Roadha Mihaaru
މުސާރައާ އެކު ޒިންމާ ވެސް ވަނީ ބޮޑުވެފައި

މުސާރައާ އެކު ޒިންމާ ވެސް ވަނީ ބޮޑުވެފައި

14 އެޕްރީލް 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި "ކަސްތޮޅު" އެޅުވި އެއް ބަޔަކީ ސިޓީ ކައުންސިލްތަކެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި "ކަސްތޮޅު" އެޅުވި އެއް ބަޔަކީ ސިޓީ ކައުންސިލްތަކެވެ.

ހާއްސަކޮށް، މާލެ ސިޓީ ކައުންސިލަކީ "ފިޔަ ކޮށާލާފައި" އިން ދޫންޏެއްގެ ގޮތުގައި ހެދީ މިދިޔަ ސަރުކާރުންނެވެ. ގ. ބިއްލޫރިޖެހިގެ އިން މާލެ ސިޓީ ކައުންސިލްގެ މެމްބަރުން ނެރެ، މަގުމަތިކޮށްލުން ކައުންސިލަރުންނަށް ގަބޫލެއް ނުކުރެއްވުނެވެ.

އެކަމަކު އާ ސަރުކާރާ އެކު ލާމަރުކަޒީ ގާނޫނަށް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި އިސްލާހުގެ ތެރޭގައި އެއް ކަމަކީ، ކުރީގެ ސަރުކާރުން ސިޓީ ކައުންސިލްގެ ނިގުޅައިގެންފައިވާ ބާރުތައް އިއާދަކޮށްދިނުމެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލް މެމްބަރުންގެ މުސާރަ ކުރިއެކޭ އެއްވަރަށް ހަމަޖެއްސުމަކީ ސަރުކާރުގެ ވިސްނުމެވެ. އެ ވިސްނުމާ އެއްގޮތަށް މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުންނާއި ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މަޖިލިހުން މިހާރު ވަނީ ނިންމައިފަ އެވެ.

މިހާރު ސިޓީ ކައުންސިލަރަކަށް މަހަކު 30،000ރ ގެ އާމްދަނީއެއް ލިބޭނެ އެވެ.

އެކަމަކު އެ ނިންމުމާ ގުޅިގެން އާންމުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

މުސާރަ ބޮޑުކުރުން ގިނަ މީހުންނަށް ބަލައެއް ނުގަނެވުނު!

ބައެއް މީހުން ބުނި ގޮތުގައި ބައެއްގެ މުސާރަ ބޮޑު ކުރިއިރު، އެހެން ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭ ވަރު ވެސް ބަލައިލަން ޖެހެ އެވެ. އެންމެ އާދައިގެ ސިވިލް ސާވަންޓަކަށް ހުރިހާ އިނާޔަތެއް ހިމެނީމަ ވެސް 5،000ރ. ނުޖެހޭ ކަމަށާއި މިހާ ބޮޑު ފަރަގެއް އޮންނަން ޖެހޭތޯ ބައެއް މީހުން ސުވާލުކުރި އެވެ.

އެހެން ބައެއް މީހުން ގަބޫލުކުރި ގޮތުގައި، ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވާނީ އެ ކައުންސިލަރުން ކުރި މަސައްކަތަށް ބަލައިފަ އެވެ.

"މި މުސާރަ ހައްގުވާ ކައުންސިލަރުން ކުރީ ކޮން މަސައްކަތެއްތޯ ރައްޔިތުންނަށް ސާފުވާން ޖެހޭ. ޕާކެއްގެ ނަން ބޯޑު ބަދަލު ކުރުމާއި، މަޖީދީ މަގުގައި ރީނދޫ ކުލައިގެ ދަވާދުކޮޅެއް ހާކާލުން ފިޔަވައި މިދިޔަ ހަތަރު މަސް ދުވަހު ކުރެވުނު އިތުރު ކަމެއް ބުނެދީބަލަ؟" ހިތްހަމަނުޖެހުނު އާންމުންގެ މީހަކު "މިހާރު"ގައި ހިޔާލު ފާޅުކުރި އެވެ.

"ދަވާދު ވެސް އެއްފަހަރު ހާކާފައި، ފޮހެފައި އަނެއްކާ އޭގެ ކައިރީގައި ކުރަހާފައި އެހެރީ ގިނަ ތަންތަނުގައި. މިފެންވަރުގެ މީހުންނަށް 4000ރ. ވެސް ގިނަ."

އެހެން ކޮމެންޓެއްގައި ބުނީ މުސާރަ ބޮޑުކުރާއިރު، ވަޒީފާތަކުގައި ތިބޭ މީހުންގެ ފެންވަރެއް ވެސް ހުންނަން ވާނެ ކަމަށެވެ. އެހެން ދާއިރާތަކުގައި ޑިގްރީ އަދި މާސްޓަސް ނަގައިގެން ތިބި މީހުންނަށް މުސާރައަށް 15،000ރ. ނުލިބޭ އިރު، އެއީ ހިތަށް ތަދުވާ ކަމެއް ކަމަށް އޭނާ ލިޔެފައިވެ އެވެ.

ހަމަ ޔަގީނުން ވެސް ސިޓީ ކައުންސިލްތަކުގެ ޒިންމާ އާއި މަސްއޫލިއްޔަތު މިހާރު މާ ބޮޑެވެ. ސިޓީ ކައުންސިލްތަކަކީ ހައިބަތު ހުރި ތަނަކަށް ބަދަލުވުމުގެ މަގު މިހާރު ވަނީ ފަހިވެފަ އެވެ. އެގޮތުން ގާނޫނަށް އެ ބަދަލުތައް ގެންނަން ވަނީ ހުށައަޅައިފަ އެވެ.

ސިޓީ ކައުންސިލަރުންގެ މުސާރަ އަށް ގެނައި ބަދަލު

- މޭޔަރުންނަށް މުސާރަ އާއި ލިވިން އެލަވަންސާ އެކު 40،000ރ.

- ޑެޕިއުޓީ މޭޔަރުންނަށް މުސާރަ އާއި ލިވިން އެލަވަންސާ އެކު 35،000ރ.

- ސިޓީ ކައުންސިލަރުންނަށް މުރާސަ އާއި ލިވިން އެލަވަންސާ އެކު 30،000ރ.

ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ވަނީ މޭޔަރުންގެ މުސާރަ 18،000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000ރ. އަށް ކުޑަކޮށްފަ އެވެ. ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އޭރު ކުޑަކުރީ 11،500ރ. އަށެވެ. މަޖިލީހުން މިގޮތަށް ކަނޑައެޅުމުގެ ކުރިން މޭޔަރުންނަށް 45،000ރ.، ޑެޕިއުޓީ މޭޔަރުންނަށް 35،000ރ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް 25،000ރ. ލިބެ އެވެ.

ސިޓީ ކައުންސިލްތަކުން ދޭ ޚިދުމަތްތަކާއި ބާރުތަކުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައި ވަނީ ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމާއި ބިންތަކާ ބެހޭ މުއާމަލާތްތަކުގެ ރެކޯޑް ބެލެހެއްޓުމާއި މިސްކިތްތައް ބެލެހެއްޓުމާއި ވިހައި އަދި މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމާއި ތަފާސްހިސާބުތައް ބެލެހެއްޓުމުގެ އިތުރުން އެ ސިޓީއެއްގައި އުޅޭ މީހުންނާއި ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމާއި މަގުތައް ހެދުމާއި މަރާމާތުކޮށް، ބެލެހެއްޓުމެވެ.

ސިޓީ ކައުންސިލްތަކުގެ ދަށުން ޚިދުމަތް ދޭ ތަންތަނާއި އުޅަނދުފަހަރާއި މަގުތަކާއި ޕާކް ފަދަ ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުމުގެ އިތުރުން މަގުތަކާއި ޕާކްތަކާއި މައިދާންތައް ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވުމާއި ބަންދު ކުރުމުގެ ބާރު ހިމެނެ އެވެ. އިގްތިސާދީ އަދި އިޖްތިމާއި ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިމާއި ފަޅާއި ފަރުތައް ކުއްޔަށް ދޫކުރުމާއި އެފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި ކައުންސިލްގެ ނަމުގައި މިލްކު ކުރުމުގެ ބާރު ދޭން ވެސް ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މުނިސިޕަލް ގިނަ ކަންކަން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައިމަ، މުސާރަ އަށް ހެޔޮ ބަދަލެއް ގެނައުމަކީ ރަނގަޅު ކަމެއް. އަޅުގަނޑުމެންގެ މަސައްކަތް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް ދެން،" ---ޝަމާއު

"ކައުންސިލްގެ ޒިންމާ ބޮޑު، އުފާވާ ބަދަލެއް ގެނެސްދޭނަން"

މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ސިޓީ ކައުންސިލަރުންގެ ބާރުތައް އަތުލައި، މުސާރަ ކުޑަކޮށްލުމަކީ ޔާމީންގެ ސަރުކާރުން ސިޔާސީ ގޮތުން ދިމާކޮށްލި ދިމާކޮށްލުމެއް ކަމަށެވެ. އަދި އެކަން ޔާމީން ކުރެއްވީ އަމިއްލަފުޅު ބޭނުމެއްގައި ކައުންސިލްތަކުގެ މެޖޯރިޓީ ނުލިބުނީމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވި ގޮތުގައި އާ ބަދަލުތަކާ އެކު، ހަމައެކަނި މާލެ ސިޓީ ކައުންސިލުން ތަފާތު 280 ޚިދުމަތެއް ރައްޔިތުންނަށް ދޭން ޖެހޭ އިރު، އެ ކައުންސިލުން ފަށަން ޖެހިފައިވަނީ "ސުމަކުން"ނެވެ.

"އަޅުގަނޑުމެން ބިއްލޫރިޖެހިގެ އިން ބޭރުކޮށްލި އިރު، އެތަނުގައި ހުރި މުދާތައް ވެސް ގެންދިޔައީ. މިހާތަނަށް އައިއިރު، އެއްވެސް މުދަލެއް އަނބުރާ ލިބިފައެއް ނެތް. ފުލުހުންނަށް އެ މައްސަލަ އެތައް ފަހަރެއްގެ މަތިން ހުށަހެޅި ކަމުގައިވިޔަސް، އަދިވެސް އެ މުދާތައް ވަނީ ނުލިބި،" ޝިފާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ބުރަ މަސްއޫލިއްޔަތުތަކަކާ ހަވާލުވެފައިވާ ކަން ފާހަގަކުރައްވައި، މޭޔަރު މިސާލު ނެންގެވި ބައެއް މުހިންމު ކަންކަމުގެ ތެރޭގައި މާލޭގެ މަގުތައް މަރާމާތުކޮށް، ޓްރެފިކް މައްސަލަތައް ހައްލުކުރުމާއި ފަޅުގެ ދަތިކަން ދިމާވެފައިވާތީ އެކަން ހައްލުކުރުން ފަދަ ކަންކަން ހިމެނެ އެވެ.

މާލޭގެ މޭޔަރު ޝިފާ. މާލެ ސިޓީ ކައުންސިލަށް ބޮޑެތި ޒިންމާތަކެއް ވަނީ ހަވާލުކޮށްފައި. --- ފޮޓޯ: މިހާރު

މާލޭގެ މޭޔަރު ޝިފާ. މާލެ ސިޓީ ކައުންސިލަށް ބޮޑެތި ޒިންމާތަކެއް ވަނީ ހަވާލުކޮށްފައި. --- ފޮޓޯ: މިހާރު

"ހަމައެކަނި މާލެއެއް ނޫން. ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅުގައި ހުރި ހުރިހާ ކަމެއްހެން ބަލަން ޖެހޭ. އެހެންވެ، އަޅުގަނޑުމެންގެ ޒިންމާ ވަރަށް ބޮޑު،" ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރައްޔިތުން އުފާވާ ކަހަލަ ބަދަލެއް ގެނެވޭނެ އެވެ. އަދި ސިޓީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބޭ ގޮތް ހަދައިފި ނަމަ، އެއީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ލިބޭނެ އިތުރު ފަސޭހައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ހުށައެޅި އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބޭ ގޮތަށް ހެދުން ވެސް ހިމެނެ އެވެ.

މާލެ ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވެސް ސިޓީ ކައުންސިލުން ވަނީ ފަށައިފަ އެވެ. އެގޮތުން ލޮނުޒިޔާރަތްކޮޅުގައި ގަސް އިންދައި ޕާކަކަށް ހަދާއިރު، ބައެއް މަގުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އަދި ވެހިކަލްތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތާއި މަސްވެރިންގެ ޕާކް ތަރައްގީކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

މީގެ އިތުރުން، ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލްގެ އިމާރާތެއް ހެދުމާއި މާލޭގައި ޕަބްލިކް ފާހަނާތަކެއް ހެދުން ފަދަ ބޮޑެތި ކަންކަން ކުރުމުގެ ޕްލޭނެއް ވަނީ އެކުލަވާލައިފަ އެވެ. ރަށްރަށަށް ފުރާ މީހުންނަށް ހާއްސަ ޓާމިނަލެއް ހެދުން ވެސް އެ ޕްލޭންގައި ހިމެނެ އެވެ.

ޝިފާ ވިދާޅުވީ ކައުންސިލަރުންގެ މަސައްކަތް މިހާރު ހަމަޖެހިފައި އޮތް ގޮތުން، ހެނދުނުން ފަށައިގެން ދަންވަރު ހޭލާ ތިބެގެން ވެސް ބައެއް ކަންކަމުގައި އުޅެން ޖެހޭ ކަމަށެވެ. މާލޭގައި އުޅޭ ކަމަށް ލަފާކުރެވޭ 240،000 މީހުންނަށް ސިޓީ ކައުންސިލްގެ ހިދުމަތް ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިންގެ އާބާދީއަކަށް އެކަންޏެއް ނޫން ހިދުމަތް ދޭން ޖެހެނީ. އެހެންވެ އެއީ 82،000 ރައްޔިތުންނަށް ދޭ ހިދުމަތެއް ނޫން. މިތަންތަނުގައި އުޅޭ ބިދޭސީންނަށް ވެސް ހިދުމަތް ދޭން ޖެހޭ،" ޝިފާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މާލޭގެ މޭޔަރު ޝިފާއާ ސަލާމް ކުރައްވަނީ. --- ފޮޓޯ: މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މާލޭގެ މޭޔަރު ޝިފާއާ ސަލާމް ކުރައްވަނީ. --- ފޮޓޯ: މިހާރު

މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލްގައި މަސައްކަތެއް ނެތް ދުވަސްވަރު، ރައްޔިތުންނަށް ހަމައެކަނި ހިދުމަތް ދިނީ ރަށްވެހިކަމާ ގުޅުން ހުރި ކަންކަމާއި އިމާރާތާއި ގޯތީގެ ރެޖިސްޓްރީ ދިނުން ފަދަ އިދާރީ ކަންކަމުގައި ކަމަށެވެ. ސިޓީ ކައުންސިލަކީ 24 ގަޑިއިރު ހިދުމަތް ދެމުން އަންނަ ބަޔަކަށް ވާ އިރު، އަލުން ބާރުތައް އިއާދަކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލަރުންގެ މުސާރަ އެހެން ގައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި ކުޑަ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކައުންސިލަރުންނަކީ ހައިބަތު ހުރި، ގަދަރުވެރި ބައެއް ކަމަށް ވިޔަސް، ރާއްޖޭގައި ކައުންސިލަރުންނާ މެދު އެގޮތަށް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުނިސިޕަލް ގިނަ ކަންކަން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައިމަ، މުސާރަ އަށް ހެޔޮ ބަދަލެއް ގެނައުމަކީ ރަނގަޅު ކަމެއް. އަޅުގަނޑުމެންގެ މަސައްކަތް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް ދެން،" ޝަމާއު ވިދާޅުވި އެވެ.

"ދިވެހިންގެ އާބާދީއަކަށް އެކަންޏެއް ނޫން ހިދުމަތް ދޭން ޖެހެނީ. އެހެންވެ އެއީ 82،000 ރައްޔިތުންނަށް ދޭ ހިދުމަތެއް ނޫން. މިތަންތަނުގައި އުޅޭ ބިދޭސީންނަށް ވެސް ހިދުމަތް ދޭން ޖެހޭ،"

އޭނާ ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލަރުންގެ ބޭނުމަކީ މާލެއަކީ އިންސާނުންނަށް ދިރިއުޅެވޭ ފަދަ އަދި ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމެވެ.

ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ނާޝިދު ވިދާޅުވީ ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްގެން ބަޖެޓަށް އަންނާނީ ކޮން ކަހަލަ ބަދަލެއްތޯ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅުއްވައިގެން ބެއްލެވި ކަމަށެވެ. އެކަމުގެ ސަބަބުން ބަޖެޓަށް ދަތިކަމެއް ނާންނާނެ ކަމަށާއި މުސާރަ އެ ހަމަޖެއްސިދާނެ ކަމަށް މިނިސްޓްރީން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑު ކަމަށް އެއް ބަޔަކު ބުނި ކަމަށް ވިޔަސް، އެ ކައުންސިލަރުންނަށް މަތިކޮށްފައިވާ ޒިންމާތައް ވެސް މިހާރު އެހާމެ ގިނަ އެވެ. އެއީ ހައިބަތު ހުރި ތަންތަނަށް ވެގެން ދާނީ ރައްޔިތުން ބަލައިގަންނަ ފަދަ މަސައްކަތްތަކެއް ކޮށްގެންނެވެ. ހަމަ ޔަގީނުންވެސް މާލޭ ސިޓީ ކައުންސިލުން އަލުން މަސައްކަތް ފެށީ ރައްޔިތުން އިތުބާރު ކުރާ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ އަޒުމުގަ އެވެ. އަދި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ހޯދުމުގެ ފޮނި އުންމީދާ އެކުގަ އެވެ.