Roadha Mihaaru
އިންޑިއާ އައުޓަށް އަމާޒުކޮށް ހަދާ ބިލުގައި ޖަލު އަދަބު

"އިންޑިއާ އައުޓް" އަށް އަމާޒުކޮށް ހަދާ ބިލުގައި ޖަލު އަދަބު

30 ޖެނުއަރީ 2022

ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގައިފި ނަމަ އަދަބު ލިބޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގައިފި ނަމަ އަދަބު ލިބޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި އެވެ.

"ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" މަޖިލީހަށް ހުށަހަޅާނެ މެންބަރަކު ވެސް އަދި ކަނޑައެއް ނާޅަ އެވެ. އެކަމަކު މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި ހަފުތާގައި ފެށުމުން ބިލް ހުށަހަޅަން ތައްޔާރުވަމުން އަންނަކަން ވަނީ އެނގިފަ އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަސައްކަތް ފަށާފައި ވާއިރު، އިދިކޮޅު ފަރާތްތަކުން "އިންޑިޔާ އައުޓް" ގެ ނަމުގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ކެމްޕެއިން ވަނީ ވަރުގަދަކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ މި ކެމްޕެއިން ފުޅާކުރުމާއެކު، އެމްޑީޕީގެ ލީޑަޝިޕާއި ސަރުކާރު ހިންގާ ކޯލިޝަނުން ވަނީ "އިންޑިޔާ އައުޓް" ގޮވުން ހުއްޓުވައި، އެކަން ކުރާ މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ.

ޑްރާފްޓުގައި ވަނީ ބިލުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު، ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށެވެ.

ޑްރާފްޓްގައިވާ ގޮތުން، އެފަދަ އަމަލެއް ކަމަށް ބެލެވޭނީ ގާނޫނީ އަދި ބައިނަލްއަގުވާމީ ހަމަތަކާއި ދެ ގައުމުން ބަލައިގެންފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި، ރައްޔިތުންގެ ނަމުގައި ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވަކި ގައުމެއްގެ ސަރުކާރާއި އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުންނެވެ.

އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ގޮވާލައި މިދިޔަ އޮކްޓޯބަރު 22 ވަނަ ދުވަހު މާލެގައި މުޒާހަރާކުރަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ގޮވާލައި މިދިޔަ އޮކްޓޯބަރު 22 ވަނަ ދުވަހު މާލެގައި މުޒާހަރާކުރަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

މީގެ އިތުރުން ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ، ސިޔާސީ އަދި އިގްތިސާދީ ބާރުވެރިކަމުގެ ދަށުގައި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ވާކަން ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގުމަކީ ވެސް މި ގާނޫނުގެ ދަށުން ކުށެއް ކަމަށް ބުނެފައިވެ އެވެ.

މިފަދަ ކަމެއް ކޮށްފި މީހަކަށް ލިބޭ އަދަބުތަކުގެ ތެރޭގައި 20،000ރ. އިން ޖޫރިމަނާ ކުރުމާއި އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭ ބަންދު ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ހިމެނެ އެވެ.

މިވަގުތު ކުރިޔަށް ދަނީ މި ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތެވެ. އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ވެސް، މި ވަގުތު އެންމެ ނުވަ މާއްދާއެއްގެ ދަށުން މަދު ކަންތައްތަކެއް ހިމެނޭ މި ބިލު ފޮނުވައި، ހިޔާލު ހޯދުމުގެ މަސައްކަތް ކުރިޔަށް އެބަދެ އެވެ. އަދި މަޖިލިސް ޖަލްސާތައް ފެށުމާއެކު ބިލުގެ މަސައްކަތް ފަށާނެ އެވެ.

ޑްރާފްޓްގައި އޮތް ގޮތުން ނަމަ މި ބިލް ގާނޫނަކަށްވެ ގެޒެޓްކުރާ ދުވަހުން ފެށިގެން މިއަށް އަމަލުކުރަން ފަށަން ޖެހޭނެ އެވެ. އަދި ގާނޫނުގެ ދަށުން ގަވައިދެއް ހަދަންޖެހޭ ނަމަ ތިން މަސް ދުވަހުގެ ތެރޭގައި ގަވައިދު ހަދައި އެ ގަވައިދަކަށް ވެސް އަމަލުކުރަން ޖެހޭނެ އެވެ. މި ޒިންމާ ޑްރާފްޓްގައި މަތިކޮށްފައިވަނީ ފޮރިން މިނިސްޓަރު ނުވަތަ ޚާރިޖީ ކަންކަން އެ ދުވަސްވަރަކު މަތިކޮށްފައިވާ ވަޒީރަކަށެވެ.

އިންޑިޔާ އާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުންތަކެއްގެ ދަށުން އެކި ކަންކަމުގައި އިންޑިޔާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭ ކަމަށް ބުނާ މައްސަލަ އިދިކޮޅު ފަރާތްތަކުން ފެންމަތި ކުރުމުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް ވަނީ އެ މައްސަލަ ބަލައިފަ އެވެ.

އެ މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަޖިލީހަށް ހާޒިރުވެ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި ކަމަށް އެއްބަސްވެވަޑައިގަތެވެ. ނަމަވެސް އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުން ވެސް ނިންމީ ރާއްޖެ އާއި އިންޑިޔާ ދެމެދު ގާއިމް ކޮށްފައިވާ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ނެތް ކަމަށެވެ.