Roadha Mihaaru

އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް!

14 ފެބުރުއަރީ 2022

އޯވަރީގައި އާދަޔާ ހިލާފަށް ސިސްޓް ބޮޑުވާތީ އަދި އެ އުނދަގޫތަކުގައި މީގެ ކުރިން އެއް އޯވަރީ ނަގަން ޖެހުމުން ގުދުރަތީ ގޮތުން ދަރިމައިވުމުގެ މައްސަލަ ދިމާވާނެ ކަން ފައިހާ ފަހީމް 24، އަށް ޑޮކްޓަރުން އޮތީ މާ ކުރިން ބުނެ ދީފަ އެވެ. އެކަންކަމާ ގުޅިގެން ޑޮކްޓަރުން އޭނާ އަށް ލަފާދިނީ ވެސް އައިވީއެފް މެދުވެރިކޮށް ވީހާ ވެސް އަވަހަކަށް ދަރިއަކު ހޯދުމަށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޯވަރީގައި އާދަޔާ ހިލާފަށް ސިސްޓް ބޮޑުވާތީ އަދި އެ އުނދަގޫތަކުގައި މީގެ ކުރިން އެއް އޯވަރީ ނަގަން ޖެހުމުން ގުދުރަތީ ގޮތުން ދަރިމައިވުމުގެ މައްސަލަ ދިމާވާނެ ކަން ފައިހާ ފަހީމް 24، އަށް ޑޮކްޓަރުން އޮތީ މާ ކުރިން ބުނެ ދީފަ އެވެ. އެކަންކަމާ ގުޅިގެން ޑޮކްޓަރުން އޭނާ އަށް ލަފާދިނީ ވެސް އައިވީއެފް މެދުވެރިކޮށް ވީހާ ވެސް އަވަހަކަށް ދަރިއަކު ހޯދުމަށެވެ.

އެހެންވެ، އަލަތު ކައިވެނީގެ ދެ ވަނަ އަހަރު ފައިހާގެ ދެމަފިރިން އައިވީއެފްގެ ފުރަތަމަ ފޭސްގައި ހިމެނޭ އެމްބްރިއޯ ފްރީޒްކުރަން 2020 ގައި އިންޑިއާ އަށް ދިޔައީ ވެސް އޭރު އޭނާގެ އޯވަރީގައި އިން ސިސްޓް ބޮޑު ވުމުގެ ކުރިން އައިވީއެފް ހަދައި އަލަތު ދަރިފުޅަށް ބަނޑުބޮޑުވާނެ ކަމުގެ ހުވަފެންތަކާއެކުގަ އެވެ.

ނަމަވެސް މޫނުމަތީގައި ޖެހި ތާފަލެއްހެން އުއްމީދުގެ ހުޅުކޮޅު ނިވިގެން ދިޔައީ ފައިހާ ދުވަހަކު ވެސް ހީކޮށްގެން ހުރި ގޮތަކަށް ނޫނެވެ. އައިވީއެފަށް ދިއުމުގެ އެއް މަސް ކުރިން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހެދި ތައިރޮއިޑްގެ ޓެސްޓުތަކުން އެނގުނީ އޭނާ އަށް ކެންސަރު ޖެހިފައިވާ ކަމެވެ.

"އައިވީއެފަށް ދިއުމުގެ ކުރިން މެޑިކަލް ޗެކަޕްތައް ހަދަމުން މި ދިޔައީ އެމްބްރިއޯ ޓްރާންސްފާ އަށް ނޮވެމްބަރު މަހުގައި ދާތީވެ. އޭރު ޑޮކްޓަރަށް ދައްކަމުން ދިޔައިރު އަދި އޭގެ ކުރިން ވެސް ތައިރޮއިޑްގެ މައްސަލަ ހުރި ކަން އެނގޭ. އަޅުގަނޑަކީ އޮޓޯއިމިއުނިން ތައިރޮއިޑް ޕޭޝަންޓެއް. އެކަމަކު އެ ކަމަކަށް އެއްވެސް ބޭހެއް ނުނަގަން. ކޮންމެ ހަ މަހަކުން ތައިރޮއިޑް ހޯމޯންސް ޓެސްޓު ހަދާނީ،" ފައިހާ ބުންޏެވެ.

އެމްބްރިއޯ ފްރީޒްކުރަން ދިޔައިރު އިންޑިއާ އިން ހެދި ޓެސްޓުތަކުން އެނގުނީ ތައިރޮއިޑް ހޯމޯންސް ރަނގަޅު ނޫން ކަމެވެ. އެ ކަމަށް ބޭސް ކުރަން ފެށި ނަމަވެސް އިތުރު އުނދަގުލެއް ކުރިމައްޗެއް ނުވި އެވެ. ނަމަވެސް އެމްބްރިއޯ ޓްރާންސްފާ އަށް ދިއުމުގެ ކުރިން ޗެކަޕްތައް ހެދިއިރު ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސްތައް ފައިހާއަށް ކުރެވެން ފެށި އެވެ.

"އުނދަގޫތަކެއް ވެފައި ހުރީ. ހިތަށް އެރީ ތައިރޮއިޑްގެ ފުލް ޗެކަޕެއް ހަދަން ޖެހޭނެއޭ. އެންޑޮކްރޮނޮލޮޖިސްޓަށް ދައްކަން ގޮސްފައި މި ބުނީ ބޭނުންވެއޭ ފުލް ޗެކަޕެއް. ތައިރޮއިޑް ބަލާފައި ޑޮކްޓަރު ބުނީ ގޮށެއް އެބައިނޭ. އެހެންވީމާ ސްކޭނެއް ހަދާލާށޭ،" ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެކްސްކޯ މެމްބަރު އަދި ކެންސަރު ސަޕޯޓް ގްރޫޕްގައި ވެސް ބައިވެރިވަމުން އަންނަ ފައިހާ ބުންޏެވެ.

ފައިހާ، ކެންސަރުގެ ފަރުވާއެއްގައި: އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ އެމްބްރިއޯ ޓްރާންސްފާއަށް ދިއުމުގެ މަހެއް ކުރިން.

ފައިހާ، ކެންސަރުގެ ފަރުވާއެއްގައި: އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ އެމްބްރިއޯ ޓްރާންސްފާއަށް ދިއުމުގެ މަހެއް ކުރިން.

"ޓެސްޓު ހެދިއިރު ވެސް ހިތަށް އެރި ނަތީޖާ ލިބޭއިރު ބުނާނީ ކެންސަރު ޖެހިފައޭ. އެ ނަތީޖާ ލިބުނީ ކެންސަރު ޖެހިފައިވާ ގޮތަށް. އެ ވަގުތު ކުރެވުނު އިހުސާސެއް ވެސް ބުނެދޭކަށް ނޭނގޭ،" އޭނާ ބުންޏެވެ.

ފައިހާ ބުނިގޮތުގައި، ކެންސަރުގެ ފުރަތަމަ ސްޓޭޖުކަން އެނގުނު ވަގުތު ފުރަތަމަ ވެސް ކަންބޮޑުވީ އައިވީއެފްގެ ފަރުވާ އަށް ދެން ވާނެގޮތެއް އޭރު ނޭނގުމުންނެވެ. އަދި ބިރުވެރި ނަމެއްގެ ގޮތުގައި ބަލައި، ކެންސަރުގެ ވާހަކަ ބުނުމުން އޭނާގެ ކައިރީގައި އެ ވަގުތު ތިބި އާއިލާގެ އެންމެންނަށް ވެސް ފައިހާ އަށް ބުނެވުނީ އޭނާގެ ދިރިއުޅުން މި ހިސާބުން ނިމުނީ ކަމަށެވެ. މަރުވަނީ ކަމަށެވެ.

އެކަމަކު، ބަލި ދެނެގަނެވުނު ހިސާބުން ފެށިގެން މިހާތަނަށް އާއިލާ އާއި ފިރިމީހާ އަދި ގާތް އެކުވެރިން ދިން ލޯތްބާއި ވަރުގަދަ ހިތްވަރުން ފައިހާ ވަނީ ކެންސަރުގެ ފަރުވާ ގާތްގަނޑަކަށް ނިންމައި މި މަހު ރާއްޖެ އައިސްފަ އެވެ. އޭގެ އިތުރު ޓެސްޓުތައް ހެދުމަށް އަންނަ ޖޫން މަހުގެ އަނެއްކާ ވެސް އިންޑިއާ އަށް ދާނެ އެވެ.

ކެންސަރު ފަރުވާއަށް ފުރުމުގެ ކުރިން ފައިހާގެ ރަހުމަތްތެރިން އޭނާއަށް ހިތްވަރުދިނުމުގެ ގޮތުން ދިން ސަޕްރައިޒް.

ކެންސަރު ފަރުވާއަށް ފުރުމުގެ ކުރިން ފައިހާގެ ރަހުމަތްތެރިން އޭނާއަށް ހިތްވަރުދިނުމުގެ ގޮތުން ދިން ސަޕްރައިޒް.

ބަލީގެ މައުލޫމާތު އެނގުމާއެކު، އަމިއްލަ އަށް އެކަން އިތުރަށް ދަސްކޮށް އަދި ދަރިމައިވުމުގެ މައްސަލަ އަށް އެކަމުން ކުރާނެ އަސަރުތައް ފައިހާ ވަރަށް ރަނގަޅަށް ބެލި އެވެ. އެމްބްރިއޯ ފްރީޒްކޮށްފައި ހުރުމުން އަދި ފަހުން އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެތީ އޭނާ ބޭނުންވީ އިތުރު އެމްބްރިއޯ ފްރީޒް ކުރާށެވެ. ނަމަވެސް އެ މައުލޫމާތުތަކެއް ރާއްޖެއަކުން ނުލިބުނެވެ.

"އެހެންވެގެން ނިންމީ ރާއްޖޭގައި ސާޖަރީ ނުހަދައި، ބެންގަލޫރުން އެކަން ކުރިއަށް ގެންދަން."

ފައިހާ، ކެންސަރުގައި އޭނާ ކުރި ތަޖުރިބާ އަދި ދަރިމައިވުމުގެ މައްސަލަތަކާއެކު އޭނާގެ ވާހަކަތައް "މިހާރު"އާ ހިއްސާކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފައިހާ، ކެންސަރުގައި އޭނާ ކުރި ތަޖުރިބާ އަދި ދަރިމައިވުމުގެ މައްސަލަތަކާއެކު އޭނާގެ ވާހަކަތައް "މިހާރު"އާ ހިއްސާކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިންޑިއާ އިން އޭނާ ވަނީ ތައިރޮއިޑް ގްލޭންޑް ނަގައި، ވަރުގަދަ ރޭޑިއޯ އަޔަން ތެރަޕީ ނަގައިފަ އެވެ.

ފައިހާ ބުނިގޮތުގައި ކެންސަރުގެ ސަބަބުން ދިރިއުޅުމާ މެދު އޭނާ ވިސްނަމުން ދިޔަ ގޮތް ވަރަށް ބޮޑަށް ބަދަލުވެގެންދިޔަ އެވެ. ލިބޭ ހުރިހާ ފުރުސަތެއްގެ ބޭނުން ހިފައި، އޭނާ އަންނަނީ އާ ކަންތައްތައް ދަސްކުރަމުންނެވެ.

"ހިތަށް އަރާނެ ކޮންމެ ވަގުތަކު ވެސް ކެންސަރުގައި މަރުވެދާނެ ކަން ނުވަތަ ކޮންމެ ކަމެއް ވެސް ކޮންމެ ފަދަ ވަގުތެއްގައި ވެސް ދިމާވެދާނެކަން،" އޭނާ ބުންޏެވެ.

އަމިއްލަ ތަޖުރިބާގެ އަލީގައި ފައިހާ ބުނީ މާ ބޮޑު ބަލިކަމެއް ނެތަސް ގަވައިދުން ޓެސްޓުތައް ހެދުން ވަރަށް މުހިއްމު ކަމަށެވެ. އަދި ހާއްސަކޮށް ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސް ކުޑަކޮށް ނަމަވެސް ކުރެވޭ ނަމަ ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމަށް އެދުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ތައިރޮއިޑް ކެންސަރަކީ ފަރުވާ ދޭން ފަސޭހަ ބައްޔަކަށް ވިޔަސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އެ ކެންސަރު ފޯރުމުގެ ފުރުސަތު އެބައޮތް. ކަރު ސަކަރާތްވެ ނޫނީ އުނދަގުލެއް ހުންނަ ނަމަ ޓެސްޓުކުރުން ވަރަށް މުހިއްމު،" އޭނާ ބުންޏެވެ.

ފައިހާ، ރޭޑިއޯ އަޔޮޑިން ފަރުވާއަށްފަހު އައިސޮލޭޝަނުން ނުކުމެ ސެލްފީއެއް ނަގަނީ.

ފައިހާ، ރޭޑިއޯ އަޔޮޑިން ފަރުވާއަށްފަހު އައިސޮލޭޝަނުން ނުކުމެ ސެލްފީއެއް ނަގަނީ.

ފައިހާ އަށް ތައިރޮއިޑް ކެންސަރު ޖެހިފައިވާކަން އެނގުނު ފަހުން، އޭނާގެ އާއިލާގެ އިތުރު ބައެއްގެ ތައިރޮއިޑްގައި މައްސަލަ ހުންނަކަން ފާހަގަވި އެވެ. އޭގެ ތެރެއިން ދެ މީހަކު ސާޖަރީ ހަދަން ޖެހެ އެވެ.

އެހެންވެ. އޭނާ އެދެނީ އާއިލާގެ ތެރޭގައި ތައިރޮއިޑްގެ މައްސަލަ ހުންނަ ނަމަ ގަވައިދުން ޓެސްޓުތައް ހެދުމަށެވެ.

ދައްކަން އުނދަގޫ ވާހަކައެއް، ނަމަވެސް ހާލަތު ބަދަލުވޭ

ފައިހާގެ އޯވަރީގައި ހުންނަ ސިސްޓް ބޭހަކުން ރަނގަޅެއް ނުވެ އެވެ. ކޮންމެ ފަހަރަކު ވެސް ޖެހެނީ އެ ބޮޑުވުމުން ސާޖަރީ ހަދައިގެން ނަގާށެވެ.

މިހާތަނަށް އެ ފަދަ ހަތަރު ސާޖަރީއެއް ވަނީ ހަދައިފަ އެވެ.

އާއްމުކޮށް އެ ސިސްޓް ހެދި ބޮޑުވަނީ ލަސް ސްޕީޑެއްގައި ކަމަށް ވާތީ އެހާ އަވަސް އަވަހަކަށް ޓެސްޓް ހަދާކަށް ނުޖެހެ އެވެ. އެކަމަކު، ފައިހާގެ އޯވަރީގައި ސިސްޓް ވަރަށް އަވަހަށް ހެދި ބޮޑުވާތީ ކޮންމެ ފަހަރަކު ވެސް ސާޖަރީ ހަދަންޖެހެ އެވެ. އެ ކަން އެންމެ ފުރަތަމަ ދެނެގަނެވުނީ 2013 ވަނަ އަހަރު އެވެ. ސިސްޓް ބޮޑުވެފައި އިނުވުމުން އެ ފަހަރު ސާޖަރީ ހަދައި އެއް އޯވަރީ ވެސް ނަގަން ޖެހުނެވެ.

"އޭރު ޑޮކްޓަރުން ބުނި ޕޭރެންޓުން ކައިރީގައި ކުރިއަށް އޮތް ތަނުގައި ބަނޑުބޮޑުވުމުގައި އުނދަގޫތަކެއް ހުރެދާނެއޭ. އެހެންވެ، އެކަން ކުރިން ވެސް އެނގޭ،" އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އިން ޑިގްރީ އަށް ކިޔަވަމުން އަންނަ ފައިހާ ބުންޏެވެ.

އޭގެ ފަހުން 2016 ގައި ސިސްޓް އުފެދި، އެ ސިސްޓް ބޮޑުވަމުން ދިއުމުން 2018 ގައި އަނެއްކާ ވެސް އިތުރު ސާޖަރީއެއް ހަދަން ޖެހުނެވެ. އަދި އިތުރު ސިސްޓްތައް ނަގާ ނަމަ ވީހާ ވެސް އަވަހަކަށް ކުއްޖަކު ހޯދުމަށް ނުވަތަ އެމްބްރިއޯ ފްރީޒް ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން އޭރު އެންގި ކަމަށް އޭނާ ބުންޏެވެ.

ފައިހާ، ކެންސަރުގެ ޓްރީޓްމަންޓަށްފަހު އޭނާގެ ފިރިމީހާ ކަލީމްއާއެކު: ފައިހާގެ ފަރުވާގެ ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑަށް ހިތްވަރުދިން އެކަކަކީ ކަލީމް.

ފައިހާ، ކެންސަރުގެ ޓްރީޓްމަންޓަށްފަހު އޭނާގެ ފިރިމީހާ ކަލީމްއާއެކު: ފައިހާގެ ފަރުވާގެ ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑަށް ހިތްވަރުދިން އެކަކަކީ ކަލީމް.

ގުދުރަތީ ގޮތުން ކުއްޖަކު ހޯދުމުގެ ފުރުސަތު ކުޑަ ކަމަށް ޑޮކްޓަރުން ބުނެ، އައިވީއެފް ހެދުމަށް ލަފާ ދީފައި އޮތުމުން 2020 ވަނަ އަހަރު އެމްބްރިއޯ ފްރީޒް ކުރަން ނިންމައި އިތުރު ސިސްޓެއް ނެގުމުގެ ކުރިން، ފަހުގެ ތާރީހެއްގައި އިމްޕްލާންޓް ކުރަން ދާން ނިންމި އެވެ.

"އެކަމަކު 2020 ވަނަ އަހަރު، ސާޖަރީ ހެދިތާ ދެ ހަފުތާ ފަހުން ކުރި ސްކޭނެއްގައި އެނގުނު ސިސްޓެއް އެބައިންކަން. އެހެންވެ، ޕްލޭނަކީ އެ ސިސްޓް ބޮޑުވުމުގެ ކުރިން އެމްބްރިއޯ ޓްރާންސްފާ އަށް ދިއުން. ޓްރާންސްފާ އަށް ދާން އޮތީ ނޮވެމްބަރުގައި. އެކަމަކު އޮކްޓޯބަރުގައި މި ޑައިގްނޯޒްވީ ކެންސަރަށް،" ފައިހާ ބުންޏެވެ.

އޭނާ ބުނީ އައިވީއެފްގެ ޓްރީޓްމަންޓުގެ ކުރިން ވެސް މައްސަލައަށް އެކި ސާޖަރީތައް ދިޔައީ ހަދަމުން ކަމަށެވެ.

ކެންސަރު ފަދަ ބައްޔެއްގެ ތަޖުރިބާ ފަސޭހައިން ކިޔައިދެވުނަސް ދަރިމައިވުމާ ގުޅޭ ވާހަކަތައް ދައްކަން ބައެއް މީހުން އަދި ވެސް ވަރަށް ފަސްޖެހެ އެވެ. ފައިހާ އަށް ވެސް ދިމާވީ އެ ހާލަތެވެ. އޭނާ އުޅެބޮޑުވި މާހައުލުގައި މި ކަހަލަ ވާހަކައެއް ދައްކާ އަޑެއް ނީވުނެވެ. އެކަމަކުގެ ސަބަބުން ފަރުވާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ވެސް އޭރު އޮތީ ނޭނގިފަ އެވެ.

އެކަމަކު، މަޑުމަޑުން ހާލަތު ބަދަލުވާން ފަށައި ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާ ގުޅޭ ވާހަކަތަކުގެ އަޑު ގަދަވެއްޖެ އެވެ.

"އެކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިވާން ފަށާފައިވޭ. އަޅުގަނޑު ވެސް އެންމެ ފުރަތަމަ މި ކަން ތަޖުރިބާކުރަމުން ދިޔައިރު ހަދަންވީ ގޮތެއް ނޭނގުނު. ކާކާތޯ ވާހަކަ ދައްކާނީ، އެ ގޮތަކަށް ނޭނގޭ. ދެން އިންސްޓާގްރާމުން މި ފެންނަނީ ފާޓިލިޓީ ސަޕޯޓް ގްރޫޕް. އެ ގްރޫޕަށް ވަންނަން ދެން ނިންމީ، އެކަމަކު ފުރަތަމަ ވަރަށް ހިތްނުތަނަވަސްވެފައި ހުރީ،" ޑިސެމްބަރު 2019 ގައި މަސައްކަތް ފެށި ފާޓިލިޓީ ސަޕޯޓް ގްރޫޕަށް ވަދެވުނު ގޮތް ކިޔައިދެމުން ފައިހާ ބުންޏެވެ.

ހިތުގައި ކިތަންމެ ޒަހަމެއް ހުއްޓަސް އަދި ހަށިގަނޑުގައި ވޭން އެޅި ނަމަވެސް ފައިހާ އަންނަނީ ކެންސަރާއި ދަރިމައިވުމުގެ މައްސަލަ ތަހައްމަލުކުރާ މީހުންގެ ވާހަކަތައް އަޑުއަހައި އެ މީހުންނަށް އެހީތެރިކަން ދެމުންނެވެ. އޭގެ ފައިދާ އަމިއްލަ މީހާ އަށް ވެސް ލިބެ އެވެ.

ހަޔާތުގައި މިހާތަނަށް ކުރިމަތިވި ހުރިހާ އަޑިގުޑަންތަކުން، ހިނިތުންވުމާއެކު ކުރިމަތިލުމަށް ފަހު އޭނާ މިހާރު އެންމެ އިންތިޒާރު ކުރަމުން އަންނަނީ ވެސް ކެންސަރުގެ ފަރުވާ އެއްކޮށް ނިންމައި ގާތްގަނޑަކަށް އަހަރެއް ފަހުން އައިވީއެފް ހަދަން ދެވޭނެ ދުވަހަކަށެވެ. އަލަތު ދަރިފުޅާއެކު، ދިރިއުޅުން ކުރިއަށް ގެންދެވޭނެ އިރަކަށެވެ.