Roadha Mihaaru
ބަގިޔާޝްރީގެ އަންހެން ދަރިފުޅު ވެސް ބޮލީވުޑަށް

ބަގިޔާޝްރީގެ އަންހެން ދަރިފުޅު ވެސް ބޮލީވުޑަށް

30 ޖެނުއަރީ 2022

ސަލްމާން ޚާނާ އެކު "މޭނޭ ޕިޔާރު ކިޔާ" ކުޅެގެން އާންމުންގެ ލޯބި ހޯދި ބަތަލާ ބަގިޔާޝްރީގެ އަންހެން ދަރިފުޅު އަވަންތިކާ ދައްސާނީ ވެސް އެކްޓިން އަށް ނުކުމެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ޚާނާ އެކު "މޭނޭ ޕިޔާރު ކިޔާ" ކުޅެގެން އާންމުންގެ ލޯބި ހޯދި ބަތަލާ ބަގިޔާޝްރީގެ އަންހެން ދަރިފުޅު އަވަންތިކާ ދައްސާނީ ވެސް އެކްޓިން އަށް ނުކުމެއްޖެ އެވެ.

އުމުރުން މިހާރު 27 އަހަރުގެ އަވަންތިކާގެ ފުރަތަމަ މަސައްކަތަކީ ވަރަށް އަވަހަށް ޒީ5 އިން ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "މިތިއާ" އެވެ. އެންމެ ހަ އެޕިސޯޑަށް ގެނެސްދޭ މި ސައިކޮލޮޖިކަލް ތުރިލާ ސީރީޒްގައި ފެންނާނީ ދެ އަންހެނެއްގެ ވާހަކަ އެވެ. އަވަންތިކާގެ އިތުރުން މީގެ އަނެއް ބަތަލާ އަކީ ހުމާ ގްރޭޝީ އެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ބަތަލާ ނީލަމް ކޮތާރީގެ ފިރިމީހާ ސަމީރު ސޯނީ އާއި ރަޖިތު ކަޕޫރްގެ އިތުރުން ޕަރަމްބްރަޓާ ޗެޓަޖީ ހިމެނެ އެވެ.

"މިތިޔާ" ގެ ޑައިރެކްޓަރަކީ "ކުޗް ނާ ކަހޯ" އާއި "ބްލަފްމާސްޓާ" އަދި "ނޯޓަންކީ ސާލާ" ފަދަ ފިލްމުތައް ގެނެސްދިން ރޯހަން ސިއްޕީ އެވެ. މީގެ ޕޯސްޓަރެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށް އަވަންތިކާ ވަނީ ރޯހަންގެ ސީރީޒުން ފުރުސަތު ލިބުމަކީ ޝުކުރުވެރިވާ ކަމެއް ކަމަށް ބުނެފަ އެވެ.

މިހާރު ވެސް މަދުމަދުން ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެންނަ ބަގިޔާޝްރީގެ އަންހެން ދަރިފުޅު އެކްޓިން އަށް ނުކުތް އިރު، އޭނާގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދައްސާނީ، 31، ބޮލީވުޑަށް ނުކުތީ 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އިންނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ނޮވެމްބަރުގައި ނެޓްފްލިކްސް އިން ގެނެސްދިން "މީނާކްޝީ ސުންދަރޭޝްވަރު" އެވެ. އަބިމަންޔޫގެ ރިލީޒްވާން ހުރި ފިލްމުތަކުގެ ތެރޭގައި "ނިކައްމާ" އާއި "އާނކް މިޗޯލީ" ހިމެނެ އެވެ.

މީގެ 33 އަހަރު ކުރިން ރިލީޒްކުރި "މޭނޭ ޕިޔާރު ކިޔާ" އިން ކިތަންމެ ބޮޑު މަޝްހޫރުކަމެއް ލިބުނަސް ބަގިޔާޝްރީ، 52، އަކީ ވަރަށް އަވަހަށް ކައިވެނިކޮށް އެކްޓިންއާ ދުރަށް ޖެހުނު ބަތަލާއެކެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް މާ ގިނަ ފިލްމުތަކެއް ވެސް ކުޅެފައެއް ނުވެ އެވެ. މިދިޔަ އަހަރު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ "ތަލައިވީ" ގެ ރޯލެއް ކުޅުނު ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޕްރަބާސްގެ "ރާދޭ ޝާމް" ހިމެނެ އެވެ.