Roadha Mihaaru
2،838 މީހަކު ޕޮޒިޓިވް، ނައިފަރުން މީހަކު ނިޔާވި

ކޮވިޑް: މިއަދު 2،838 މީހަކު ޕޮޒިޓިވް، ނައިފަރުން މީހަކު ނިޔާވި

30 ޖެނުއަރީ 2022

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަނިކޮށް ޅ. ނައިފަރުން މިއަދު މީހަކު ނިޔާވި އިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބައްޔަށް 2،838 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަނިކޮށް ޅ. ނައިފަރުން މިއަދު މީހަކު ނިޔާވި އިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބައްޔަށް 2،838 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާލެއިން 1،295 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ރަށްރަށުން 1،066 މީހަކާއި އަދި ރިސޯޓުތަކުން 29 މީހަކު ޕޮޒިޓީވްވެފައިވެ އެވެ. ކަނޑުމަތީ އުޅަނދުތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ އިރު، ތިބި ލޮކޭޝަން އަދި ޔަގީންނުވާ 424 މީހުން ވެސް ހިމެނެ އެވެ.

މިއަދުގެ އަދަދުތަކާ އެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 17،589 އަށް އަރައިފަ އެވެ. އަދި 53 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެ އެވެ.

މި ބަލީގައި މިއަދު ނިޔާވީ ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އައި 66 އަހަރުގެ ދިވެހި އަންހެނެކެވެ. އެއާ އެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 275 އަށް އަރައިފަ އެވެ.

މިއަދު 3،000 ވުރެ ގިނަ މީހުން ބޫސްޓަ ޑޯޒް ޖަހާފައިވާ އިރު، ތިން ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު މިހާރު އުޅެނީ 70،000 އިން މަތީގަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް މައްޗަށް ދާން ފެށީ މި މަހުގެ ކުރީކޮޅެވެ. އާންމުކޮށް ކޮންމެ ދުވަހެއްގެ ކޭސްތައް އުޅެނީ 2،000 އިން މަތީގަ އެވެ. ބައެއް ދުވަސްތަކުގައި ކޭސްތައް 3،000އާ ވެސް ގާތްކުރެ އެވެ.