މާލެ އިން ދޫކުރަން ނިންމާފައިވާ 1،000 ޕާކިން ޖާގައިގެ ތެރެއިން މަހު ފީ ދައްކާ ޖާގަތަކަށް ކުރިމަތިލާން ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.
10 ފެބުރުއަރީ 2022
މާލެ އިން ދޫކުރަން ނިންމާފައިވާ 1،000 ޕާކިން ޖާގައިގެ ތެރެއިން މަހު ފީ ދައްކާ ޖާގަތަކަށް ކުރިމަތިލާން ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.
ޕާކިން ޖާގަތައް ދޭނެ އުސޫލު އާންމުކޮށް، އެ ކައުންސިލުން ގެޒެޓްކުރި އިއުލާނެއްގައި ބުނީ، އެ ޕާކިން ޖާގަތަކަށް މި މަހުގެ 16 އިން ފެށިގެން ކުރިމަތިލެވޭނެ ކަމަށެވެ. ޕާކިން ޖާގަތަކަށް ކުރިމަތިލާން ފޯމު ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ އޮންލައިން ޕޯޓަލުން ކަމަށް އިއުލާނުގައިވެ އެވެ.
މާލެ އިން ޕާކިން ޖާގަ ދޫކުރަން ސިޓީ ކައުންސިލުން ނިންމާފައި ވަނީ ދެ ގޮތަކަށެވެ. އެއީ މަހު ފީ ދައްކާ ގޮތަށް ދޭ ޖާގަތަކަކާއި ދިގު މުއްދަތަކަށް ވިއްކާ ޖާގަތަކެކެވެ. މިއަދު ހުޅުވައިލީ މަހު ފީ ދައްކާ ގޮތަށް ދޫކުރާ ޖާގަތަކަށް ކުރިމަތިލާށެވެ.
މި ޖާގަތަކަށް ކުރިން ވެސް ހުޅުވައިލި އެވެ. އެކަމަކު އެ ފަހަރު މި ޖާގަތަކުގެ ގުރުއަތު ނެގި ގޮތުން މައްސަލަތަކެއް ޖެހި އޭސީސީން އެންގީ އަލުން ގުރު ނަގާށެވެ. ނަމަވެސް ކައުންސިލުން ނިންމީ، އަލުން ވެސް ޖާގަތަކަށް ކުރިމަތިލާން ހުޅުވާލައިގެން ގުރުއަތަކަށް ދާށެވެ.
މަހު ފީ ނަގާ ގޮތަށް ޕާކިން ޖާގަ ދެނީ ޕްރައިވެޓް ކާރުތަކާއި މާލޭގައި ދުއްވާ ޓެކްސީތަކާއި 3.5 ޓަނުގެ ޕިކަޕްތަކަށެވެ. އެ ޕާކިން ޖާގަތަކުގެ 25 ޕަސެންޓް ހާއްސަ ކޮށްފައި ވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށް ކަމަށް އެ އިއުލާނުގައިވެ އެވެ.
ކޮންމެ މީހަކަށް ވެސް ތަފާތު ތިން ސަރަހައްދަކުން އެ ޖާގައަށް އެދެވޭނެ ކަމަށާއި މި ސްލޮޓް ގަރާޖުގެ ގޮތުގައި ރަޖިސްޓަރީ ކުރުން ނުހިމެނޭ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެ 1،000 ޕާކިން ޖާގައިގެ ތެރެއިން ދިގު މުއްދަތަކަށް ވިއްކަން ނިންމި ޖާގަތަށް ދިނުމުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭ އާއި ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކައުންސިލަށް އެންގުމުން އެ މަސައްކަތް މިހާރު އޮތީ މަޑުޖައްސާލައިފަ އެވެ.
- ކައުންސިލަށް ދައްކަންޖެހޭ އެއްވެސްް ފައިސާ ނުވަތަ މުދަލެއް ނުދައްކާ ހުރި މީހަކަށް ނުވުން.
- ޕާކިން ޖާގައަށް އެދޭ މީހަކީ ވެހިކަލްގެ ވެރިފަރާތަށް ވާން ޖެހޭނެ.
- ވެހިކަލްގެ ހުރިހާ ފީއެއް ބަރާބަރަށް ދައްކާފައި ހުރުން.
އެ އުސޫލުގައިވާ ގޮތުން، އަލަށް ޕާކިން ޖާގައަށް އެދޭ ފަރާތްތަކުން މަހު ފީގެ ގޮތުގައި 1،500ރ. ދައްކަން ޖެހޭނެ އެވެ. އެ ޖާގަ ރަޖިސްޓަރީ ކުރުމަށް އިދާރީ ފީއެއްގެ ގޮތުގައި އިތުރު 500ރ. ދައްކަން ޖެހޭނެ އެވެ.
ޕާކިން ޖާގަ ދިނުމުގައި ބައެއް ޖާގަތަށް ދިގު މުއްދަތަކަށް ވިއްކަން ނިންމާފައިވުމާ ގުޅިގެން އެއީ ގާނޫނާއި ގަވާއިދުތަކާ ހިލާފު މަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ރޭ ވާނީ ބުނެފަ އެވެ. ޓްރާސްޕޯޓުން ނެރުނު ނޫސްބަޔާނުގައި ބުނީ އަހަރުތަކަކަށް ދެމިގެންދާނެ ގޮތަށް ޕާކިން ޖާގަ ކުއްޔަށް ދިނުމަކީ ގާނޫނާއި ގަވާއިދު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
އެލްޖީއޭއިން އިއްޔެ އެ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނީ ދިގު މުއްދަތަކަށް ވިއްކަން ނިންމި ޖާގަތައް ދެނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ އިދާރާ އަށް ޝަކުވާތަކެއް ހުށަހަޅާފައި ވާތީ، އެ މައްސަލަ ބަލާ ނިމެންދެން ޕާކިން ޖާގަތައް ވިއްކުން މަޑުޖައްސާލަން އަންގާ ކަމަށެވެ. އެހެންވެ، ދިގު މުއްދަތަކަށް ވިއްކާ ޕާކިން ޖާގަތައް ދޫކުރުން މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުންޏެވެ.
މާލެއަކީ ޓޯޔާޑެއް؛ އޮތީ ވެހިކަލް ޖަމާކުރުމާ ނައްތާލުން
ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮންނަ ބިން ޕާކިން އަށް
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
ޓެކްސީތަކަށް ހާއްސަ ޕާކިން ޒޯނެއް ހަދަނީ
ޕާކިން ބިލްޑިންގްތަކުގައި 4،000ވެހިކަލް ޕާކްކުރެވޭނެ
ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ!
ޕާކިން ފީގެ ގޮތުގައި ކައުންސިލަށް 3.9 މިލިއަން
ޕާކިން ޒޯން ބަންދުކުރީ މިނިސްޓްރީން: ކައުންސިލް
ޕާކް ކުރާނެ ތަނެއް ނެތުމުން މުވައްޒަފުން އިހުތިޖާޖަށް
އޯކިޑް މަގުގެ ޕާކިން ނަގައި ޕާކިން ޒޯނެއް ހަދައިފި