Roadha Mihaaru
އިދިކޮޅުން އުޅުނީ ދީނުގެނަމުގައި ސިޔާސީ ޑްރާމާ ކުޅެން

އިދިކޮޅުން އުޅުނީ ދީނުގެ ނަމުގައި ސިޔާސީ ޑްރާމާއެއް ކުޅެން: އެމްޑީޕީ

07 ޖޫން 2022

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުން ކުށްވެރިކުރަން ކަމަށް ބުނެ އިދިކޮޅުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް އެމްޑީޕީން ތާއީދުނުކުރީ އެއީ ރަސޫލާއި އާއި ދީނުގެ ނަމުގައި ސިޔާސީ ޑްރާމާއެއް ކުޅުމުގެ މަގުސަދުގައި ކުރި ކަމެއް ކަމަށް ވާތީ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުން ކުށްވެރިކުރަން ކަމަށް ބުނެ އިދިކޮޅުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް އެމްޑީޕީން ތާއީދުނުކުރީ އެއީ ރަސޫލާއި އާއި ދީނުގެ ނަމުގައި ސިޔާސީ ޑްރާމާއެއް ކުޅުމުގެ މަގުސަދުގައި ކުރި ކަމެއް ކަމަށް ވާތީ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފެވެ. ނަމަވެސް، އެ މައްސަލަ އަށް ތާއީދު ނުލިބި މަޖިލީހުން ބޭރުކޮށްލި އެވެ. އެމްޑީޕީގެ މެމްބަރުން އެ މައްސަލަ ބަލައިގަންނަން ވޯޓު ނުދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން އެ މެމްބަރުންނަށް އަމާޒުވި އެެވެ.

އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައަކީ ރަސޫލާ އަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެއީ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެއް ކަމަށެވެ.

މި ސަރުކާރަކީ އިސްލާމްދީނުގެ ދިފާއުގައި ފާޅުގައި އަޑުއުފުލަމުން އަންނަ ސަރުކާރަކަށް ވެފައި، ބީޖޭޕީގެ އިސްތަރުޖަމާނު ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި އެކަން ކުށްވެރިކޮށް އެ ޕާޓީންނާއި ސަރުކާރުން ވެސް އިއްޔެ ބަޔާން ނެރެފައިވާނެ ކަމަށް ބުންޏެވެ.

"[ކުއްލި މައްސަލަ އަށް] އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން އެގޮތަށް އަމަލުކުރަން [ތައީދުނުކުރަން] ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާގެ ނަންފުޅު ބޭނުން ކުރައްވައިގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ އެވެ،" އެ ބަޔާނުގައިވެ އެވެ.

ރަސޫލާ އަށް ފުރައްސާރަކުރުމަކީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށާއި އިސްލާމްދީނާއި ރަސޫލާގެ ދިފާއުގައި މި ސަރުކާރާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ދިނެވެ.

ބީޖޭޕީގެ ބައެއް އޮފިޝަލުން، އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށާއި އެފަދަ ކޮންމެ އަމަލެއް ރާއްޖޭން ކުށްވެރިކުރާ ކަމަށް ސަރުކާރުން އިއްޔެ ނެރުނު ބަޔާނުގައި ބުންޏެވެ.

ބީޖޭޕީގެ އިސް ދެ ވެރިއަކު ވަނީ ކީރިތި ޤުރްއާނަށާއި އިސްލާމީ އުންމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކޮށްފަ އެވެ. އެކަމާ ގުޅިގެން އިސްލާމީ އެހެން ގައުމުތަކުން ވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކީރިތި ޤުރްއާނަށާއި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ބީޖޭޕީގެ ދެ ވެރިންގެ ތެރެއިން އެކަކު އިއްޔެ ޕާޓީން ވަކިކޮށް އަނެކަކު މިހާރު ހުރީ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކުރީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަންގެ މަގާމުގައި ހުރި ނުޕުރް ޝަރުމާ އެވެ. ޕާޓީން ވަކިކުރީ ވެރިރަށް ނިއު ދިއްލީގައި ހުންނަ އެ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ.