Roadha Mihaaru
ބަދަލު ގެނައީ ގާބިލު މީހުން ނުލިބޭތީ: އެމްއެމްއޭ

ބަދަލު ގެނައީ ގާބިލު މީހުން ނުލިބޭތީ: އެމްއެމްއޭ

16 މެއި 2021

މާލީ ދާއިރާތަކުގެ ބޯޑުގައި ސިޔާސީ މީހުންގެ އާއިލީ މީހުންނަށް ތިބެވޭގޮތަށް އިސްލާހު ގެނައީ އެ ދާއިރާއިން ފެންވަރު ހުރި މީހުން ނުލިބޭތީ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލީ ދާއިރާތަކުގެ ބޯޑުގައި ސިޔާސީ މީހުންގެ އާއިލީ މީހުންނަށް ތިބެވޭގޮތަށް އިސްލާހު ގެނައީ އެ ދާއިރާއިން ފެންވަރު ހުރި މީހުން ނުލިބޭތީ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އެ އިދާރާގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ނާސިހު "މިހާރު" އަށް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވުމާތީ އާބާދީގެ ބޮޑު ބައެއް އޮންނަނީ ކޮންމެވެސް ގޮތަކުން ސިޔާސީ މީހަކާ ގުޅިފައި ކަމަށެވެ. އެހެންކަމުން މާލީ ދާއިރާއިން ކިޔަވައިން ތިބި، ކަމަށް ގާބިލު، ސިޔާސީ މީހަކާ އެއްވެސް ގުޅުމެއް ނެތް މީހުން ހޯދަން ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާސިހު ވިދާޅުވިގޮތުގައި މިހާރު އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން ވެސް ގިނަ އަދަދެއްގެ ސިޔާސީ މީހުން މާލީ އިދާރާތަކުގެ ބޯޑަށް އައްޔަން ކުރުމަށް ހުރަސް އެޅޭނެ އެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން ރާއްޖޭގެ ގިނަ މީހުން މިތިބެނީ ކޮންމެވެސް ގޮތަކުން ސިޔާސީ މީހަކާ ގުޅިފައި. އެހެންކަމުން މިދިޔަ އަހަރު ނެރުނު ގަވާއިދުގައި ބުނެފައިވާގޮތުން ކަމަށް ގާބިލު މީހުން ހޯދަން ދަތިވޭ. މިކަން ބައެއް އިދާރާތަކުން ވެސް ވަނީ އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްފައި. އެހެންވެ ނިންމީ ޕޮލިޓިކަލް އިންފްލުއެންސް މިނިމައިޒްކޮށް ގާބިލު މީހުން ނެގޭ ގޮތަށް ގަވާއިދަށް ބަދަލު ގެންނަން،" ނާސިހު ވިދާޅުވި އެވެ.

މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ ނުފޫޒު ފޯރުވިޔަ ނުދިނުމަށް މިދިޔަ އަހަރުގެ ޖުލައި މަހު އެކުލަވައިލި ގަވާއިދުގައި ވަނީ ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ކައުންސިލްތަކާއި ރައީސް އައްޔަން ކުރައްވާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސިޔާސީ ޕާޓީއެއްގެ މުހިންމު މަގާމެއް އަދާކުރައްވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލީ ބޭފުޅުނަށް އެފަދަ ތަންތަނުގެ ބޯޑުގައި ނުތިބެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ. ނަމަވެސް އެމްއެމްއޭއިން ވަނީ މި ގަވާއިދަށް ބަދަލު ގެނެސް އިއްޔެ ގެޒެޓުކޮށްފަ އެވެ.

މި އިސްލާހުގައި ބުނެފައިވާގޮތުގައި ކެބިނެޓު މެމްބަރުންނާއި މަޖިލިސް މެމްބަރުން ފިޔަވައި އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އާއިލީ މީހުންނަށް މާލީ އިދާރާތަކުގެ ބޯޑުގައި ތިބެވޭނެ އެވެ.

މި ބަދަލަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާ މަޝްވަރާ ކުރުމަށްފަހު ގެނައި ބަދަލެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.