Roadha Mihaaru
ކައުންސިލްގެ މަޝްރޫތައް ހުއްޓުވަނީ ސަރުކާރުން: މުއިއްޒު

ސަރުކާރުން ދަނީ ކައުންސިލްގެ ހުރިހާ މަޝްރޫތަކެއް ހުއްޓުވަމުން: މުއިއްޒު

10 ފެބުރުއަރީ 2022

މާލެ ސިޓީ ކައުންސިލުން ކުރަން ރާވާފައިވާ ކަންކަމަށް ސަރުކާރުގެ ފަރާތުން އެއްވެސް ވަރަކަށް އެއްބާރުލުން ނުލިބޭ ކަމަށާއި އެ ކައުންސިލްގެ މަޝްރޫއުތައް ހުއްޓުވަން ސަރުކާރުން މަސައްކަތްކުރާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ތުހުމަތުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ސިޓީ ކައުންސިލުން ކުރަން ރާވާފައިވާ ކަންކަމަށް ސަރުކާރުގެ ފަރާތުން އެއްވެސް ވަރަކަށް އެއްބާރުލުން ނުލިބޭ ކަމަށާއި އެ ކައުންސިލްގެ މަޝްރޫއުތައް ހުއްޓުވަން ސަރުކާރުން މަސައްކަތްކުރާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ތުހުމަތުކުރައްވައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެެކި އިދާރާތަކުން އެދޭ ހުރިހާ ކަމެއްގައި އެ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދިނަސް، ކައުންސިލްގެ ކަންކަމުގައި ސަރުކާރުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބި، އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށެވެ.

އޭގެ އެއް މިސާލެއްގެ ގޮތުގައި މޭޔަރު ނެންގެވީ، މާލޭގެ މަގުތައް ހަދަން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެން މީގެ ތިން މަސް ކުރިން އޮތީ މަސައްކަތް ހުއްޓިފަ އެވެ. މުއިއްޒު ތުހުމަތުކުރެއްވި ގޮތުގައި، އެ ފައިސާ ނުދީ ސަރުކާރުން ހިފަހައްޓާފައި ވަނީ ގަސްތުގަ އެވެ.

"މިދިޔަ ކައުންސިލްގެ ފެށުނު މަޝްރޫއެއް. އެކަމަކު މި ކައުންސިލް އައީމަ ކުޑަ ތަންކޮޅެއް ކުރިއަށް ދިޔައީ. އަޅުގަނޑުމެންނަށް ހެދުނީ އެންމެ މަގެއް. ހަދާފައި މިހާރު ތިން މަސް މި ވީ، ބަޖެޓް ހިފަހައްޓާފައި އޮންނަތާ،" މޭޔަރު ވިދާޅުވި އެވެ.

"ޕްލޭނިން މިނިސްޓްރީ އާއި ފިނޭންސް މިިނިސްޓްރީއާ ދެމެދު އަޅުގަނޑާއި އަޅުގަނޑުގެ ސްޓާފުން ގޮސް އާދޭސްކުރާތާ ތިން މަސް ވެއްޖެ. އެކިއެކި ވާހަކަދައްކަނީ، ފުރުސަތެއް ނުދެއްވާ ކުރިއަށް ދާކަށް."

އޭނާ ވިދާޅުވީ ގޮތުގައި، މާލޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މަގުމަތީގެ އުނދަގޫތައް ހައްލުކުރަން ފެށި މި މަޝްރޫއަކީ ބަޖެޓް ވެސް ފާސްކޮށްފައި އޮތް މަސައްކަތަކަށް ވާއިރު، އެ ފައިސާ ހަމަޖައްސައިދީ މަސައްކަތް ކުރުމަށް ހުރަސްއެޅިގެން ނުވާނެ ކަމަށެވެ. އަދި މިގޮތަށް ކަންކަން ކުރުމުން ސަރުކާރަށް ވަނީ ކޮން ފައިދާއެއްތޯ ސުވާލުކުރައްވާއި މުއިއްޒު ވިދާޅުވީ މިއީ ރައްޔިތުންނަށް ކުރެވޭ އުނދަގުލެއް ކަމަށެވެ.

"ހަގީގަތުގައި އާދޭސް ދެންނެވޭ އެބަ. މިއީ މިކަން ވާންޖެހޭނެ ގޮތެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތައް މަރާމާތުކުރުމަކީ ކައުންސިލްގެ ޒިންމާއަކަށް ވާއިރު، އެ މަސައްކަތް ކުރުމަށް މިއަހަރުގެ ބެޖެޓުގައި ކައުންސިލަށް ދޭން ނިންމާފައިވާ އެއް މިލިއަން ރުފިޔާއިން އެކަން ނުވާނެކަން ބަޖެޓް ފާސްކުރުމުގެ ކުރިން ސަރުކާރަށް އެންގިޔަސް، އެ ބަޖެޓު ވެސް ބޮޑުކޮށްދީފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ހުޅުމާލޭގެ އެންމެ ބޮޑު މިސްކިތް މަރާމާތުކުރުމަށް ވެސް ހިނގާ 1.8 މިލިއަން ރުފިޔާ ވަރު. އެންމެ މިސްކިތަކަށް. ފުރުގާން މިސްކިތް މަރާމާތުކުރަން ވެސް އެހާވަރު އެބަ ހަރަދުވޭ. ދެން ކިހިނެއްތޯ އެއް މިލިއަން ރުފިޔާއިން މަސައްކަތް ކުރާނީ؟،" މުއިއްޒު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން، އިސްލާމިކް މިނިސްޓްރީއާ އެކު ވެސް މަޝްވަރާ ބައްދަލުވުންތައް ބޭއްވުނު ކަމަށާއި އެކަމަކު ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނުދެއްކި ކަމަށް ވިދާޅުވި އެވެ. އެކަމަކު، ހަމަ އިތުރު މިސްކިތެއް ހަދާއިރަށް ކައުންސިލާ ހަވާލުކުރާ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން ނިންމީ، ކައުންސިލުން މި ނަގާ ފީތަކުން ލިބޭ ކުޑަ އެތިކޮޅުން ވިޔަސް، މިސްކިތްތައް މަރާމާތުކުރަން،" އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވަނީ، މިހާރު ހޫނުވެފައި ޕާކިން ޖާގަތަކުގެ މައްސަލައިގެ ތަފުސީލު ވެސް ދެއްވައިފަ އެވެ. ޕާކިން އަށް ކައުންސިލުން ބިން ވިއްކަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކުރައްވައި އޭނާ ވިދާޅުވީ، މާލެއިން 1،000 ޕާކިން ޖާގަ ދެނީ ދެ ގޮތަކަށް ކަމަށެވެ.

އެއީ މަހު ފީ ނަގާ ގޮތަށް ކުއްޔަށް ދޭ ޕާކިން ޖާގަތަކަކާއި ދިގު މުއްދަތަކަށް ފައިސާ ދައްކާ ގޮތަށް ދޫކުރާ ޕާކިން ޖާގަތަކެކެވެ. އެއީ ބިން މިލްކުކުރެވޭ ގޮތަށް ދޫކުރާ ޖާގަތަކެއް ނޫންކަން ޔަގީންކޮށްދެއްވި އެވެ. އެ މައްސަލައިގައި މިއަދު އެލްޖީއޭއާ ވެސް ބައްދަލުކޮށް، ޕާކިންގެ ކަންކަން ކުރިއަށްދާ ގޮތް ސާފުކޮށްދެއްވާފައި ވާނެ ކަމަށް ވިދާޅުވި އެވެ.

މަހު ފީ ދައްކާ ގޮތަށް ދޫކުރާ ޕާކިން ޖާގަތަކަށް ކުރިމަތިލާން މިއަދު ވަނީ ހުޅުވާލައިފަ އެވެ. އަދި ޓްރާސްޕޯޓް މިނިސްޓްރީ އާއި އެލްޖީއޭގެ އެންގުމާ އެއްގޮތަށް، ދިގު މުއްދަތަކަށް ފައިސާ ދައްކާ ގޮތަށް ދޫކުރާ ޕާކިން ޖާގަތައް ދިނުމުގެ މަސައްކަތް ވަނީ މަޑުޖައްސާލައިފަ އެވެ.