Roadha Mihaaru
ސެމްސަންގުން "ޑަބަލް ފޯލްޑިން" ފޯން ނެރެނީ

ސެމްސަންގުން "ޑަބަލް ފޯލްޑިން" ފޯން ނެރެނީ

25 މާޗް 2021

ފަތްޖެހި ފޯނު އެންމެ ފުރަތަމަ މާކެޓަށް ނެރުމުގެ ޝަރަފު ހޯދި ދެކުނު ކޮރެއާގެ ކުންފުނި ސެމްސަންގުން އެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފަތްޖެހި ފޯނު އެންމެ ފުރަތަމަ މާކެޓަށް ނެރުމުގެ ޝަރަފު ހޯދި ދެކުނު ކޮރެއާގެ ކުންފުނި ސެމްސަންގުން އެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން ތައްޔާރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ސެމްސަންގުން މިހާރު އެ ކުންފުނީގެ ފަތްޖެހި ފޯނު ގެލެކްސީ ޒީ ފޯލްޑް "ޑަބަލްކޮށް ފަތްޖެހޭ" ގޮތަށް ނެރެން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެ ލޯންޗްކުރާނެ ކަމަށް ވެސް ބުންޏެވެ.

އެހެންވެ މިކަން ވާނީ އަނެއްކާ ވެސް ސްމާޓްފޯނުގެ ދާއިރާ އިން ސެމްސަންގް ހޯދާ އިތުރު ކުރިއެރުމަކަށެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ގެލެކްސީ ޒީ ފޯލްޑް އިންގިލާބީ ބަދަލާ އެކު މި ދަނޑިވަޅުގައި ގެންނަން ކުންފުނިން މަސައްކަތް ފެށި އެއް ސަބަބަކީ ގެލެކްސީ ނޯޓް ސީރީޒްގެ ފޯނުތަކަށް ބޭނުންވާ ޗިޕް ހޯދުމުގައި ތާށިތަކެއް އުޅުމެވެ.

އެކަމަކު "ޑަބަލް ފޯލްޑް" ގެލެކްސީ ޒީ ވާނީ ގެލެކްސީ ނޯޓްއާ އެއްގޮތް ކަންތައްތަކެއް ހުންނާނެ ފޯނަކަށެވެ. އެހެންވެ މީގެ އެއް އަމާޒަކަށް ވާނީ ކުރިއަށް އޮތް ތަނުގައި ގެލެކްސީ ނޯޓް ސީރީޒް އުވައިލުމެވެ.

މިކަމާ ބެހޭ ގޮތުން ސެމްސަންގުން މިހާތަނަށް އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މީޑިއާތަކުން ބުނީ އެ ކުންފުނިން "ޑަބަލް ފޯލްޑިން" ފޯނު ނެރޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅު ކަމަށެވެ.