Roadha Mihaaru
ދުވަސްވީ މީހުންނަށް ކޮވިޑުގެ ހަތަރު ވަނަ ޑޯޒު ދެނީ

އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒު ދެނީ

22 ޖޫން 2022

އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑު-19 ގެ ނުރައްކާ އޮތް މީހުންނަށް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑު-19 ގެ ނުރައްކާ އޮތް މީހުންނަށް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެ އެޖެންސީން މިރޭ ކުރި އިއުލާނުގައި ބުނީ 65 އަހަރުން މަތީގެ މީހުންނާއި ކޮވިޑު ޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުން ވެކްސިންގެ ހަތަރު ވަނަ ޑޯޒު ޖަހާނީ ތިން ވަނަ ޑޯޒު ނުވަތަ ބޫސްޓާގެ ފުރަތަމަ ޑޯޒް ޖެހިތާ ހަތަރު މަސް ފަހުން ކަމަށެވެ.

ހަތަރު ވަނަ ޑޯޒް ޖަހަން ހަމަޖައްސާފައިވާ މީހުން

- 65 އަހަރުން މަތީގެ މީހުން

- 18-64 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމް ބަލިކަށި މީހުން.

- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން

- ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން

- ގަވައިދުން ޑަޔަލިސިސް ހަދާ މީހުން

- ކެންސަރު ބައްޔަށް ފަރުވާ ހޯދާ އަދި އެ ބަލިން ސަލާމަތްވިތާ އަހަރެއް ނުވާ މީހުން

- ފުއްޕާމޭގެ ބައްޔަށް ފަރުވާ ކުރާ މީހުން

އެ މީހުންނަށް މާދަމާއިން ފެށިގެން ފައިޒާ ވެކްސިން ދޭން ފަށާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި މާދަމާއިން ފެށިގެން ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ މެންދުރު ފަހު 1:00-3:00 އަށް، ދަރުމަވަންތަ ހޮސްޕިޓަލުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00-12:00 އަށް އަދި ދަމަނަވެށިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 1:00-3:00 އަށް ވެކްސިން ޖަހައިދޭނެ އެވެ.

އޭގެ އިތުރުން 12-17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ވެކްސިންގެ ދެ ވަނަ ޑޯޒު ފުރިހަމަކުރިތާ ހަ މަސް ފުރިފައިވާ ކުދިންނަށް ވެސް މާދަމާއިން ފެށިގެން ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހައިދޭން ފަށާނެ އެވެ.

ވެކްސިން ޖެހުމަށް ޝަރުތުހަމަވާ މީހުން mv.gov.hpa.book ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އުމުރުން ދުވަސްވީ މީހުންނާއި ބަލީގެ ނުރައްކާ އޮތް މީހުންނަށް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖަހައިދޭން ފެށިއިރު، ކޮންޓްރޯލްގައި އޮތުމަށްފަހު އެ ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އަނެއްކާ ވެސް އިތުރުވަމުންނެވެ. އެހެންވެ، ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އެދެ އެވެ.