Roadha Mihaaru
ކޮރެއާގެ ބޭންޑް "އެޕްރީލް" ރޫޅިއްޖެ

ކޮރެއާގެ އަންހެން ބޭންޑް "އެޕްރީލް" ރޫޅިއްޖެ

31 ޖެނުއަރީ 2022

ދެކުނު ކޮރެއާގެ މަޝްހޫރު އަންހެން ބޭންޑް "އެޕްރީލް" ރޫޅިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެކުނު ކޮރެއާގެ މަޝްހޫރު އަންހެން ބޭންޑް "އެޕްރީލް" ރޫޅިއްޖެ އެވެ.

ދެހާސް ފަނަރައިގައި ވުޖޫދަށް އައި ހަ މެމްބަރުން ހިމެނުނު ބޭންޑް އުވާލަން ނިންމިކަން އިއުލާންކުރީ ބޭންޑް ވުޖޫދަށް ގެނައި ޑީއެސްޕީ މީޑިއާއިންނެވެ. އެތަނުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ "އެޕްރީލް" ގެ މެދުގައި ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު، ބޭންޑް މިހާރު އުވާލަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެގޮތަށް ނިންމި ސަބަބެއް ހާމައެއްނުކުރެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޭންޑް އުވާލަން ނިންމީ މެމްބަރުންގެ ފަރާތުން އޭގެ ކުރީގެ މެމްބަރެއް ކަމަށްވާ ލީ ހިއުން-ޖޫ އަށް ކުރިމަތިވި ބުލީގެ އަމަލުތަކާ ހެދި އާންމުންގެ ފަރާތުން ކުރިމަތިވި ޕްރެޝަރުތަކާ ހެދި އެވެ.

ޑީއެސްޕީ މީޑިއާ އިން ބުނީ "އެޕްރީލް" އުވާލި ނަމަވެސް އޭގެ މެމްބަރުން އެ މީހުންގެ އަމިއްލަ މިއުޒިކީ ކެރިއަރުގައި ކުރިއަށް ދާނެ ކަމަށެވެ. އަދި ފާއިތުވި މުއްދަތުގެ ތެރޭގައި ފޭނުންނާއި ސަޕޯޓަރުންގެ ފަރާތުން ބޭންޑަށް ދިން ތަރުހީބާއި ލޯތްބަށްޓަކައި ޝުކުރުއަދާކުރާ ކަމަށް ބުންޏެވެ.

"އެޕްރީލް" ގެ މެމްބަރުންނަކީ ޗައެކްޔުންގް، ޗައޭވޮން، ނައޭއުން، ޔީނާ، ރެޗެލް އަދި ޖިންސޯލް އެވެ.

ދެހާސް ވިހީގެ ރައިޒިން ސްޓާ އެވޯޑްސްގައި އަންހެން ބޭންޑް ކެޓަގަރީން ބްރޭންޑް އޮފް ދި އިޔާ އެވޯޑްސް ވެސް ލިބުނު ބޭންޑްގެ އެންމެ ފަހުގެ އަލްބަމަކީ އެ އަހަރު ނެރުނު "ހެލޯ ސަމާ" އެވެ. "އެޕްރީލް" އެންމެ ހިޓް އެއް ލަވަ އަކީ "ޑްރީމް ކޭންޑީ" އެވެ.