Roadha Mihaaru
މުހިއްމީ ފެއިލްވި ސަބަބު ހޯދުން: ސަލާހު

މުހިއްމީ ފެއިލްވި ސަބަބު ހޯދުން: ސަލާހު

09 ޖުލައި 2019

ގާހިރާ، މިސްރު (ޖުލައި 9) - އަމިއްލަ ގައުމުގައި ކުޅެ މި ފަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެ ވަނަ ބުރުގައި ދެކުނު އެފްރިކާ އަތުން ކަޓައި، ކަނޑައެޅި ޓާގެޓަށް ވާސިލުނުވެ ފެއިލްވުމުގެ ފަހަތުގައި އޮތް ސަބަބުތައް ދެނެގަތުން މުހިންމުކަމަށް މިސްރުގެ ތަރި މުހައްމަދު ސަލާހު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގާހިރާ، މިސްރު (ޖުލައި 9) - އަމިއްލަ ގައުމުގައި ކުޅެ މި ފަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެ ވަނަ ބުރުގައި ދެކުނު އެފްރިކާ އަތުން ކަޓައި، ކަނޑައެޅި ޓާގެޓަށް ވާސިލުނުވެ ފެއިލްވުމުގެ ފަހަތުގައި އޮތް ސަބަބުތައް ދެނެގަތުން މުހިންމުކަމަށް މިސްރުގެ ތަރި މުހައްމަދު ސަލާހު ބުނެފި އެވެ.

އެފްރިކަން ކަޕްގެ އެންމެ ކާމިޔާބު ޓީމު މިސްރު މި ފަހަރުގެ މުބާރާތުން ކެޓީ ދެ ވަނަ ބުރުގައި ދެކުނު އެފްރިކާ އަތުން 1-0 އިން ބަލިވުމުންނެވެ. މުބާރާތުން ކެޓުމާ އެކު މިސްރު އެފްއޭގެ ރައީސް ހާނީ އަބޫ ރީދާ މަގާމުން އިސްތިއުފާ ދެއްވިއިރު، ޓީމުގެ ހެޑް ކޯޗު ހަވިއޭ އަގީރޭ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މުބާރާތުގެ ނާކާމިޔާބީއާ ގުޅިގެން މިސްރުގެ މީޑިއާގައި އަންނަނީ ޓީމަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ. މުބާރާތުގެ ތެރޭގައި މިސްރު ޓީމާ މެދު ގިނަ ސަޕޯޓަރުން ނުރުހުންފާޅުކުރަން ފެށީ މި ފަހަރުގެ މުބާރާތުގައި އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ލީކްވުމާ ގުޅިގެން މިސްރުގެ ވިންގް އަމްރު ވަރުދާ ޓީމުން ސަސްޕެންޑްކޮށް ގެއަށް ފޮނުވާލުމަށް ފަހު އަލުން ޓީމަށް ނަގަން ނިންމުމުންނެވެ.

މިސްރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސަލާހު ބުނީ ހައްލު ހޯދަންޖެހޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.

"އުންމީދުކުރި ގޮތާ ހިލާފަށް އެހާ އަވަހަށް މުބާރާތުން ކެޓުމަކީ ލިބުނު ހިތާމައެއް. އަހަރެމެންގެ ސަޕޯޓަރުންނަށް ހައްގުވާ އުފާވެރިކަން ހޯދައިދޭން ޓީމުން ބޭނުންވި އެކަމަކު ހުރިހާ ފަހަރަކު ބޭނުންވާ ގޮތަށް ކަންތައްތަކެއް ނުދާނެ. މި ފަހަރު ފެއިލްވީ. އެކަމަކު އަލުން ކާމިޔާބަށް ވާސިލްވާ ނަމަ ފެއިލްވި ސަބަބުތައް ހޯދުން އެންމެ މުހިންމީ،" ލިވަޕޫލާ އެކު މި އަަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ސަލާހު ބުންޏެވެ.

"ހައްލު ހޯދޭނީ މަގާމުތަކުގައި ތިބި މީހުން ގޮސްގެން ނޫނީ ވަކިކޮށްގެނެއް ނޫން. ދެން ދާންވީ މިސްރާބެއް ހޯދައިގެން."

އެފްރިކަން ކަޕްގެ ނާކާމިޔާބީއާ އެކު ސަލާހު އަށް ދޭ ޗުއްޓީ ދިގުކޮށްލަން އޭނާގެ ކްލަބް ލިވަޕޫލުން ވަނީ ފުރުސަތު ދީފަ އެވެ. ލިވަޕޫލުން ޕްރީ ސީޒަން ފަށާފައިވާއިރު ސަލާހު ޓީމާ ގުޅޭނެ ކަމަށް ބެލެވެނީ މި މަހު ފަހުކޮޅުގަ އެވެ.

އެފްރިކާގެ ފުޓްބޯޅަ ތަޖުރިބާކާރުންގެ ނަޒަރުގައި މިސްރުގެ ނާކާމިޔާބީގެ އެއް ސަބަބަކީ އެ ޓީމުގެ ކޯޗު އަގީރޭގެ ރޭވުންތެރިކަމެއް ނެތުމެވެ. މުބާރާތުގައި މިސްރު ކުޅުނު ތިން މެޗުގައި ވެސް މިސްރުގެ ހަގީގީ ފެންވަރުގައި ނުކުޅެވޭ ކަމަށް އެ ޓީމުގެ ލެޖެންޑް ވައެލް ގޮމާ ވަނީ ބުނެފަ އެވެ.