Roadha Mihaaru
އަންހެނުންނަށް ގިނައިން ބުލީކުރަނީ އަންހެނުން

އަންހެނުންނަށް ގިނައިން ބުލީކުރަނީ އަންހެނުން

28 އޯގަސްޓް 2018

އަންހެނުންނަށް ގިނައިން ބުލީކުރަނީ އަންހެނުން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންހެނުންނަށް ގިނައިން ބުލީކުރަނީ އަންހެނުން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ޑިވެލޮޕްމަންޓް އެންޑް ލާނިން އިން އޮގަނައިޒޭޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނި ގޮތުގައި އަންހެނުންގެ ތެރެއިން 70 ޕަސެންޓް މީހުންނަށް އެ މީހުންނާ އެކު އުޅޭ އަންހެނުންގެ ފަރާތުން ބުލީކުރުމާ ކުރިމަތިވާ ކަމަށެވެ.

އެގޮތުން މަސައްކަތުގެ މާހައުލުގައި އަންހެނުންގެ ފަރާތުން އަންހެނުންނަށް ކުރިމަތިވާ ގޯނާތައް ގިނަކަން ފާހަގަކުރެވޭ ކަމަށް ބުންޏެވެ. މި ގޯނާ، ރިޕޯޓްގައި ސިފަކޮށްފައި ވަނީ "ކްއީން ބީ ސިންޑްރޯމް" ގެ ގޮތުގަ އެވެ. މިއީ އަނެކާގެ ފެންވަރެއް ނެތްކަމާއި އޭނާ ދަށްކޮލުމުގެ ގޮތުން ރައްދުކުރާ ބަސްތަކާއި އަމަލުތަކުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލައެކެވެ.

ދިރާސާ ހަދަން އިސްކޮށް ހަރަކާތްތެރިވި ލަންޑަން ގްލޯބަލް ޝޯކޭސް ޕްލެޓްފޯމް ޓެކް ވިމެންގެ ބާނީ އަދި ޗެއާ ސެސިލިއާ ހާވީ ވިދާޅުވި ގޮތުގައި "ކްއީން ބީ ސިންޑްރޯމް" އަކީ މިހާރު މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް އެންމެ ބޮޑަށް ކުރިމަތިވާ މައްސަލަ އެވެ.

"މިކަމުގެ ސަބަބުން އަންހެނުންގެ ކެރިއާ ވެސް ހަލާކުވެގެން ދާ ތަން އެބަ ފެނޭ. އެއްވެސް ސިފައެއްގައި އެއްވެސް މީހަކާ ކުޑައިމީސްކޮށް ކަންތައް ކުރުމަކީ ބަލައިގަނެވޭ ކަންކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. "އަންހެނުންގެ ތެރޭގައި އަންހެނުންނަށް ބުލީ ކުރުމުގެ މައްސަލަތައް މިހާރު ވަރަށް ބޮޑު. އަދި މިއީ އެނގިގެންނާއި ނޭނގި ނަމަވެސް ކުރެވޭ ވަރަށް ގޯސް ކަމެއް."

ދިރާސާގައި ބުނި ގޮތުގައި މަސައްކަތުގެ މާހައުލުގައި ބުލީގެ ޝިކާރައަކަށްވާ މީހުންގެ ނިސްބަތް މިހާރު 58 ޕަސެންޓަށް އަރަ އެވެ. އަދި އޭގައި ފާހަގަކޮށްފައިވާ ގޮތުގައި "ކްއީން ބީ ސިންޑްރޯމް" ގެ ސަބަބުން އުފެއްދުންތެރިކަން ދަށްވެ، މަސައްކަތަށް މުވައްޒަފުންގެ ޝައުގުވެރިކަން ކުޑަވެ އެވެ. އަދި މިކަމުގެ ސަބަބުން މާލީ ގޮތުން ވެސް ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.

"އެހެންވެ ވަކިން ހާއްސަކޮށް މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދޭން ޖެހޭ،" ސިސިލިއާ ވިދާޅުވި އެވެ. "އަންހެނުން އިސް މަގާމުތަކަށް ގެންނަން ބޭނުންވާ ނަމަ، އެކަން ކުރެވެން އޮތީ ވެސް ކްއީން ބީއާ ދޭތެރޭ ވެސް ފިޔަވަޅުތަކެއް އެޅޭނެ ގޮތެއް އޮވެގެން."