Roadha Mihaaru
ރޯގާ އިތުރުވެ، ލޭ ހޯދުން އަނެއްކާވެސް ދަތިވެއްޖެ

ރޯގާ އިތުރުވެ، ލޭ ހޯދުން އަނެއްކާވެސް ދަތިވެއްޖެ

30 ޖެނުއަރީ 2022

ރޯގާ އާއި ކޮވިޑް-19 ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ، އަނެއްކާ ވެސް ލޭ ހޯދުން ދަތިކަމަކަށް ދަތިވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރޯގާ އާއި ކޮވިޑް-19 ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ، އަނެއްކާ ވެސް ލޭ ހޯދުން ދަތިކަމަކަށް ދަތިވެއްޖެ އެވެ.

ކޮވިޑް އެންމެ ބޮޑަށް ފެތުރުނު ދުވަސްވަރު ކުރިން ވެސް ވަނީ ލޭގެ ސްޓޮކް ވަރަށް ބޮޑަށް މަދުވެ، އާންމުންގެ އެހީތެރިކަމަށް އެދެން ޖެހިފަ އެވެ. އާންމުކޮށް ލޭ ހަދިޔާކުރާ މީހުންނަށް ވެސް މި ދުވަސްވަރު ލޭ ހަދިޔާކުރަން ދަތިވެފައި ވަނީ ކޮވިޑާއި ރޯގާ ވެސް އިތުރުވާތީ އެވެ.

މޯލްޑިވްސް ބްލަޑް ޑޯނާސްގެ ނައިބު ރައީސް އިބްރާހިމް ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ އަނެއްކާވެސް ލޭ ހޯދަން ދަތިވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ޑައިރެކްޓް ކޮންޓެކްޓުން އިތުރުވެ ގޭގައި މަޑުކުރަން ޖެހޭތީ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑަށް ބޭނުންވަނީ އޯ ޕޮޒިޓިވް އާއި އޭ ޕޮޒިޓިވް ލޭ ކަމަށެވެ. އެކަމަކު އެހެން ގްރޫޕުތަކުގެ ލޭ ވެސް ބޭނުންވާ ކަމަށާއި އެކަަމަކު މި ދުވަސްވަރު ވަރަށް ބޮޑަށް ލޭ ލިބުން ދަތިވެފައިވާ ކަމަށް ވިދާޅުވި އެެވެ.

"ރޯގާ ޖެހިގެން ހުރެގެން ލޭ ހަދިޔާއެއް ނުކުރެވޭނެ،" ކޮވިޑާ ގުޅިގެން ރިސޯޓުތަކުން ވެސް ޑޯނަރުން ހޯދަން އުނދަގޫކަން ފާހަގަކުރައްވަމުން އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ކޮވިޑުން ދިފާއުވާން ވެކްސިން ޖަހައި، ރޯގާ އިން ރަނގަޅުވުމުން ތިން ދުވަހަށް މަޑުކޮށްލުމަށް ފަހު، ލޭ ހަދިޔާކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ބުނެ އެވެ.

އުމުރުން 18 އަހަރު ވެފައިވާ ސިއްހަތު ރަނގަޅު ކޮންމެ މީހަކަށް އަހަރަކު ހަތަރު ފަހަރު ލޭ ހަދިޔާކުރެވޭނެ އެވެ. އެއީ އެ މީހެއްގެ ބަރުދަނުގައި 45 ކިލޯ އާއި ހިމޮގްލޮބިން ކައުންޓްގައި 12.5 ޕޮއިންޓު ހުންނަ ނަމަ އެވެ.

އެމްބީއެސްގެ ސްޓޮކްގައި ހުރި ލޭ މަދުވެގެން އެ ތަނުން ވަނީ ލޭ ހަދިޔާކުރުމަށް މާޗް 2020 އިން ފެށިގެން އެކި ފަހަރު މަތިން އެދިފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މީހުން އެއްވެ އުޅުން މަނާކޮށް އަދި ލޮކްޑައުން ކުރުމުން އެމްބީއެސް އަށް އާންމުކޮށް ލޭ ލިބޭ ބްލަޑް ޑޮނޭޝަން ކޭމްޕުތައް ކުރިއަށް ގެންދިއުން ހުއްޓި ލޭ ލިބުން ކުރިން ވަރަށް ބޮޑަށް މަދުވި އެވެ. އެ ތަނަށް އެންމެ ގިނައިން ލޭ ލިބެނީ ރިސޯޓުތަކުގައި ހިންގާ މިފަދަ ކޭމްޕްތަކުނެވެ.