Roadha Mihaaru
މުއިއްޒުގެ ހިސާބު: 54،000 ގެދޮރު ދެވޭނެ

މުއިއްޒު ވިދާޅުވަނީ މާލޭގެ މީހުންނަށް 14،000 ގޯއްޗާއި 40،000 ފްލެޓް ދެވޭނެ ކަމަށް

03 ފެބުރުއަރީ 2022

ގިރާވަރު ފަޅު ހިއްކާ އެ ތަނުން މަދުވެގެން 2،000 ގޯތި މާލޭގެ މީހުންނަށް ދޫކުރާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާނުގައި މިއަދު ވިދާޅުވުމުން އެއީ ހައްގު މިންވަރުތޯ ސުވާލު އުފައްދަވާއި މާލޭގެ މީހުންނަށް ގޯތިދެވޭނެ އަމިއްލަ ހިސާބެއް ޖައްސަވާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގިރާވަރު ފަޅު ހިއްކާ އެ ތަނުން މަދުވެގެން 2،000 ގޯތި މާލޭގެ މީހުންނަށް ދޫކުރާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާނުގައި މިއަދު ވިދާޅުވުމުން އެއީ ހައްގު މިންވަރުތޯ ސުވާލު އުފައްދަވާއި މާލޭގެ މީހުންނަށް ގޯތިދެވޭނެ އަމިއްލަ ހިސާބެއް ޖައްސަވާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

"މާލެ ރައްޔިތުންނަށް ހައްގު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްކަ ހާސް ފްލެޓެއް ނޫން،" މޭޔަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވަމުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭ މީހުންނަށް އޮތް ދައްޗާއި ތަކުލީފު ވަރަށް ބޮޑު ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނައިން ވާހަކަފުޅު ދެއްކެވޭ ކަމުގެ އިހްސާސް ވެސް ކުރެވޭ ކަމަށެވެ.

އެކަމަކު މާލޭ މީހުންނަށް ހާއްސަކޮށް ހުޅުމާލޭގައި އަޅަމުން އަންނަ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަ ދާ ކަމަށާއި އަދި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ހުޅުމާލޭގައި ފެށޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ.-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ.-- ފޮޓޯ: މަޖިލިސް

"މީގެ އިތުރުން މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް އަޅުގަނޑު ނިންމައިފިން. އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެެގެން 1،000 ގޯތި، ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޭނަން. މި މަސައްކަތް މި އަހަރުގެ ޖޫންގައި ފަށާނަން. އަދި ގިރާވަރު ފަޅުން ހިއްކާ ބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން،" ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެ ދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވާނެކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވި އެވެ.

މި ނަންބަރުތަކަށް ފާޑު ވިދާޅުވެ، މޭޔަރު ޖެއްސެވި ހިސާބުގައި މާލެ މީހުންނަށް 14،000 ގޯއްޗާއި 40،000 ފްލެޓް ދެވޭނެ އެވެ. އެއީ ހުޅުމާލެއިން މަދުވެން 4،000 ގޯއްޗާއި ގުޅިފަޅު ހިއްކައިގެން މަދުވެގެން ދެވޭނެ 10،000 ގޯތި ކަމަށެވެ. އަދި ހުޅުމާލެއިން 15،000 ފްލެޓާއި ގުޅިފަޅުން 25،000 ފްލެޓް ދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ޕްލޭންތައް ކޮޕީކޮށްގެން ވިޔަސް ކޮށްދޭ ނަމަ އުފާވޭ"

މީގެ އިތުރުން، ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހުރި ބައެއް ކަންކަން މާލެ ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައި ވާތީ އެކަމަށް ވެސް ފާޑުކިޔުއްވައި، ސިޓީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕަށް ކުރެއްވި މެސެޖެއްގައި މުއިއްޒު ވިދާޅުވީ އެ ޕްލޭންގައި ކަނޑައަޅާފައި ހުރި ކަންކަން "ކޮޕީކޮށްގެން" ވިޔަސް، ކޮށްދޭ ނަމަ އުފާކުރާއްވާނެ ކަމަށެވެ.

"އެކްޝަން ޕްލޭންގައި ހުރި ކަންކަން ކޮޕީކޮށްގެން ވެސް މާލެ ރައްޔިތުންނަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ކަންކަން ކޮށްދީ ރައްޔިތުން އެދޭ މަންޒިލަށް ވާސިލް ވަންޏާ އުފާކުރާނަން،" މޭޔަރު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޕްރެސްއެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އަދި މެމްބަރު އަހްމަދު ޒަމީރު.-- ފައިލް ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ ޕްރެސްއެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އަދި މެމްބަރު އަހްމަދު ޒަމީރު.-- ފައިލް ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލްގެ އެކްޝަން ޕްލޭންގައި ހުރި ކަންކަން ކުރުމަށް ސަރުކާރުން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭ ކަމަށާއި އެއީ މާލެ ރައްޔިތުން ނިންމި ޑިމޮކްރެޓިކް ނިންމުން ސަރުކާރުން ބަލައިނުގަންނަ ކަމުގެ ދަލީލެއް ކަމަށާއި އަދި އެއީ ލާމަރުކަޒީ ނިޒާމަށް ކުރެވޭ ބޭއިހުތިރާމެއް ކަމަށް ވެސް އެ މެސެޖުގައި މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދަން ސިޓީ ކައުންސިލުން ބޭނުންވަނީ ގުޅިފަޅުން ގޯތި ދޭން ކަމަށް ވިޔަސް، ސަރުކާރުން އެގޮތް ބޭނުމެއް ނުވެ އެވެ. ސަރުކާރުން ބޭނުންވަނީ ގުޅިފަޅަށް މާލޭގެ ވިޔަފާރީ ބަނދަރު ބަދަލުކުރާށެވެ. ގުޅިފަޅަކީ މާލޭގެ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދަން ބޭނުންކުރާ ރަށެއްގެ ގޮތުގައި ހާއްސަ ކުރުމަށް ކައުންސިލުން މިދިޔަ މަހު ވަނީ އެ މައްސަލަ ކޯޓަށް ވެސް ހުށަހަޅާފަ އެވެ.

ސިޓީ ކައުންސިލުން ބޭނުން ވަނީ ތިލަފުށީގައި ވިޔަފާރި ބަނދަރު ގާއިމްކޮށް، ގުޅީފަޅުން ގޯތި ދޫކުރާށެވެ.

ސަރުކާރުގެ ހުއްދަ ލިބުމާ އެކު، މާލޭގައި އިމާރާތް ކުރަން ސިޓީ ކައުންސިލުން ވައުދުވި 2،500 ފްލެޓްގެ ވައުދު ފުއްދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.