Roadha Mihaaru
ޑިޖިޓަލް ބޭންކްގެ ލައިސަންސަށް އަލުން އެދޭނަން: އަމްރު

އެސްޓީއޯ ޑިޖިޓަލް ބޭންކްގެ ލައިސަންސަށް އަލުން އެދޭނަން: އަމްރު

31 މެއި 2022

އެސްޓީއޯގެ ޑިޖިޓަލް ބޭންކް "އިވޯލްވް" ހިންގުމަށްޓަކައި އަވަހަށް އަލުން ލައިސަންސަށް އެދި ހުށަހަޅާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯގެ ޑިޖިޓަލް ބޭންކް "އިވޯލްވް" ހިންގުމަށްޓަކައި އަވަހަށް އަލުން ލައިސަންސަށް އެދި ހުށަހަޅާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރޭ ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވީ، ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ހުޅުވަން ބޭނުންވަނީ ދިވެހި ވިޔަފާރިތަކަށް އިތުރު ކުރިއެރުން ގެނައުމަށާއި ފިންޓެކަކީ މުޅި ދުނިޔޭގައި ވެސް ކުރިއަރަމުން އަންނަ އިންޑަސްޓްރީއަކަށް ވާތީ، އެ އިންޑަސްޓްރީ އަށް އެންމެ ކުރިން ވަނުމުގެ ބޭނުމުގައި ކަމަށެވެ.

އަމްރު ވިދާޅުވީ، އެއީ ރާއްޖެ އަށް ބޭރު ފައިސާ ލިބުމަށް މަގުފަހިވާނެ ޕްރޮޖެކްޓެއް ކަމަށާއި ޑިޖިޓަލް ބޭންކްގެ ލައިސަންސަށް އެދި ހުށަހެޅީ އެމްއެމްއޭގެ ލަފާ ހޯދައިގެން ކަމަށް ވިޔަސް ލައިސަންސަށް އެދުމުން ޑިޖިޓަލް ބޭންކްގެ ބައެއް ކަންކަަން ފާހަގަކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، މަރުކަޒީ ބޭންކް އެމްއެމްއޭއިން ފާހަގަކުރި ބަދަލުތައް ގެނައުމަށް ފަހު، އަލުން ޑިޖިޓަލް ބޭންކްގެ ލައިސަންސަށް އެދި ހުށަހަޅާނެ އެވެ.

"ޑިޖިޓަލް ބޭންކަކީ މުޅި ރާއްޖޭގެ ބޭންކިން ސެކްޓާ ކުރިއަރުވައި، އަދި މުޅި ބޭންކިން އިންޑަސްޓްރީ ރިވޮލިއުޝަނަލައިޒް ކޮށްލަމުން އަންނަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، އެއީ އެހެން ގައުމުތަކަށް ވަރަށް ފަސޭހައިން ފުޅާކުރެވޭނެ ވިޔަފާރިއެއް ކަމަށެވެ.

"ޑިޖިޓަލް ވީމާ ނުޖެހޭ މާ ބޮޑު އިންފްރާސްޓްރަކްޗަރެއް ހަދާކަށް. ވަރަށް ފަސޭހައިން މި ކަން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޑިޖިޓަލް ބޭންކަށް ލައިސަންސް ހޯދަން އެސްޓީއޯ އިން ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ތިން މަސް ތެރޭ ލައިސެންސް ލިބޭނެ ކަމަށް އޭރު ލަފާކުރި އެވެ. ނަމަވެސް ޑިޖިޓަލް ބޭންކަށް ލައިސަންސް ނުދޭން މިދިޔަ ފެބްރުއަރީ މަހު އެމްއެމްއޭ އިން ވަނީ ނިނމާފަ އެވެ.

އެސްޓީއޯ އިން ވަނީ ޑިޖިޓަލް ބޭންކް ހިންގަން ބޭނުންވާ މުވައްޒަފުންނާއި ފައިނޭންސްގެ އިތުރުން ބޭންކުން ފޯރުކޮށްދޭ ހިދުމަތްތައް ވެސް ކަނޑައަޅައިފަ އެވެ.

ކޮންވެންޝަނަލް ބޭންކްތަކާ ހިލާފަށް ޑިޖިޓަލް ބޭންކް ހިންގުމުގައި ހަރަދު ކުޑަވާނެ އެވެ. އެންމެ ލަސްވެގެން ފަސް މިނެޓު ތެރޭގައި އަމިއްލަ އަށް އެކައުންޓު ހުޅުވައިލެވޭ އިރު 60 ސިކުންތުގެ ތެރޭގައި ލޯނަށް އެޕްލައިކޮށް، ލޯނުގެ ފައިސާ އެކައުންޓަށް ޖަމާވާނެ އެވެ.