Roadha Mihaaru
އިންތިގާލީ އަރައިރުން ހުއްޓުވޭނެ ގޮތެއް ނެތް؟!

އިންތިގާލީ މަރުހަލާގެ އަރައިރުން ހުއްޓުވޭނެ ގޮތެއް ނެތް؟!

15 އޮކްޓޯބަރ 2023

"ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދެ ލައްކަ އަށްޑިހަ ހަތަރު ހާސް މީހުންނަކީ ސަރުކާރު މުވައްޒަފުން ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ހެއްދެވޭނެ... ސޯސަންމަގު މެދު ކޮނެލާފައި އެތާނގައި ބަނދަރެއް ހަދަނީ ކަމަށް ބުނެ ރައްޓެހި ކުންފުންޏަކަށް ކޮންޓްރެކްޓެއް ދެވިދާނެ ހަތްދިހަ މިލިއަން ޑޮލަރުގެ."

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

"ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދެ ލައްކަ އަށްޑިހަ ހަތަރު ހާސް މީހުންނަކީ ސަރުކާރު މުވައްޒަފުން ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ހެއްދެވޭނެ... ސޯސަންމަގު މެދު ކޮނެލާފައި އެތާނގައި ބަނދަރެއް ހަދަނީ ކަމަށް ބުނެ ރައްޓެހި ކުންފުންޏަކަށް ކޮންޓްރެކްޓެއް ދެވިދާނެ ހަތްދިހަ މިލިއަން ޑޮލަރުގެ."

މިއީ މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ސިފަ ކޮށްދެއްވި ހާލަތެކެވެ. އެ ދުވަހު މަޖިލީހުގައި ޖަލްސާގައި ބަހުސް ކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލުކުރަން ނަމަވެސް، ގިނަ މެމްބަރުންގެ ވާހަކަތައް ބައްޓަން ކުރެއްވީ މިހާރު ގުނަމުން މިދާ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުތައް ވެރިކަމުގެ ބާކީ މި އޮތް މުއްދަތުގައި ބޭނުންކުރެއްވުމާ ގުޅޭގޮތުންނެވެ.

މި ފަހަރު މި އަރައިރުން ފެށުނީ، ނިމުނު ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ހަތް ކަމެއް ނުކުރަން ސަރުކާރަށް އެންގެވި ހިސާބުންނެވެ. އޭގެ ތެރޭގައި އާ މަޝްރޫއުތައް ނުފެށުމާއި ވަޒީފާގެ ކުރިއެރުން ނުދިނުމާއި ލޯނު ނުނެގުމާއި އާ އިންވެސްޓްމަންޓްތައް ނުފެށުން ފަދަ ކަންކަން ހިމެނެ އެވެ.

ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް އާ ނައިބް ރައީސް އަދި ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން ބައިވެރިވަނީ .-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް އާ ނައިބް ރައީސް އަދި ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން ބައިވެރިވަނީ .-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހަސަން އެ ނެންގެވި މިސާލަކީ މިހާރު ފެންމަތިވެގެން މި އުޅޭ ޒާތެއްގެ ޒުވާބު މާ ބޮޑަށް ބޮޑުކޮށްލުމޭ ބުންޏަސް، ހަގީގަތަކީ އޭނާ ވިދާޅުވި ފަދައިން، ވެރިކަމުގެ ފަހު ދުވަހާ ހަމައަށް ރައީސުލްޖުމްހޫރިއްޔާ އަށް އެ ކަހަލަ ކަމެއް ކުރެއްވުމަކަށް އެއްވެސް ހުރަހެއް ނެތް ކަމެވެ.

ގާނޫނީ ހުރަހެއް ނެތް، ގޮވާލަނީ އިހުލާސްތެރި ވާން!

މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް ފާހަގަކުރައްވަނީ އެ ނުކުތާ އެވެ.

ރިފްއަތު ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ ވަކި ކަންތައްތަކެއް ހުއްޓާލަން ނުވަތަ ނުކުރަން އެންގުމުގެ ގާނޫނީ ހައިސިއްޔަތެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ނޯންނަ ކަމަށެވެ. މީގެ ކުރިން ރާއްޖޭގެ ވެރިކަންތައް ބަދަލުވިއިރު ވެސް އަމަލުކޮށްފައި ވަނީ އާ ސަރުކާރު އުފެދުމާ ހަމައަށް އޭރެއްގައި އޮންނަ ސަރުކާރު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން މަތީ ދެމިއޮންނަ ގޮތަށް ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ކުރީގެ ޖަލްސާއެއްގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ކުރީގެ ޖަލްސާއެއްގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

ގާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ)އާ ހަވާލާ ދެއްވައި ރިފްއަތު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އިންތިހާބުކޮށް ވެރިކަމުގައި ދެމިހުންނަވާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އިންތިހާބަކަށް ފަހު އާ ސަރުކާރެއް އުފެދުމާ ހަމައަށް އަންނަ އިންތިގާލީ މަރުހަލާ ވެސް ހިމެނޭނީ ރިޔާސީ ދައުރުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މިހާރު މިހިނގަމުންދާ ރިޔާސީ ދައުރު ނިމުމަކަށް އަންނާނީ ނޮވެމްބަރު 17، 2023 ގައި, އިންތިހާބީ ރައީސް ހުވާކުރެއްވުމާ ހަމައިން. އެ މުއްދަތާ ހަމައަށް މި ސަރުކާރުން ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން އަދި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން މަތީ ސަރުކާރުން ދެމިއޮންނަންވާނެ," ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު މިހާރު މިގޮތަށް ވިދާޅުވި ނަމަވެސް، 2018 ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު، އެމްޑީޕީން ވެރިކަމާ ހަވާލު ވާން ތައްޔާރުވަމުން ދިޔަ އިންތިގާލީ މުއްދަތުގައި، ހަމަ މި ޝަކުވާ ކުރި އެވެ.

"2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު ހުވާކުރުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ އިރު ހައުސިން މިނިސްޓްރީ ދޮށުގައި މީހުން ތިބީ ކިއުގައި ފްލެޓްގެ ރަޖިސްޓްރީ ހޯދުމަށް،" އޭރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މުއިއްޒަށް ނުސީދާކޮށް ރައްދު ދެއްވައި ބުދަ ދުވަހުގެ ޖަލްސާގެ ތެރެއިން ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒް ވިދާޅުވި އެވެ.

ބަންޑާރަ ނައިބާ އެކު އެމްޑީޕީގެ މެމްބަރުން ނަންގަވާ ދިފާއުގެ ރައްދުގައި ސަރުކާރާ އިދިކޮޅު މެމްބަރުން ވިދާޅަމުން ގެންދަވަނީ އެންމެ ވާހަކަ އެކެވެ. ގާނޫނީ ހުރަހެއް ނެތަސް، ޑިމޮކްރެޓިކް ރިވެތި އުސޫލު ތަކަށް އިހުލާސްތެރިކަމާ އެކު އިހުތިރާމް ކުރުމަށެވެ.

ގާނޫނުގައި ލިޔެގެން ހުއްޓުވޭނެ؟

އުސޫލެއްގެ ގޮތުން އެއީ ގަބޫލުކުރެވޭ ހަމަ އެއް ނަމަވެސް، އަމިއްލަ އިހުތިޔާރުގައި ވެރިއެއްގެ އިހުލާސްތެރި ކަމަށް މި ވަރުގެ ކަމެއް ދޫކޮށްލާފައި ބޭއްވޭނެ ކަމީ ޖާއިޒު ސުވާލެކެވެ. ހޯދެން އޮތް ކޮންމެ ގޮތަކަށް ސިޔާސީ މަންފާ އެއް ހޯދުމަކީ ސިޔާސީ މީހުންގެ ފިތުރަތުގައި ހުންނަ ކަމެެއް ކަން މިހާރު އަމާޒުވަމުންދާ ތުހުމަތުތަކުން ވެސް ސާފެވެ.

އާ ސަރުކާރު އަންނަ ގޮތަށް މިހާރު ސިޔާސީ މަގާމުތަކުގައި ތިބި މީހުން ވަކި ކުރެވޭނެތީ، އެ މީހުން ސިވިލް ސާވިސްގެ ވަޒީފާތަކަށް ބަދަލުކުރަން މި ސަރުކާރުން މަސައްކަތް ކުރާކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

"...މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދެން އަންނަ ސަރުކާރެއްގައި ތިބެވޭ ގޮތަށް ސިވިލް ސާވިސްގެ ތެރެއިން މަގާމުތަކެއް އުފައްދައިގެން އެ ބޭފުޅުންނަށް މަގާމު ދިނުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން،" ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ޕްރެސްގައި ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ޕްރެސްގައި ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ އެކަންޏެއް ނޫނެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކުން ގިނަ ބަޔަކަށް ވަޒީފާ ދެމުންދާ ކަމުގެ އަޑުތައް ވެސް ދަނީ އިވެމުންނެވެ.

މިއާ އެކު، އޭރު އޮންނަ ސަރުކާރެއްގެ އިހުލާސްތެރި ކަމަށް ދޫކޮށްލުމުގެ ބަދަލުގައި، މި މައްސަލައަށް އެ ނޫން ހައްލެއް ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ވަނީ ދައްކަވައިފަ އެވެ.

ބުދަ ދުވަހުގެ ޖަލްސާގެ ބަހުސްގެ ތެރެއިން މޯޑު ވެސް ވިދާޅުވީ 2018 ގައި ދެއްކި ވާހަކަތައް އޭގެ ފަސް އަހަރު ފަހުން އަނެއްކާވެސް ދައްކަން ޖެހިފައިވާ ކަމަށެވެ. އެކަމުގެ ހައްލަކަށް ވަޑައިގަންނަވަމުން، އޭނާ އިޝާރާތް ކުރެއްވީ 2010 ވަނަ އަހަރު ވުޖޫދުކުރި "ވެރިކަން ބަދަލުވުމުގެ މަރުހަލާ އާ ބެހޭ ގާނޫނު" އަށެވެ.

"އެ ގާނޫނަށް އަޅުގަނޑުމެންނަށް ގެނެވިދާނެ އިސްލާހުތަކެއް. ކޮން ކަންތައް ތަކެއްތޯ އިންތިހާބުގެ ނަތީޖާއަށް ފަހު ހުވާކުރުމާ މެދު މި އޮންނަ ދޭތެރޭގައި ކުރެވޭނީ އޭރަކު އޮންނަ ސަރުކާރަކަށް،" މޯޑު ހުށަހެޅުއްވި އެވެ.

އޭނާ އިޝާރާތް ކުރެއްވި އެންމެ ތިން ސަފުހާގެ ގާނޫނުގައި މައިގަނޑު ގޮތެއްގައި އޮތީ އިންތިގާލީ މަރުހަލާގެ ތެރޭގައި ހަމަޖައްސަންޖެހޭ ބައެއް އިދާރީ އިންތިޒާމުތަކެވެ. ޓްރާންސިޝަން އޮފީސް އުފެއްދުމާއި މުވައްޒަފުންނާއި ބަޖެޓު ކަނޑައެޅުމުގެ ވާހަކަ އެވެ.

މޯޑު ވެސް ވިދާޅުވި ގޮތަށް، އިންތިގާލީ މަރުހަލާގެ ތެރޭގައި އާ މަޝްރޫއުތައް ނުފެށުމާއި ލޯނު ނުނެގުމާއި ސިޔާސީ ވަޒީފާތައް ދީ މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުން ފަދަ ކަންކަން އެ ގާނޫނުގައި ހިމެނި ދާނެ އެވެ.

އެކަމަކު އެއީ އެހާ ފަސޭހައިން ކުރެވިދާނެ ކަމެއް ނޫން ކަމަށް ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިއްބައިދީފައި ހުރި ބާރުތަކެއް ގާނޫނަކުން ހަންޏެއް ނުކުރެވޭނެ އެވެ. ގާނޫނީ ބުރަދަން ލިބޭ ގޮތަށް އެކަން ލިޔުމަށް ތިރި ކުރެވޭނީ ސީދާ ގާނޫނުއަސާސީގައި ލިޔެގެން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އެކަމަކު ކީކޭތޯ ލިޔާނީ؟ ދެވަނަ ދައުރަކަށް އިންތިހާބު ނުވެއްޖެއްޔާ ރައީސްކަމުގެ ހުރިހާ ބާރެއް ލިބޭނީ ހަތަރު އަހަރާއި 10 މަސް އަށޭތޯ؟" އޭޖީ ވެސް ފާހަގަކުރެއްވި ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހެއްގެ ފަސް އަހަރުގެ ދައުރު އިންތިގާލީ މަރުހަލާއެއްގެ ތެރެއަށް ވަންނަ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން، އިންތިގާލީ މުއްދަތުގެ ތެރޭގައި ރައީސެއްގެ ބާރުތައް ހަނިކުރާނީ ކޮން މިންވަރަކަށްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"މިސާލަކަށް ކާރިސާ އެއް ނޫނީ ކުއްލި ހާލަތު އިއުލާނު ކުރަން ޖެހޭ ކަމެއް ދިމާވެއްޖެއްޔާ ކިހިނެއްތޯ ހަދާނީ؟ އެ ބާރު ދީފައިތޯ ބާއްވާނީ؟."

ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް އަހުމަދު މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ބައެއް ކަންކަން މަޑުޖައްސާލަން އިންތިހާބީ ރައީސަކު އެދިވަޑައިގެންނެވުމަކީ "ރީޒަނަބަލް" ރިކުއެސްޓެއް ކަމަށެވެ. އަދި އެކަމަށް އެއްބަސްވެވަޑައިގެންނެވުމަކީ ރައީސެއްގެ ބާރުތައް ހަނިވުން ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

ނަމަވެސް، އޭގެން ކަމެއް ގާނޫނެއްގައި ލިޔެފި ނަމަ، އޭގައި ގިނަ ދަތިތަކެއް ނުކުންނާނެ ކަމަށް މުއިއްޒު ވެސް ގަބޫލުކުރައްވަ އެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި، އެ ކަންކަން ގާނޫނެއްގައި ލިޔުމާ އެކު ރައީސްގެ ބާރުތައް ހަނިވެގެން ދިޔުމެވެ.

"ހުރިހާ އެއްޗެއް ނުޖެހޭ ދެއްތޯ ގާނޫނުގަ ލިޔާކަށް،" މުއިއްޒު ވިދާޅުވި އެވެ.

މިހާރު އުފެދިގެން އުޅޭ އަރައިރުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް އަދާކުރައްވަންޖެހޭނީ ޒިންމާދާރު ކަމާ އެކު ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތް މަތިން ކަން ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، އިންތިގާލީ މަރުހަލާ ވިޔަސް ނުވިޔަސް، އެ އުސޫލާ ހިލާފަށް ރައީސަކަށް ކަމެއް ނުކުރެއްވޭނެތީ، ރައީސެއްގެ ބާރުތައް ހަނިކުރާ ގޮތަށް ގާނޫނެއްގައި ކޮންމެހެން ލިޔަންޖެހޭ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އެކަމަކު ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީހަށް ބަލާ އިރު، ނިމެންދާ ސަރުކާރެއްގެ އިހުތިޔާރަށް އެކަނި މި ކަން ދޫކޮށްލުމުގެ ނަތީޖާ ވަރަށް ސާފެވެ. އެއާ އެކު، ގާނޫނަކުން ވިޔަސް ނޫނީ ގާނޫނީ ބުރަދަނެއް ލިބޭ ހައްލެއް ނުހޯދޭ ނަމަ، މީގެ ފަސް އަހަރު ފަހުން އިންތިހާބު ނަތީޖާ ނުކުންނަ ގޮތަކުން، މި ޒުވާބު ތަކުރާރު ކުރަން ނުޖެހޭނެ ގޮތެއް ނުފެނެ އެވެ.