Roadha Mihaaru
ކޮވިޑްގައި މިއަދު ދެ މީހަކު ނިޔާވެއްޖެ

ކޮވިޑްގައި މިއަދު ދެ މީހަކު ނިޔާވެއްޖެ

20 ޖެނުއަރީ 2022

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި ލ. ފޮނަދޫގެ އުމުރުން ދުވަސްވީ ދެ މީހަކު މިއަދު ނިޔާވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި ލ. ފޮނަދޫގެ އުމުރުން ދުވަސްވީ ދެ މީހަކު މިއަދު ނިޔާވެއްޖެ އެވެ.

މީގެ ތެރެއިން އުމުރުން 79 އަހަރުގެ ފިރިހެންމީހާ ނިޔާވީ އެ އަތޮޅު ގަން ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ހިތާއި ކިޑްނީގެ މައްސަލަތަކެއް ހުންނަ އަދި އާންމުކޮށް އެނދުމަތި ކޮށްފައި އޮންނަ އެ މީހާ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކުރީ މީގެ ފަސް ދުވަސް ކުރިންނެވެ. އެ މީހާ ކޮވިޑް ބަލީގައި ނިޔާވިއިރު، އެ ބަލިން ދިފާއުވުމަށް ވެކްސިނެއް ނުޖަހަ އެވެ.

އުމުރުން 63 އަހަރުގެ އަންހެންމީހާ ނިޔާވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެނިކޮށެވެ.

މި ދެ މަރާ އެކު، ކޮވިޑް ބަލީގައި ރާއްޖެ އިން މިހާތަނަށް 267 މީހަކު ވަނީ ނިޔާވެފަ އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޮން ރާއްޖެ އިން ފެނުނު ފަހުން ކޭސްތަކުގެ އަދަދު މައްޗަށް ދަނީ މި މަހުގެ ކުރީކޮޅުން ފެށިގެންނެވެ. ކޭސްތައް މައްޗަށް ދާން ފެށިއިރު، އިއްޔެ ވަނީ 2،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ރާއްޖޭގައި މިހާރު މި ބަލި ތަހައްމަލުކުރާ މީހުންގެ އަދަދު 9،000 އަށް ވުރެ މައްޗެވެ. އެކަމަކު ކޮވިޑް ބަލި ޖެހޭ މީހުން ގިނަވިޔަސް މި ވަގުތު އެޑިމިޓް ކޮށްގެން ފަރުވާ ދެނީ 43 މީހަކަށެވެ.

ރާއްޖޭގައި މިހާރު ވަނީ ކޮވިޑްގެ ބޫސްޓާ ޑޯޒް ވެސް ފަށައިފަ އެވެ. ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދު ވެސް 400،000 އާ މިހާރު ގާތްކުރެ އެވެ.