Roadha Mihaaru
"ނުފޫޒު ފޯރުވި" އޯޑިއޯ ނަޝީދު ދިފާއު ކުރައްވައިފި

ބައި އިލެކްޝަނަށް "ނުފޫޒު ފޯރުވި" އޯޑިއޯ ނަޝީދު ދިފާއު ކުރައްވައިފި

09 ފެބުރުއަރީ 2022

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އަށް ވޯޓު ދޭން ޖެހޭނެ ކަމަށް ވިދާޅުވެ، ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް އެ ކުންފުނީގެ ވެރިއަކު ބިރު ދެއްކެވި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދިފާއު ކުރައްވައިފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އަށް ވޯޓު ދޭން ޖެހޭނެ ކަމަށް ވިދާޅުވެ، ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް އެ ކުންފުނީގެ ވެރިއަކު ބިރު ދެއްކެވި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދިފާއު ކުރައްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ދެ ދުވަސް ކުރިން، ފެނަކައިގެ ހެޑް އޮފް އޮޕަރޭޝަންސް ޒާހިރު އުސްމާން އެ ކުންފުނީގެ މުވައްޒަފަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވެފައިވާއިރު، އެ އޯޑިއޯގައި ބުނާ ގޮތުން ރާޝިދަށް ވޯޓު ދޭން ބޭނުން ނުވާ ނަމަ އޮތް ގޮތަކީ އޭނާގެ އަތަށް އައިޑީކާޑު ދިނުމަށް ފަހު ވޯޓުލާން ނުދިޔުމެވެ. އަދި އެ ވާހަކަތައް ލީކު ކޮށްފި ނަމަ ވަޒީފާ އިން "ކަނޑައި ވައްޓާލާނެ" ކަމަށް އޯޑިއޯގައި ބުނެ އެވެ.

އެ އޯޑިއޯގައި ދެއްކެވި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ދިފާއު ކުރެއްވީ، މަޖިލީހަށް އޯޑިއޯ އިއްވަން ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އެދިވަޑައިގަތުމުންނެވެ. އެއީ އިންސާނުން އިންސާނުންނާ މުއާމަލާތުކޮށް ވާހަކަ ދައްކަން ޖެހޭ ގޮތެއް ނޫން ކަމަށާއި އެ މައްސަލަ ބަލަން މަޖިލީހުގެ ކޮމިޓީތަކަށް ހުށަހަޅުއްވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމަކީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅުން ވާދަކުރެއްވި މޫސާ ފަތުހީގެ ކެމްޕެއިނަށް ގިނަ ދުވަސްތަކެއް ވަންދެން އެ ދާއިރާގައި އުޅުއްވި ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަދައްކަވަނީ. ހުޅުމާލެ މެޑިކަލް ފެސިލިޓީގެ މައްސަލަތައް ހައްލުކުރަން ގޮވާލައި އޭނާ މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަދައްކަވަނީ. ހުޅުމާލެ މެޑިކަލް ފެސިލިޓީގެ މައްސަލަތައް ހައްލުކުރަން ގޮވާލައި އޭނާ މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި

ޒާހިރުގެ އޯޑިއޯއާ ގުޅިގެން ޝިޔާމްގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، މަޖިލީހުގެ އެއްވެސް މެމްބަރަކު އިއުތިރާޒު ނުކުރައްވާ ނަމަ އޯޑިއޯ މަޖިލީހުގައި އިއްވުމުގެ ހުއްދަ ދެވިދާނެ ކަމަށެވެ. އެ އަށް ފަހު، ޝިޔާމްގެ މައިކްގައި ފޯނު ޖައްސަވައިގެން މުޅި މަޖިލީހަށް އޯޑިއޯ އިއްވަން ފެއްޓެވި އެވެ.

އެކަމަކު، އޯޑިއޯގެ ވަކި ހިސާބަކަށް ދިއުމުން، ޝިޔާމްގެ މައިކްގެ އަޑު ކަނޑާލެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ ވަޒީފާ އިން ވަކިނުކުރާނެ ކަމާއި ނުފޫޒު ނުފޯރުވާ ކަމަށް އޯޑިއޯގެ ކުރީކޮޅު ސާފުކޮށް ބުނާ ކަމަށެވެ.

"ފުރަތަމަ ވާހަކަ ދައްކަވަން ފައްޓަވަމުން ވެސް އޭނާގެ [ޒާހިރު] އަމިއްލަ ހައިސިއްޔަތުން ކުރާ ކަމެއް ކަން، އޭނާ އަކީ ކޮމަންޑޫ ވޯޓު ހައްގުވާ މީހެއް، އޭނާއަކީ ކެމްޕެއިން ކުރުމުގެ ހައްގު ވެސް އޮތް މީހެއް. އޭނާ އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެއްވީ ނުފޫޒު ނުފޯރުވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވި ނަމަވެސް ވަޒީފާ އިން ކަނޑާލާނެ ކަމަށް އިންޒާރު ދެނީ އޯޑިއޯގެ އެންމެ ފަހު ހިސާބުގަ އެވެ. އެ އޯޑިއޯ ނިމެންދެން މަޖިލީހަށް އިއްވަން ޝިޔާމް މަސައްކަތް ކުރެއްވި ނަމަވެސް ނަޝީދު އެ ފުރުސަތެއް ނުދެއްވި އެވެ.

"އޯޑިއޯ އިން ވަރަށް ބޮޑަށް ސާފުވީ ފެނަކައިގެ އޮފިޝަލް ވިދާޅުވާ އަޑު ނުފޫޒު ނުފޯރުވާނެ ކަމަށް، ވަޒީފާ އިން ވަކި ނުކުރާނެ ކަމަށް. އޭގެ ފަހުން އެ ބޭފުޅާ ދައްކަވާ ހުރިހާ ވާހަކައަކީ އަމިއްލަ ހައިސިއްޔަތުން ދައްކަވާ ވާހަކަ،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އެ އޯޑިއޯ ދިފާއު ކުރެއްވިއިރު، އެ ޕާޓީގެ ނަން މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވސްޓުން ވެސް ޒާހިރު މަގާމުން ވަކިކުރަން ގޮވައިލަން ފެށީ އެމްޑީޕީ އަށް އިންތިހާބު ކާމިޔާބުވިކަން ކަށަވަރު ވުމުންނެވެ. އެ އެކްޓިވިސްޓުން ބުނާގޮތުގައި، ޒާހިރަކީ މީގެ ކުރިން ވެސް ވަރަށް ގިނަ ފަހަަރަށް އެ ގޮތަށް މުއައްޒަފުންނަށް ބިރު ދައްކަވާ ބޭފުޅެކެވެ.

އެކަމާ ގުޅިގެން ފެނަކައިގެ އެމްޑީ އަހުމަދު ސައީދު "މިހާރު" އަށް ވިދާޅުވީ އެއީ ސައްހަ އޯޑިއޯއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކި ނުކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސިޔާސީ ކަންކަމާ ގުޅުވައިގެން ސަރުކާރުގެ ތެރޭގައި މުވައްޒަފުންނަށް ބިރު ދައްކާ މައްސަލަ މި ވެރިކަމުގެ ކުރިން، އެމްޑީޕީ އިދިކޮޅުގައި ހަރަކާތްތެރިވިއިރު ވަރަށް ބޮޑަށް ނެގި އެވެ. ނަމަވެސް ވެރިކަމަށް އާދެވުމުން އެ ކަން ހަނދާން ނައްތާލައިފި ކަމަށް ބުނެ އެ ޕާޓީ އަށް މިހާރު ފާޑުކިޔާ މީހުން ގިނަ އެވެ.