Roadha Mihaaru
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް

ރާއްޖެ އިން ވެލިފުކެއް ވެސް އިންޑިއާ އަށް ލިބޭ އެއްބަސްވުމެއް ނެތް: ސަރުކާރު

14 ފެބުރުއަރީ 2022

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށާއި ރާއްޖެ އިން ވެލިފުކެއް ވެސް އިންޑިއާ އަށް ލިބޭ ފަދަ އެއްބަސްވުމެއް އެއްވެސް ސަރުކާރަކުން މިހާތަނަށް ހަދާފައި ނެތް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށާއި ރާއްޖެ އިން ވެލިފުކެއް ވެސް އިންޑިއާ އަށް ލިބޭ ފަދަ އެއްބަސްވުމެއް އެއްވެސް ސަރުކާރަކުން މިހާތަނަށް ހަދާފައި ނެތް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދިވެހި ސަރުކާރުން މިހެން ބުނީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް، ޕީޕީއެމް/ޕީއެންސީން ވަރުގަދަ ކެމްޕެއިނެއް ކުރިއަށް ގެންދާތީ، އެ ހަރަކާތުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެކަން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގައުމީ ސަލާމަތާ ބެހޭ (241) ކޮމިޓީ އަށް ހުށަހެޅުމުންނެވެ.

އެ މައްސަލަ ދިރާސާކުރުމަށް 241 ކޮމިޓީން ބޭއްވި ބައްދަލުވުމަށް ފޮރިން މިނިސްޓްރީގެ އިސްވެރިން ހާޒިރުކުރުމުން، އެ ބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކުރެއްވީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުމަށް މި ކެމްޕެއިނުގެ ސަބަބުން އަސަރު ކުރާތީ އެވެ.

ވަކި ގައުމަކަށް ޖައްސައިލުމުން ލިބޭނީ ގެއްލުން

އެ ކޮމިޓީގައި ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ސުވާލު ކުރެއްވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހެދި އެއްވެސް އެއްބަސްވުމެއްގެ ސަބަބުން ރާއްޖޭގެ އިސްތިގްލާލަށް ގެއްލުންވެދާނެތޯ އެވެ.

"ރާއްޖޭގެ މިނިވަންކަމަށް އެއްވެސް އުނިކަމެއް އައިސްދާނެ އެއްވެސް އެގްރިމެންޓެއްގައި ރާއްޖެއިން ސޮއިކޮށްފައިވޭތޯ. އެއީ ބިމުން ވިޔަސް ފަޅުން ވިޔަސް ކަނޑުން އަދި ވައިގެ މަގުން ވެސް އަދި ރާއްޖޭގެ ވެލިފުކެއް ވެސް ރާއްޖޭގެ ބާރު ނުހިނގާ އިންޑިއާ އަށް ލިބޭ ގޮތަށް އެއްވެސް އެގްރީމަންޓެއްގައި ސޮއިކޮށްފައިވޭތޯ؟،" އަނދުން ހުސައިންގެ ސުވާލުގައި ވިދާޅުވި އެވެ.

އޭގެ ޖަވާބުގައި ފޮރިން މިނިސްޓްރީގެ ޓީމުން ބުނީ "މިހާތަނަށް އެއްވެސް ސަރުކާރަކުން އަދި މި ސަރުކާރަކުން ވެސް ދިވެހިންނަށް ގެއްލުންވާ އެފަދަ އެއްވެސް ކޮންވެންޝަނެއްގައި ސޮއިކޮށްފައި ނެތް ކަމަށެވެ.

"އެއީ ވެލިފުކެއްގެ ޒައްރު ދޭ ގޮތަކަށް ވެސް ސޮއިކޮށްފައެއް ނެތް. އަދި ފޯސީއެއް ނުކުރެވޭ ސޮއިކުރާނެ ކަމަށް،" ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ކެމްޕެއިންގަައި އަމަލީ ގޮތުން އުޅުއްވާ، ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ސުވާލަކަށް ވީ، އެ ކެމްޕެއިން ހިންގާތާ ދުވަސްތަކެއް ވެފައިވާއިރު އިންޑިއާގެ ރަސްމީ އިދާރާތަކުން އަމަލުކުރާ ގޮތާ މެދު ބަދަލުތަކެއް އައިސްފޭތޯ އެވެ. އަދި ބަޔަކު ކުރާ ކަމެއްގެ ސަބަބުން އިންޑިއާއަކީ އެ ގައުމުން ރާއްޖެ އަށް ދޭ އެހީތެރިކަން ކަނޑާލާހާ "އަގަލު ކުޑަ" ބައެއްތޯ ވެސް ޣައްސާން ސުވާލު ކުރެއްވި އެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން، 241 ކޮމިޓީގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން، 241 ކޮމިޓީގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ސުވާލުގެ ތެރޭގައި، އިންޑިއާ އައުޓް ކެމްޕެއިނަށް ތާއިދުކުރައްވާ މޭރުމަކުން ޣައްސާން ވާހަކަ ދެއްކެވި ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތަކާ މެދު އެ ގައުމުގެ ކަންބޮޑުވުން ވެސް އެބައޮތް ކަމަށެވެ. އަދި ބަޔަކު ރުޅި އަރުވައި، ހަސަދަވެރިކަން އުފެދޭ ގޮތަށް ކިރިޔާ ވެސް ވާހަކަ ދައްކާ ނަމަ، އެ ކަމެއް ބޮޑުވެ އެ ތަނެއްގައި އުޅޭ ބަޔަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރިމަތިވެދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހަލީލް ވިދާޅުވިގޮތުގައި، "އިންޑިއާ އައުޓް" ކެމްޕެއިންގެ އެއްވެސް އަސަރެއް މި ވަގުތު ނުކުރި ނަމަވެސް ސިޔާސީ މަގްސަދެއްގައި ހިންގާ މި ކެމްޕެއިންގެ ސަބަބުން ގެއްލުންވުމުގެ ފުރުސަތު ބޮޑެވެ.

"އެންމެ ޓްރިގާއެއް ބޭނުންވަނީ. މިކޮޅުގައި އެއްވެސް ކަހަލަ ކަމެއް އިންޑިއާ މީހަކަށް ވެއްޖެއްޔާ، ރާއްޖޭގެ އެތައް ބަޔަކު އެކޮޅުގައި ތިބިއިރު އެމީހުންނަށް ވެސް ދަތިތައް އިތުރުވާނެ. އެމީހުންގެ ކަންބޮޑުވުން އޮތްކަމަށް އެގައުމުގެ ސަރުކާރުން އޮތީ އަންގާފައި. އެއްވެސް ނުރައްކަލެއް ކުރިމަތިވުމަކީ އަޅުގަނޑުމެންގެ އިންޓްރެސްޓްގައި އޮތް ކަމެއް ނޫން،-- ފޮރިން މިނިސްޓްރީ

"އިންޑިއާ އައުޓް" ހަރަކާތުގެ އިސް ސަފުން ފެންނަ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފްގެ ކަންބޮޑުވުމަކީ މިހާ މުހިއްމު މައްސަލައެއްގެ ވާހަކަ ކޮމިޓީގައި ދައްކާ ވަގުތެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ކޮމިޓީ އަށް ހާޒިރު ނުކުރެއްވުމެވެ.

އޭނާ އެ ކަންބޮޑުވުން ފާޅުކުރެއްވިއިރު، ޝާހިދަކީ އދ. ގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ވުމުން އޭނާ މި ވަގުތު ގިނައިން އުޅުއްވަނީ އެމެރިކާގަ އެވެ. ރާއްޖެ އަށް ވަޑައިގަންނަވަނީ ހާއްސަ ބައެއް ކަންކަން އޮންނަ ދުވަސްވަރު އެކަންޏެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ކަންބޮޑުވުން ފާޅުކުރެއްވީ ޔާމީން ތުރުކުރައްވާ ޓީޝާޓްގައި "އިންޑިއާ އައުޓް" ޖައްސަވައިގެން ރަށްރަށަށް ވަޑައިގެން ވަކި ގައުމަކާ ދެކޮޅަށް ކެމްޕެއިން ކުރައްވާތީ އެވެ.

އެކަމާ ގުޅިގެން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވީ، ޔާމީން އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުން ކަންބޮޑުވެ، ބަޔާން ވެސް ނެރުނު ކަމަށެވެ.

"ސީދާ އިންޑިއާ އަށް ޓާގެޓް ކޮށްގެން ފެށީމާ އަދި އޭގެ އަސަރު ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށް ކުރަން ފެށީމާ، އިންޑިއާގައި ތިބި ދިވެހިންނަށް [ނޭދެވޭ އަސަރު] ކޮށްފާނެތީ ކަންބޮޑުވޭ. އަދި މާ ކަންބޮޑުވޭ އިންޑިއާގެ ސިޔާސީ މީހުން މި މައްސަލަ ނަގާފާނެތީ،" ޣަފޫރު ވިދާޅުވި އެވެ.

"ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ސުވާލު އުފައްދަން ފަށައިފި ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ."

ޣަފޫރު ވިދާޅުވި ގޮތުގައި "އިންޑިއާ އައުޓް" ގެ ސަބަބުން ހަމައެކަނި އަސަރުކުރަނީ އިންޑިއާއަކަށް ނޫނެވެ. މި ކެމްޕެއިންގެ ސަބަބުން ރާއްޖޭގައި ހުންނަ ބައެއް ގައުމުތަކުގެ އެމްބަސީން ވަނީ އެ ތަންތަނުގެ ސެކިއުރިޓީ ވަރުގަދަ ކޮށްދިނުމަށް އެދިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާލަތު ގޯސްވާން ނަގަނީ ހިނދުކޮޅެއް. އެ ހިސާބުން މުޅިން ކޮންޓްރޯލް ނެއްޓިފައި އޮންނާނީ. އެހެންވީމާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަކި ގައުމެއްގެ ރައްޔިތުންނާ ދެކޮޅަށް ތެދުވުން ރަނގަޅެއް ނޫން،" ގައުމަކާ ދެކޮޅަށް ތެދުވަންޖެހޭ ހާލަތެއް މިވަގުތު ރާއްޖޭގައި ނެތްކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ފައިބައިގެން ދާން ގޮވާލައި، ދެކޮޅަށް ފެށި ހަރަކާތް ޕީޕީއެމުން ވަނީ އަތޮޅުތަކުގައި ވެސް ފުޅާކޮށްފަ އެވެ. ޔާމީން އިސްވެ ހުންނަވައި އެ ހަރަކާތް ހިންގަވަން ރަށްރަށަށް ދަތުރުފުޅު ވެސް ކުރައްވަ އެވެ. ޔާމީން ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަން ބަދަލުކޮށް، މި ސަރުކާރު ގެނައީ އިންޑިއާގެ އެހީތެރިކަމާ އެކުގަައި ކަމަށެވެ. ބަދަލެއްގެ ގޮތުން އިންޑިއާގެ ނުފޫޒަށް ރާއްޖޭގައި ޖާގަ ދީ، ސިފައިން ބައިތިއްބާފައިވާ ކަމަށާއި އެއީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއް ކަމަށް ޔާމީން ވިދާޅުވެ އެވެ.

ސަރުކާރުން ބުނެފައި ވަނީ ކެމްޕެއިންގެ ބޭނުމަކީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އިންޑިއާގެ އެހީއާއެކު އެތެރެވުން ހުއްޓުވާތީ އެކަމާ ނުރުހުން ފާޅުކުރުން ކަމަށެވެ. ވަކި ގައުމަކާ މެދު ނަފްރަތު އުފެދޭ ގޮތަށް އިދިކޮޅަށް ކެމްޕެއިން ނުހިންގޭނެ ކަަަމަށް ބުނެ އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ވެސް އޮތީ ތައްޔާރުވެފަ އެވެ.