Roadha Mihaaru
އަބިމަންޔޫ: އެންމެ ފިލްމަކުން ތައުރީފް

އަބިމަންޔޫ: އެންމެ ފިލްމަކުން ތައުރީފް

17 ޖޫން 2021

އަބިމަންޔޫ ދައްސާނީގެ ފުރަތަމަ ފިލްމު، 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އަކީ ވިޔަފާރީގެ ގޮތުން މާ ކާމިޔާބު ފިލްމެއް ނޫނެވެ. އެކަމަކު އެއީ ކްރިޓިކުންގެ ތައުރީފު އޮހުނު ފިލްމެކެވެ. ވަސަން ބާލާ ޑައިރެކްޓްކުރި "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އަކީ ބޮލީވުޑްގެ 1980 އާއި 1990 ގެ އެކްޝަން ފިލްމުތަކަށް ގެނެސްދީފައި އޮތް ސްޕޫފް އެކްޝަން ކޮމެޑީއެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަބިމަންޔޫ ދައްސާނީގެ ފުރަތަމަ ފިލްމު، 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އަކީ ވިޔަފާރީގެ ގޮތުން މާ ކާމިޔާބު ފިލްމެއް ނޫނެވެ. އެކަމަކު އެއީ ކްރިޓިކުންގެ ތައުރީފު އޮހުނު ފިލްމެކެވެ. ވަސަން ބާލާ ޑައިރެކްޓްކުރި "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އަކީ ބޮލީވުޑްގެ 1980 އާއި 1990 ގެ އެކްޝަން ފިލްމުތަކަށް ގެނެސްދީފައި އޮތް ސްޕޫފް އެކްޝަން ކޮމެޑީއެކެވެ.

މީގައިި ޒުވާން އެކްޓަރު އަބިމަންޔޫ ދެއްކި އެކްޓިން ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެވެ. އަދި އޭނާ އަކީ އުންމީދީ އެކްޓަރެއްގެ ގޮތުގައި ބަލައިގަތެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އަބިމަންޔޫ އަކީ ލޭގައި ވެސް އެކްޓިން ހުނަރު ހުރި ޒުވާނެކެވެ. މަންމަ އަކީ 1989 ގެ މަޝްހޫރު ފިލްމު "މޭނޭ ޕިޔާރު ކިޔާ" ކުޅެގެން އާންމުންގެ ލޯބި ހޯދި ބަތަލާ ބަގިޔާޝްރީ އެވެ.

މަންމަގެ ފަހަތުން އަބިމަންޔޫ، 31، އެކްޓިން އަށް ނުކުތް ނަމަވެސް އޭނާގެ އާއިލާގެ ތެރޭގައި ފިލްމީ ފޯރި މާ ގަދައެއް ނޫނެވެ. ބަގިޔާޝްރީ ވެސް ކެރިއަރުގެ އެންމެ ކުރީކޮޅުގައި ކައިވެނިކޮށް، މިހާރު އެކްޓިން އަށް ވަގުތު ދެނީ ވަރަށް ވެސް މަދުންނެވެ. އަނެއްކޮޅުން އަމިބަންޔޫގެ ބައްޕަ ހިމާލަޔާ ދައްސާނީ އާއި ކޮއްކޮ އަވަންތިކާ ދައްސާނީ، 23، އަކީ ވެސް ފިލްމީ ދާއިރާއާ ވަރަށް ދުރު ބައެކެވެ.

އެހެންވިޔަސް އަބިމަންޔޫ އަކީ މި ފަހުން ބޮލީވުޑަށް ނުކުތް އެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކެވެ. އޭނާގެ އަދި ރިލީޒްވި އެންމެ ފިލްމެއް ނަމަވެސް ކުރިއަށް ޕްރޮޖެކްޓްތަކެއް އެބަ ހުއްޓެވެ.

އޭގެ ތެރެއިން އެއް ފިލްމަކީ ބަތަލާ ޝިލްޕާ ޝެޓީ އެކްޓިންއާ ދުރުގައި އެތައް އަހަރެއް ވަންދެން ހުރުމަށް ފަހު އެނބުރި އަންނަން ސޮއިކުރި ފިލްމު "ނިކައްމާ" އެވެ. މި ފިލްމަކީ މިދިޔަ އަހަރު ޝޫޓިން ނިންމައިލި ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ހެދި އަދި ރިލީޒްކުރާނެ އިރެއް އިއުލާންނުކޮށް އޮތް ފިލްމެކެވެ.

"ހީރޯޕަންތީ" އާއި "ބާގީ" ގެ ޑައިރެކްޓަރު ސަބީރް ޚާން ގެނެސްދޭ "ނިކައްމާ" ގައި އަބިމަންޔޫގެ ކޯ-ސްޓާރަކީ އަލަށް ތައާރަފުކުރާ ޝާލީ ސެތިއާ އެވެ.

ކުރިއަށް ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި އަބިމަންޔޫ ފެންނާނެ އެއްޗެހީގެ ތެރޭގައި އުމޭޝް ޝުކްލާގެ "އާނކް މިޗޯލީ" ހިމެނެ އެވެ. މީގެ ކާސްޓުންގެ ތެރޭގައި މުރްނާލް ތާކޫރާއި ޕަރޭޝް ރާވަލް ހިމެނެ އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެއް ވެސް އަބިމަންޔޫގެ އަތުގައި އެބައޮތެވެ. ނެޓްފްލިކްސް އަށް ހަދާ ފިލްމަކީ ސާނިއާ މަލްއުތުރާ ބަތަލާގެ ރޯލު ފެންނާނެ "މީނާކްޝީ ސުންދަރޭޝްވަރް" އެވެ.

ބޮލީވުޑަށް އަބިމަންޔޫ ނުކުތީ އެކްޓިން ވެސް ކިޔައިގެންނެވެ. އެމެރިކާގެ ނިއު ޔޯކް ފިލްމު އެކެޑެމީ އިން ފިލްމު މޭކިން ކިޔެވުމުގެ ކުރިން، އެކްޓިން ދަސްކުރަން ރަސްމީކޮށް އެންމެ ފުރަތަމަ އޭނާ ދިޔަ ތަނަކީ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރްގެ އެކްޓިން ސްކޫލެވެ.

އެކްޓަރެއްގެ ގޮތުގައި ދަތުރު ފަށައިގަތުމުގެ ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަ އަބިމަންޔޫ ވަނީ ދެ ފިލްމެއްގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައ ވެސް މަސައްކަތްކޮށްގަ އެވެ. އެއީ ޑައިރެކްޓަރު ރޯހަން ސިއްޕީއާ އެކު 2011 ގެ "ދަމް މަރޮ ދަމް" އާއި 2013 ގެ "ނޯޓަންކީ ސާލާ" ގަ އެވެ.

ބޮލީވުޑްގެ އެހެން އެކްޓަރުންނެކޭ އެއްގޮތަށް އަބިމަންޔޫ އަކީ އަބަދު ވެސް ފިޓްނެސް ވަރަށް އިސްކަންދޭ ތަރިއެކެވެ. ފިލްމު ކުޅެން ފެށި ފަހުން ހަށިގަނޑު ރީތީކޮށް ބަހައްޓަން ވަކިން ބޮޑަށް އޭނާ މަސައްކަތްކުރެ އެވެ.