Roadha Mihaaru
ވެކްސިން ޖަހާ މީހުން ކުއްލިއަކަށް ގިނަވެ ބޮޑު ކިއޫއެއް

ވެކްސިން ޖަހާ މީހުން ކުއްލިއަކަށް ގިނަވެ ބޮޑު ކިއޫއެއް

11 މާޗް 2021

ކޮވިޑް-19 އިން ރައްކާތެރިވާން ވެކްސިން ޖަހަން އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ގިނަ ބަޔަކު ގޮސް ކިއޫތައް އެތައް ސަތޭކަ ފޫޓަކަށް ދަމާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އިން ރައްކާތެރިވާން ވެކްސިން ޖަހަން އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ގިނަ ބަޔަކު ގޮސް ކިއޫތައް އެތައް ސަތޭކަ ފޫޓަކަށް ދަމާލައިފި އެވެ.

އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް މިހާރު ވެކްސިން ދެމުން އަންނައިރު މާލޭގައި ކޮންމެ ދުވަހަކު 2000-3000 އެއްހާ މީހުން އެވްރެކޮށް ވެކްސިން ޖަހަ އެވެ. އަދި ކޮންމެ ބުރާސްފަތި ދުވަހަ މި އަދަދު އިތުރުވެ އެވެ.

ނަމަވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން އަންނަ ހޯމަ ދުވަހުން ފެށިގެން މެދުކަނޑާލާނެ ކަމަށް ބުނުމާ އެކު ވެކްސިންޖަހާ މީހުން ވަނީ އިތުރުވެފަ އެވެ. އަދި މިއަދަކީ ބުރާސްފަތި ދުވަހަށް ވުމުން މީހުން އިތުރަށް ގިނަވީ ކަމަށް ބެލެވެ އެވެ.

މާލޭގައި 8 ސެންޓަރެއްގައި ވެކްސިން ޖަހައިދެމުން އަންނައިރު ހުރިހާ ތަނެއްގައިވެސް މިއަދު މީހުން ގިނަ އެވެ. ގިނަ ބަޔަކު ވެކްސިން ޖަހަންދާ، ސޯޝަލް ސެންޓަރު ބޭރުގައި ހަދާފައިވާ ކިއޫ ހިރިޔާ ސްކޫލާ ހިސާބަށް ވެސް އޮތެވެ.

ކޮވިޑް ވެކްސިން ޖަހަން ސޯޝަލް ސެންޓަރު ބޭރުގައި އެތައް ސަތޭކަ ބަޔަކު ކިއޫގައި. -- ފޮޓޯ:މިހާރު/އަހްމަދު އަވްޝަން

ކޮވިޑް ވެކްސިން ޖަހަން ސޯޝަލް ސެންޓަރު ބޭރުގައި އެތައް ސަތޭކަ ބަޔަކު ކިއޫގައި. -- ފޮޓޯ:މިހާރު/އަހްމަދު އަވްޝަން

އިއްޔެ މާލެ ސަރަހައްދުން 4،459 މީހުން ވެކްސިން ޖެހި ރަށްރަށުގައި 3،522 މީހަކު ވެކްސިން ޖެހި އެވެ. އެހެންވެ އިއްޔެ 9،781 މީހަކު ވެކްސިން ޖަހާފައި ވާތީ މިއީ ވެސް މިހާތަނަށް އެންމެ ގިނަ ބަޔަކު ވެކްސިން ޖެހި ދުވަހެވެ. މިއަދު އެ އަދަދަށް ވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ވެކްސިން ޖަހަން ގޮސް ތިބި މީހުންގެ ތެރޭގައި ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން ވެސް އެބަ ތިއްބެވެ.

ބުރާސްފަތި ދުވަހު ވެކްސިން ޖަހާ މީހުން ގިނަަވަނީ ވެކްސިންގެ ސައިޑް އިފެކްޓްސް ބައެއް މީހުންނަށް ކުރިމަތިވާތީ، ހަފުތާ ބަންދާ ދިމާވާ ގޮތަށް ވެކްސިން ޖެހުމުން ވަޒީފާއަށް ނުކުތުމަށް ހުރަހަކަށް ނުވާނެތީ އެވެ.

މިހާތަނަށް މުޅި ރާއްޖެއިން 175،456 މީހުން ވެކްސިން ޖަހާފައި ވެ އެވެ. އޭގެ ތެރެއިން 99،829 މީހުން ވެކްސިން ޖަހާފައި ވަނީ މާލެ ސަރަހައްދުންނެވެ. ވެކްސިން ޖެހުމުގެ މަސައްކަތް އަށް ސެންޓަރަކާއި ދެ މޯބައިލް ޓީމުން މާލެ ސަރަހައްދުގައި ކުރެ އެވެ.