Roadha Mihaaru
ގޭގެއަށް ގޮސް ކޮވިޑް ވެކްސިން ޖަހައިދޭން ފަށައިފި

މާލޭގައި ގޭގެއަށް ގޮސް ކޮވިޑް ވެކްސިން ޖަހައިދޭން ފަށައިފި

01 ފެބުރުއަރީ 2022

މާލޭގައި ގޭގެ އަށް ގޮސް، އެނދުމަތިވެފައި ތިބޭ މީހުންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ގޭގެ އަށް ގޮސް، އެނދުމަތިވެފައި ތިބޭ މީހުންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ ގޭގެ އަށް ގޮސް އެނދުމަތިވެފައި ތިބޭ މީހުނަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތްކުރާނީ ދަމަނަވެށިން ކަމަށެވެ. އަދި ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ހޮޓްލައިން 1976 އަށް ގުޅައިގެން އެޕޮއިޓްމެންޓް ހެއްދޭނެ އެވެ.

މީގެ ކުރިން، ވެކްސިން ޕްރޮގްރާމް ފެށި ދުވަސްވަރު ވެސް ގޭގެ އަށް ގޮސް އެނދުމަތިވެފައި ތިބޭ މީހުންނަށް ކޮވިޑް ވެކްސިން ޖަހައިދިނެވެ.

ރާއްޖޭގައި މިހާރު އަންނަނީ ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ވެސް ޖަހައިދެމުންނެވެ. އިއްޔެގެ ނިޔަލަށް 72،000 ވުރެ ގިނަ ބޫސްޓަ ޑޯޒް ޖަހާފައިވާ އިރު، ދެ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު އުޅެނީ 369،00 އިން މަތީގަ އެވެ.

ބޫސްޓަ ޑޯޒް ޖެހުން މިއަދު ވަނީ މަޖުބޫރު ވެސް ކޮށްފަ އެވެ. ކޮވިޑް ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާނީ، ކޮވިޑްގެ ދެ ވެކްސިނާ އެކު ބޫސްޓަ ޑޯޒް ވެސް ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މިއަދު ވަނީ ލުއިތަކެއް ވެސް ދީފަ އެވެ.

މިއަދު ދިން ލުއިތަކުގެ ތެރޭގައި ހިމެނެނީ:

- ވެކްސިންތައް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ކޮވިޑް ކޮންޓެކްޓުން އަލާމާތެއް ނެތް މީހުން މިއަދުން ފެށިގެން ކަރަންޓީން ވާން ނުޖެހުން. - ކޮވިޑް ޕޮޒިޓިވް މީހަކާ ކޮންޓެކްޓްވެ، އަލާމާތެއް ހުރެއްޖެ ނަމަ، އެންޓިޖެން ނުވަތަ ޕީސީއާރުގެ ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީން ވާން ނުޖެހުން.

މިދިޔަ މަހު ކުރީކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ކޮންމެ ދުވަހަކު 2،000 ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ އެވެ. ބަލި ޖެހޭ މީހުން އިތުރު ވިޔަސް، އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު މަދެވެ.