Roadha Mihaaru
އިންޑިއާ-ޗައިނާގެ ވިޔަފާރި ރެކޯޑް މިންވަރަކަށް މައްޗަށް

އިންޑިއާ-ޗައިނާގެ ވިޔަފާރި ރެކޯޑް މިންވަރަކަށް މައްޗަށް

26 ޖެނުއަރީ 2022

ޗައިނާގެ މުދާ އިންޑިއާ އަށް އެތެރެކުރުން މަދު ކުރުމަށް އިންޑިއާ ސަރުކާރުން ފިޔަވަޅުތައް އަޅައި ސިޔާސަތުތައް ކަނޑައަޅައިގެން މަސައްކަތް ކުރަމުން އަންނަނިކޮށް ވެސް، މިދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރި، ރެކޯޑް މިންވަރަކަށް މައްޗަށް ހިނގައްޖެ އެވެ.

ޗައިނާގެ މުދާ އިންޑިއާ އަށް އެތެރެކުރުން މަދު ކުރުމަށް އިންޑިއާ ސަރުކާރުން ފިޔަވަޅުތައް އަޅައި ސިޔާސަތުތައް ކަނޑައަޅައިގެން މަސައްކަތް ކުރަމުން އަންނަނިކޮށް ވެސް، މިދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރި، ރެކޯޑް މިންވަރަކަށް މައްޗަށް ހިނގައްޖެ އެވެ.

ވިޔަފާރީގެ ކަންކަމުގައި ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިންޑިއާ އިން މަސައްކަތް ކުރަމުން އަންނައިރު، ސަރަހައްދީ އިމުގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އަރާރުންތައް ހައްލުނުކުރެވިގެން އުޅޭތާ ވެސް އެތައް އަހަރެއް ވެއްޖެ އެވެ.

ޗައިނާ ސަރުކާރުން އާންމުކޮށްފައިވާ ރަސްމީ ހިސާބުތަކަށް ބަލާއިރު، މިދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި އިންޑިއާ ވަނީ ޗައިނާއިން 66.7 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ އިމްޕޯޓް ކޮށްފަ އެވެ. ނަމަވެސް ހުސްވި 2021 ވަނަ އަހަރުގެ ތެރޭގައި ޗައިނާ އިން އިންޑިއާއަށް އިމްޕޯޓްކުރި މުދަލުގެ އަގު 97.5 ބިލިއަން ޑޮލަރަށް އަރަ އެވެ.

ހަމައެކަނި އިމްޕޯޓަށް ބަލާއިރު، ޗައިނާ އިން އިންޑިއާއަށް މިދިޔަ އަހަރު އިމްޕޯޓްކުރި މިންވަރު ވަނީ، އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު، 46.1 ޕަސެންޓް އިތުރުވެފަ އެވެ. ނަމަވެސް 2019 ވަނަ އަހަރު ޗައިނާ އިން އިންޑިއާ އަށް އިމްޕޯޓް ކުރި މިންވަރާ އަޅައި ބަލާއިރު، މިދިޔަ 2021 ވަނަ އަހަރު ކުރި އިމްޕޯޓްގެ މިންވަރު އިތުރުވެފައިވަނީ، 30.3 ޕަސެންޓެވެ.

ދެ ގައުމުގެ ދެމެދުގައި މިދިޔަ 2021 ވަނަ އަހަރު ކުރެވުނު ވިޔަފާރީގެ މުއާމަލާތްތައް ވަނީ، އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 43.3 ޕަސެންޓަށް އިތުރުވެފަ އެވެ. ޗައިނާގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، އިންޑިއާ އާއި ޗައިނާއާ ދެމެދު 2021 ވަނަ އަހަރު ކުރެވުނު ވިޔަފާރީގެ މުއާމަލާތްތަކުގެ އަގަކީ 125.7 ބިލިއަން ޑޮލަރެވެ.

ޗައިނާ އިން އިންޑިއާ އަށް އިމްޕޯޓްކުރި މިންވަރު މިހާ ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން، އިންޑިއާ އިން ޗައިނާއަށް އަދާކުރަންޖެހޭ ވިޔަފާރީގެ ދަރަނި ވަނީ ރެކޯޑް މިންވަރަކަށް މަތިވެފަ އެވެ. އިންޑިއާ އިން ޗައިނާއަށް އަދާކުރަންޖެހޭ ވިޔަފާރީގެ ދަރަނީގެ މިންވަރު، 2019 ވަނަ އަހަރު 56.8 ބިލިއަން ޑޮލަރުގައި ހުރި އިރު، އެ މިންވަރު 2020 ގައި ވަނީ 45.9 ބިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

ނަމަވެސް މިދިޔަ އަހަރު އެ މިންވަރު ވަނީ، އޭގެ ކުރީ ދެ އަހަރަށް ވުރެ ވެސް މައްޗަށް ޖެހި، 69.4 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.