Roadha Mihaaru
އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ލައިސަންސެއް ނުދިން

އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ލައިސަންސް ނުދޭން އެމްއެމްއޭ އިން ނިންމައިފި

02 ފެބުރުއަރީ 2022

އެސްޓީއޯގެ ޑިޖިޓަލް ބޭންކް "އިވޯލްވް" ލައިސަންސް ނުދޭން މަރުކަޒީ ބޭންކް އެމްއެމްއޭ އިން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯގެ ޑިޖިޓަލް ބޭންކް "އިވޯލްވް" ލައިސަންސް ނުދޭން މަރުކަޒީ ބޭންކް އެމްއެމްއޭ އިން ނިންމައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެމްއެމްއޭގެ ބޯޑުން މިދިޔަ ޖެނުއަރީމަހު މިގޮތަށް ނިންމީ ޓެކްނިކަލް އިވެލުއޭޝަނުން ފެއިލްވުމުން، ބޭންކިން ގާނޫނުގެ ދަށުންނެވެ. އަދި މިކަން މިހާރު އެސްޓީއޯ އަށް މިދިޔަ މަހުގެ 19 ގައި އަންގާފައިވާކަން ވެސް ވަނީ އެނގިފަ އެވެ.

ގާނޫނުގައި ބުނަނީ، ލައިސަންސަށް އެދި، ޑޮކިއުމަންޓްތައް ހުށަހަޅާތާ ތިން މަސް ތެރޭގައި އެ ފަރާތަކަށް އެމްއެމްއޭ އިން ޖަވާބު ދޭން ވާނެ ކަމަށް ވާއިރު، އެ ޖަވާބު ވެސް އެ އުސޫލުން އެސްޓީއޯ އަށް ދީފައިވާ ކަމަށް އެނގިފައި ވެ އެވެ.

އެމްއެމްއޭ އިން ބުނީ، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެސްޓީއޯ އަށް ޖަވާބު ދީފައިވާ ކަމަށެވެ. އެކަމަކު، އެ ޖަވާބުގެ ތަފުސީލާ ގުޅޭ ގޮތުން އެމްއެމްއޭ އިން މީޑިއާގައި ވާހަކައެއް ނުދައްކަ އެވެ.

މިގޮތަށް ނިންމި އިރު އެސްޓީއޯ އިން އޮތީ ހުރިހާ ކަމަކަށް ތައްޔާރުވެފަ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު "މިހާރު" އަށް ވިދާޅުވީ، ބޭންކް ހިންގަން ބޭނުންވާ މުވައްޒަފުންނާއި ބޭންކަށް ބޭނުންވާ ފައިނޭންސްގެ އިތުރުން ބޭންކުން ފޯރުކޮށްދޭ ހިދުމަތްތައް ވެސް ކަނޑައަޅާ ނިންމާފައިވާ ކަމަށެވެ.

ޑިޖިޓަލް ބޭންކަށް ލައިސެންސް ހޯދަން އެސްޓީއޯ އިން ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ތިން މަސް ތެރޭ ލައިސެންސް ލިބޭނެ ކަމަށް އޭރު ލަފާކުރި އެވެ.

އަމްރު ވިދާޅުވީ، ބޭންކްގެ ނަން ވެސް މިހާރު އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އެސްޓީއޯ އިން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެހެން ކޮންވެންޝަނަލް ބޭންކުތަކާ ހިލާފަށް، ޑިޖިޓަލް ބޭންކް ހިންގުމުގައި ހަރަދު ކުޑަ ވާނެ އެވެ. އެންމެ ލަސްވެގެން ފަސް މިނެޓު ތެރޭގައި އަމިއްލަ އަށް އެކައުންޓު ހުޅުވައިލެވޭ އިރު 60 ސިކުންތު ތެރޭގައި ލޯނަށް އެޕްލައިކޮށް، ލޯނުގެ ފައިސާ އެކައުންޓަށް ޖަމާވާނެ އެވެ.