Roadha Mihaaru
މާނޭ، ފުރަތަަމަ ފަހަރަށް އެފްރިކަން ކަޕް ހޯދައިދީފި

މާނޭ، ސެނެގާލަށް ފުރަތަމަ ފަހަރަށް އެފްރިކަން ކަޕް ހޯދައިދީފި

07 ފެބުރުއަރީ 2022

ކެމަރޫން (ފެބްރުއަރީ 7) - މުބާރާތުގެ އެންމެ ކާމިޔާބު ޓީމު މިސްރު، ޕެނަލްޓީގައި ބަލިކޮށް ސެނެގާލުން ފުރަތަމަ ފަހަރަށް އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކަން) ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކެމަރޫން (ފެބްރުއަރީ 7) - މުބާރާތުގެ އެންމެ ކާމިޔާބު ޓީމު މިސްރު، ޕެނަލްޓީގައި ބަލިކޮށް ސެނެގާލުން ފުރަތަމަ ފަހަރަށް އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކަން) ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި 120 މިނިޓުގެ ކުޅުމަށް ފަހު ވެސް ދެ ޓީމަށް ގޯލެއް ނުޖެހުމުން، ޖެހި ޕެނަލްޓީގައި ސެނެގާލް މޮޅުވީ 4-2 އިންނެވެ.

މެޗުގެ ހަތްވަނަ މިނިޓުގައި ޕެނަލްޓީއަކުން ލީޑް ނަގަން ވެސް ސެނެގާލަށް ފުރުސަތު ލިބުނެވެ. އެކަމަކު، ލިވަޕޫލަށް ކުޅޭ އެ ގައުމުގެ ފޯވާޑް ސަޑިއޯ މާނޭ ފޮނުވައިލި ބޯޅަ ގޯލަށް އަމާޒެއް ނުވި އެވެ. އޭގެ ފަހުން ވެސް މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ސެނެގާލުން ވަނީ ގިނަ ހަމަލާތަކެއް މިސްރުގެ ގޯލަށް އަމާޒުކޮށް ފޮނުވާލައިފަ އެވެ. ނަމަވެސް މިސްރުގެ ކީޕަރު މުހައްމަދު އަބޫ ގަބާލް (ގަބާސްކީ) ހުޝިޔާރު ކަމާއެކު އެ ހަމަލާތައް ދިފާއުކުރި އެވެ.

މިސްރު ކީޕަރު ގަބާސްކީ، މާނޭ އަތުން ބޯޅަ ހޯދަނީ.-- ފޮޓޯ: އޭއެފްޕީ

މިސްރު ކީޕަރު ގަބާސްކީ، މާނޭ އަތުން ބޯޅަ ހޯދަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ 77 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފްރާންސްގެ މާސޭ އަށް ކުޅޭ ސެނެގާލްގެ ފޯވާޑް ބަމްބާ ޑިއެން 21، އިތުރު ވަގުތުގެ ކުޅުމުގައި މިސްރުގެ ގޯލަށް ނުރައްކާތެރި ތިން ހަމަލާ ފޮނުވައިލި އެވެ. އެ ތިން ހަމަލާ ވެސް ދިފާއުކުރީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ މިސްރުގެ ކީޕަރު ގަބާސްކީ އެވެ.

އިތުރު ވަގުތުގެ ކުޅުން ހަމަވުމުގެ ކުރިން މިސްރުން ވެސް ސެނެގާލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވި އެވެ. މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ފޯވާޑް މަރުވާން ހަމްދީ ފޮނުވައިލި ބޯޅަ ދިފާއުކުރީ ކީޕަރު އެޑުއާޑް މެންޑީ އެވެ.

ނަތީޖާ ނެގެން ޖެހި، ޕެނަލްޓީގައި ސެނެގާލްގެ ފުރަތަމަ ހަތަރު ޕެނަލްޓީގެ ތެރެއިން، ބެޔާން މިއުނިކަށް ކުޅޭ ފޯވާޑް ބޯނާ ސާގެ ޕެނަލްޓީ، މިސްރުގެ ކީޕަރު ގަބާސްކީ ދިފާއު ކުރިއިރު، ކެޕްޓަން ކަލިދޫ ކުލިބާލީ އާއި އަބްދޫ ޑިއާލޯ އަދި ބަމްބާ ޑިއެންގެ ޕެނަލްޓީ ވެސް ކާމިޔާބު ކުރި އެވެ. މިހާތަނަށް ހަތް ފަހަރު އެފްކަން ކާމިޔާބު ކޮށްފައިވާ މިސްރުގެ އަތުން ސެނެގާލް މޮޅުވި ޕެނަލްޓީ ޖަހައިދިނީ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާނޭ އެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ސަލާހު އާއި މިސްރުގެ ބައެއް ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ

ޕެނަލްޓީ ޝޫޓްއައުޓުގައި ސަލާހު އާއި މިސްރުގެ ބައެއް ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ

މިސްރުން ފޮނުވައިލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ޒީޒޯ އާއި މަރުވާން ހަމްދީގެ ޕެނަލްޓީ އެވެ. މުހައްމަދު އަބްދުލް މުންނިމް ޖެހި ޕެނަލްޓީ ގޯލް ދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު، މޮހާނަދް ލީޝާންގެ ޕެނަލްޓީ، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރު، އިނގިރޭސި ވިލާތުގެ ޗެލްސީއަށް ކުޅޭ މެންޑީ ދިފާއުކުރި އެވެ. ކެޕްޓަން މުހައްމަދު ސަލާހު ހުރީ ފަސްވަނަ ޕެނަލްޓީ ޖަހަން މަޑުކޮށްގެންނެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮނުވީ މި އަހަރުގެ މުބާރާތް ބޭއްވި ގައުމު، ކެމަރޫންގެ ކެޕްޓަން ވިސެންޓޭ އަބޫބަކާ އެވެ. އޭނާ ވަނީ މުބާރާތުގައި އަށް ލަނޑު ޖަހައިފަ އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ތިންވަނަ ހޮވި މެޗުގައި އޭނާ ދެ ލަނޑު ޖެހި އެވެ.

މުބާރާތުގެ އިންޑިވިޖުއަލް އެވޯޑްތައް ހޯދި ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ

މުބާރާތުގެ އިންޑިވިޖުއަލް އެވޯޑްތައް ހޯދި ކުޅުންތެރިން.-- ފޮޓޯ: އޭއެފްޕީ

ސެމީ ފައިނަލުގައި ކެމަރޫންއާ ދެކޮޅަށް މިސްރު ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު ކާލޯސް ކުއިރޯޒް އަށް ރަތް ކާޑު ދެއްކުމުން ފައިނަލަށް އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ. އެހެންވެ، ފައިނަލުގައި މިސްރަށް އިރުޝާދު ދިނީ މެނޭޖަރު ވާއެލް ގޮމާ އެވެ.

މި ފައިނަލަކީ ސެނެގާލްގެ ކޯޗު އަލިއޫ ސިސޭ އެ ޓީމާއެކު އެފްކަން ފައިނަލަށް ނުކުތް ތިންވަނަ ފަހަރެވެ. ޕީއެސްޖީ އާއި ބާމިންހަމް އަދި ޕޯޓްސްމައުތަށް ވެސް ކުރިން ކުޅުނު މިޑްފީލްޑަރު ސެނެގާލް 2002 ވަނަ އަހަރުގެ ފައިނަލުގައި ކެމަރޫންއާ ދެކޮޅަށް ކުރި ޕެނަލްޓީ ޝޫޓްއައުޓުގައި އޭނާގެ ޕެނަލްޓީ ނާކާމިޔާބު ވި އެވެ، ނަމަވެސް 2019 ވަނަ އަހަރު ފައިނަލުގައި އަލްޖީރިއާ އަތުން ބަލިވިއިރު އެ ޓީމުގެ ކޯޗަކީ ވެސް އޭނާ އެވެ.