Roadha Mihaaru
އަންހެނުން ކޮމިޓީގެ މެންބަރުން އޮފީސްތެރޭ ތަޅުލައިފި

މާލޭގެ އަންހެނުންގެ ކޮމިޓީގެ މެންބަރުން އޮފީސްތެރޭ ތަޅުލައިފި

06 ފެބުރުއަރީ 2022

މާލޭގެ އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް ސިޓީ ކައުންސިލުން އެއްބާރުލުން ނުދީ، ޖެއްސުންކޮށް އެންމެ ފަހުން މިއަދު ބޭއްވި އަންހެނުންގެ ކޮމިޓީގެ ބައްދަލުވުން ނިމުނުއިރު އޮފީސްތެރޭގައި މެންބަރުން ތިއްބައި ބޭރުން ތަޅުލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް ސިޓީ ކައުންސިލުން އެއްބާރުލުން ނުދީ، ޖެއްސުންކޮށް އެންމެ ފަހުން މިއަދު ބޭއްވި އަންހެނުންގެ ކޮމިޓީގެ ބައްދަލުވުން ނިމުނުއިރު އޮފީސްތެރޭގައި މެންބަރުން ތިއްބައި ބޭރުން ތަޅުލައިފި އެވެ.

އެ ކޮމިޓީން މިިއަދު މައްޗަންގޮޅި އޮފީހުގައި ބޭއްވި ނުރަސްމީ ބައްދަލުވުން ނިމުނުއިރު އޮފީހުގެ ދޮރު ތަޅުލާފައި ހުރި މައްސަލަ ފެންމަތިވުމާ އެކު، އަންހެނުންގެ ކޮމިޓީން ވަނީ ސިޓީ ކައުންސިލުން އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ އަންހެނުންގެ ކޮމިޓީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ފާތިމަތު ޝަހުލާ ވިދާޅުވީ ގާތްގަނޑަކަށް ދެ ގަޑިއިރުގެެ ބައްދަލުވުމުގއި 14 މެމްބަރުން ބައިވެރިވި ކަމަށެވެ. ނަމަވެސް ބައްދަލުވުން ނިމުނުއިރު އޮފީސް ތަޅުލާފައި ހުރުމުން އެތެރޭގައި 45 މިނިޓު ވަންދެން އެތެރޭގައި މަޑުކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މެމްބަރުން ގަބޫލުކުރާ ގޮތުގައި އޮފީހުގައި ބަންދުކޮށްފައި އެ ގޮތަށް ބޭތިއްބުމަކީ ރަހީނުކުރުން ކަހަލަ ކަމެކެވެ.

"މީޓިން ރޫމުން ނުކުތްއިރު އެންމެން ހިނގައްޖެ އޮފީހުން. ފުލުހުން އަންނަ ހިސާބަށް ދިޔަ. ގުޅިތާ 45 މިނިޓު ފަހުން މައްޗަންގޮޅި އޮފީހުގެ މުވައްޒަފެއް އައީ އޮފީސް ހުޅުވަން. ކައުންސިލުން އަބަދުވެސް އަމަލުކުރަމުން ދަނީ އަންހެނުން ކޮމިޓީގެ މެމްބަރުންނަށް އުނދަގޫވާ ގޮތަށް ކަންތައްތައް ކުރުމަށް،" އޭނާ ވިދާޅުވި އެވެ.

ޝަހުލާ ވިދާޅުވީ އަންހެނުން ކޮމިޓީ އާއި ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ގުޅުން ރަނގަޅު ނޫން ކަމަށެވެ. އެކަމަކު މި ފަހުން އެ ދެ ތަނުގެ ގުޅުން ގޯސްވީ އަހަރީ ރިޕޯޓަކާ ގުޅޭ މައްސަލައެއްގަ އެވެ.

ކައުންސިލްގެ އަހަރީ ރިޕޯޓު ތައްޔާރުކުރިއިރު އަންހެން ކޮމިޓީގެ ބަޖެޓާއި ބައްދަލުވުންތަކުގައި ނިންމި ކަންތައްތައް ހުށަހަޅަން ފޮނުވި ނަމަވެސް އެއިން އެއްވެސް ބައެއް ނުހިމަނާ ކަމަށް ޝަހުލާ ވިދާޅުވި އެވެ.

"އެއިން އެއްވެސް އެއްޗެއް ނުހިމަނައި ކައުންސިލުން މި ފޮނުވަނީ އަހަރީ ރިޕޯޓުގައި ސޮއިކުރަން. އެކަމަކު ރިޕޯޓުގައި ސޮއިނުކުރީމަ ކައުންސިލްގެ އެސްޖީ ބޭއަދަބީ ބަހުން ވާހަކަދައްކަން ފެށީމަ އެކަން އެލްޖީއޭ އަށް ހުށަހެޅީ، އެސްޖީގެ މައްސަލަ ބަލައިދިނުމަށް އެދި. އެ ހިސާބުން މި ޖެއްސުން ބޮޑުވެގެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޓީގެ މެމްބަރުންގެ އަގު ވައްޓާލައި އެ މެމްބަރުންނަކީ ކައުންސިލް މެމްބަރުންނަށް ކޮފީ ގިރައިދީ، ފާހަނާ ސާފުކުރަން ތިބޭ ބައެއްކަން ދޭހަވާ ގޮތަށް ވެސް މީގެ ކުރިން ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އެކަންކަން ދޮގުކޮށް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ކޮމިޓީގެ ހުރިހާ ކަމަކަށް ކައުންސިލުން ދިޔައީ މިހާތަނަށް އެއްބާރުލުން ދެމުން ކަމަށެވެ. އެއްބާރުލުން ނުލިބެނީ ކޮން ކަމެއް ކަމަށް މިހާތަނަށް ބުނެދެވިފައިނުވާ ކަމަށް ނަރީޝް ވިދާޅުވި އެވެ.

"ކޮމިޓީގެ މީޓިންތައް ބާއްވަން ޖާގަ ދޭ. ފަންޑު ހަމަޖައްސައިދީފައި ވާނީ. މިހާތަނަށް ކައުންސިލްގައި ކަންބޮޑުވުން ފާޅުކޮށްފައެއް ނުވޭ އެއްވެސް ކަމެއް ހަމަނުޖެހިގެން. ކޮމިޓީއަށް އޮފީސް ޖާގައެއް ހަމަޖައްސައިދިނުމަށް އިއުލާންކޮށްފައި ވާނީ. ވެހިކަލްތައް ބޭނުން ކުރެވޭ،" ނަރީޝް ވިދާޅުވި އެވެ.

އޮފީސް ތަޅުލުމާ ގުޅޭގޮތުން ނަރީޝް ވިދާޅުވީ އެކން ހިނގާފައި ވަނީ ކައުންސިލަރުންނަށް އެނގިގެން ނޫން ކަމަށެވެ. ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގުޅާފައި ބުނީމަ މި އެނގުނީ އޮފީސް ތަޅުލާފައި ހުރިކަން. އެ މައްސަލަ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނަން، ކީއްވެގެންތޯ އޮފީސް ތަޅުލީ. އެއީ ބަލައިގަންނަ ކަމެއް ނޫން، ގަސްތުގައި ކުރި ކަމެއް ނަމަ،" ނަރީޝް ވިދާޅުވި އެވެ.