Roadha Mihaaru
ސެމީ ފައިނަލުގައި މިސްރާއި ކެމަރޫން ވާދަކުރަން ޖެހިއްޖެ

އެފްރިކަން ކަޕް: ސެމީގައި މިސްރާއި ކެމަރޫން ވާދަކުރަން ޖެހިއްޖެ

31 ޖެނުއަރީ 2022

ކެމަރޫން (ޖެނުއަރީ 31) - މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހުގެ މޮޅު ކުޅުމާ އެކު ފަހަތުން އަރައި މޮރޮކޯ ބަލިކޮށް، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގައި އެ ޓީމަށް މުބާރާތް ބާއްވާ ގައުމު ކެމަރޫންއާ ވާދަކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކެމަރޫން (ޖެނުއަރީ 31) - މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހުގެ މޮޅު ކުޅުމާ އެކު ފަހަތުން އަރައި މޮރޮކޯ ބަލިކޮށް، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގައި އެ ޓީމަށް މުބާރާތް ބާއްވާ ގައުމު ކެމަރޫންއާ ވާދަކުރަން ޖެހިއްޖެ އެވެ.

މޮރޮކޯ އިން ލަނޑެއް ޖަހާފައި ވަނިކޮށް މިސްރުން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަތްވަނަ މިނިިޓުގައި ލިބުނު ޕެނަލްޓީއަކުން މޮރޮކޯ އަށް ލީޑު ނަގައިދިނީ ކުރިން ޕްރިމިއާ ލީގުގައި ސައުތެމްޓަން އަށް ވެސް ކުޅުނު މިޑްފީލްޑަރު ސޮފިއާނޭ ބޫފަލް އެވެ. މި ޕެނަލްޓީ ދިނީ މިސްރު ޑިފެންޑަރު އައިމަން އަޝްރަފް، ޕީއެސްޖީއަށް ކުޅޭ މޮރޮކޯގެ އަޝްރަފް ހަކީމީއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މިސްރުން ނަތީޖާ އެއްވަރުކުރީ މެޗުގެ 53 ވަނަ މިނިޓުގައި ސަލާހު ޖެހި ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު 15 މިނިޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި މިސްރުން ވަނީ މެޗުގައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ކުޅޭ ލިވަޕޫލްގެ ސަލާހު ތަނަވަސް ކޮށްދިން ފުރުސަތަކުން މި ލަނޑު ޖަހައިދިނީ އެސްޓަން ވިލާއަށް ކުޅޭ ފޯވާޑް ޓްރެޒެގޭޓް އެވެ.

ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ މިސްރުން ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އެޓީމުގެ ގޯލްކީޕަރު މުހައްމަދު އަބޫ ގަބާލް އަށް އަނިޔާވެގެން އެޓީމުގެ ތިންވަނަ ކީޕަރު މުހައްމަދު ސޮބްހީ ކުޅެން އަރުވައިފަ އެވެ. މިއީ އުމުރުން 22 އަހަރުގެ ގޯލްކީޕަރު ސޮބްހީ އެ ގައުމުގެ ސީނިއާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. ގަބާލް އަށް އަނިޔާވީ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވަނިކޮށް މޮރޮކޯގެ ނާއިފް އަކްރާދު ބޮލުން ފޮނުވާލި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގަ އެވެ. ގަބާލް އެ ބޯޅަ ނުހުއްޓުވި ނަމަ އިތުރު ވަގުތު ނުކުޅެ، މިސްރުގެ ބަދަލުގައި މޮރޮކޯއިން ސެމީގެ ފުރުސަތު ޔަގީން ކުރީހެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ސެނެގާލް އިން ވަނީ 3-1 އިން އިކުއެޓޯރިއަލް ގިނީ ބަލިކޮށް ސެމީގެ ފަހު ޖާގަ ހޯދައިފަ އެވެ. ސެމީގައި ސެނެގާލް ނުކުންނާނީ ޓިއުނީޝިއާ ބަލިކޮށް ސެމީއަށް ދަތުރުކުރި ބުރްކީނާ ފާސޯއާ ދެކޮޅަށެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ވެސް ސެނެގާލުންނެވެ. ސަޑިއޯ މާނޭގެ އެހީތެރިކަމާ އެކު 28 ވަނަ މިނިޓުގައި މި ލަނޑު ޖަހައިދިނީ ފަމާރާ ޑައިދިއޫ އެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޔަނިކް ބައިލާ އިކުއެޓޯރިއަލް ގިނީ އަށް ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް އޭގެ ނުވަ މިނިޓު ފަހުން، ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ ޗީކޫ ކުޔާޓޭ ލަނޑެއް ޖަހައި ސެނެގާލަށް އަލުން ލީޑު ނަގައިދިނެވެ. އަދި ތިންވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި ކުޅެން އެރި ވަޓްފޯޑަށް ކުޅޭ އިސްމާއިލާ ސާ އެވެ.

މީގެ ކުރިން އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކުރެވިފައި ނުވާ ސެނެގާލް އަކީ މި އަހަރުގެ މުބާރާތަށް ކޮލިފައިވި ޓީމުތަކުގެ ތެރެއިން ދުނިޔޭގެ ރޭންކިންގައި އެންމެ ކުރީގައި އޮތް ޓީމެވެ. ރޭންކިންގެ 20 ވަނައިގައި ސެނެގާލް އޮތްއިރު، އިކުއެޓޯރިއަލް ގިނީ އޮތީ ރޭންކިންގެ 114 ވަނައިގަ އެވެ. އިކުއެޓޯރިއަލް ގިނީ ވަނީ އެޓީމު އެންމެ ފަހުން މުބާރާތުގައި ވާދަކުރި 2015 ވަނަ އަހަރު ސެމީ ފައިނަލް ކުޅެފަ އެވެ. ސެމީގައި އެ ޓީމު އެއަހަރު ބަލިވީ ގާނާ އަތުންނެވެ.

ބުރްކީނާ ފާސޯ އާއި ސެނެގާލް ބައްދަލުކުރާ ސެމީ ފައިނަލުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެއެވެ. އަދި ކެމަރޫން އާއި މިސްރު ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ.