި އަލަށް ކޮވިޑް-19އަށް ޓެސްޓުކުރަން ފަށާފައި ވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. ރާއްޖެ އިން އެ ބައްޔަށް ޝައްކުވާ މީހަކު މާޗު 7 ގައި ފުރަތަމަ ފަހަރަށް ފެނުމާ އެކު، ޓެސްޓު ހަދަން ފޮނުވީ އިންޑިއާގެ ޕޫނޭ އަށެވެ. އޭގެ ފަހުން ވެސް ޝައްކުވި ބައެއް މީހުންގެ ޓެސްޓުތައް ޕޫނޭގެ ލެބޯރެޓަރީއަކަށް ފޮނުވައިގެން ހެދި އެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާ އެކު، މާޗު މަހުގެ ފަހުކޮޅު އައިޖީއެމްއެޗުގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން ސަރުކާރުން ފެށި އެވެ. އެހެންވެ، ރާއްޖެ ހިމެނެނީ ކޮވިޑް-19 ދުނިޔެ އިން ފެނުނު ފުރަތަމަ ދުވަސްކޮޅު އެންމެ ފުރަތަމަ އެ ބައްޔަށް ޓެސްޓު ކުރަން ފެށި ގައުމުތަކުގެ ތެރޭގަ އެވެ.

އައިޖީއެމްއެޗުގެ އިތުރުން އޭޑީކޭ ހޮސްޕިޓަލް ފުލުހުންގެ ފޮރެންސިކް ސާވިސް އިން ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރެ އެވެ.

ކޮވިޑް-19 ޖެހިފައިވޭތޯ ދެނެގަތުމަށް ހަދާ ޕީސީއާރު ޓެސްޓުގެ އިތުރުން، ބަލި ޖެހި ރަނގަޅުވެފައިވެތޯ ބެލުމަށް ހަަދާ އެންޓިބޮޑީ ޓެސްޓު ވެސް އައިޖީއެމްއެޗުން އަންނަނީ ހަދަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 2،899 ކޭސް ފެނިފައިވާއިރު އެއީ 1،207 ދިވެހިންނާއި 1،692 ބިދޭސީންނެވެ. މީގެ ތެރެއިން 15 މީހުން މަރުވެފައިވާއިރު، 2،339 މީހުން ވަނީ ބަލި ރަނގަޅުވެފަ އެވެ.