Roadha Mihaaru
ދެ ވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް ގޮތެއް ނުނިންމާ

ދެ ވަނަ ބުރުގެ ގޯއްޗާއި ފްލެޓާ މެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމަން: ތަރުޖަމާނު

25 އޮކްޓޯބަރ 2023

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ހަފްތާއަކަށް ވެފައިވަނިކޮށް މި ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމުތަކާ މެދު އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ހަފްތާއަކަށް ވެފައިވަނިކޮށް މި ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމުތަކާ މެދު އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެކަމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފި އެވެ.

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގެ މުއްދަތު އިއްޔެ ހަމަވިއިރު، 40،000 މީހުން ވަނީ ފޯމު ހުށަހަޅައިފަ އެވެ. މި ސަރުކާރުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވާއިރު، މި މީހުންގެ މައުލޫމާތު ސާފުކޮށް، ލިޔުން ހަވާލުކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސަރުކާރުން ނުބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ، އިންތިހާބުގެ ކުރިން އަދި އިންތިހާބުވުމަށް ފަހު ވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވި ސްޓޭންޑަކީ ލިޔުން ހަވާލުކޮށްފައިވާ ނުވަތަ ބިން/ފްލެޓު ދިނުމަށް ގެޒެޓު ކޮށްފައިވާ އެއްވެސް ފަރާތެއްގެ އެއްޗެއް ނުހުއްޓުވުން ކަމަށެވެ.

އެ ވާހަކަ ދެއްކެވިއިރު ސަރުކާރުން އާންމުކޮށްފައި އޮތީ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ލިސްޓުކަން ފާހަގަކުރައްވައި ފިރުޒުލް ވިދާޅުވީ، އިއްޔެ މުއްދަތު ހަމަވީ އޭގެ ފަހުން އިއުލާނުކޮށްގެން އެޕްލިކޭޝަން ހުށަހެޅި ބައެއް ކަމަށެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ކޮމިޓްމެންޓް ގުޅިފައި އޮތީ ކުރިން ޝާއިއުކުރި ލިސްޓާ. ފަހުން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި އެޕްލިކޭޝަންތަކާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރަމުން އެބަ ގެންދަން،" ފިރުޒުލް ވިދާޅުވި އެވެ.

ދެ ވަނަ ބުރުގެ ގޯއްޗަށް ކުރިމަތިލެވޭ ޝަރުތެއްގެ ގޮތުގައި ކަނޑައެޅީ މާލޭގެ ރަށްވެއްސަކަށް ވުމާއި މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ. ފްލެޓަށް ކަނޑައެޅި ޝަރުތަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވުމެވެ. އެ މީހުންނަށް ގޯތި ދޭން ނިންމާފައިވަނީ އެމްއެންޑީއެފްގެ ޑޮކްޔާޑަކާއި ބަނދަރެއް ހެދުމުގެ މަސަކަތް ހިނގަމުން އަންނަ އުތުރު ތިލަފަޅުންނެވެ.

އުތުރު ތިލަފަޅުން ގޯތި ދޫކުރުމަކީ އިންތިހާބީ ސަރުކާާރުގެ ސިޔާސަތާ ފުށުއަރާ ކަމެއް ކަމަށެވެ. އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައިފައި އޮތީ ފުށިދިއްގަރުފަޅާއި ގިރާވަރުފަޅާއި ގުޅިފަޅާއި ހުޅުމާލެ އާއި މާލެ ހިމެނޭހެން 65،000 ގޯތި ނުވަތަ ފްލެޓް ދޭށެވެ. އެއީ، ފުށިދިއްގަރު ފަޅުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓާއި ގިރާވަރު ފަޅުން 89 ހެކްޓަރުގެ ބިން ހިއްކައިގެން 1،000 ވުރެ ގިނަ ގޯއްޗާއި 2،800 ފްލެޓް ދިނުމުގެ އިތުރުން ގުޅިފަޅުގެ 300 ހެކްޓަރުގެ ބިން ހިއްކައިގެން 3،500 އަށް ވުރެ ގިނަ ގޯއްޗާއި 7،800 ފްލެޓެވެ.