Roadha Mihaaru
ސެމްސަންގްގެ އާ ފޯނުތަކާއި ޓެބްތައް ދައްކާލައިފި

ސެމްސަންގްގެ އާ ފޯނުތަކާއި ޓެބްތައް: މިހާރު އޯޑަރުކުރެވޭނެ

11 ފެބުރުއަރީ 2022

ސެމްސަންގްގެ އެސް ސީރީޒްގެ އެންމެ ފަހުގެ ފްލެގްޝިޕް ޓެބްލެޓް ތަކާއި ސްމާޓްފޯނުތައް ދައްކާލައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ސެމްސަންގްގެ އެސް ސީރީޒްގެ އެންމެ ފަހުގެ ފްލެގްޝިޕް ޓެބްލެޓް ތަކާއި ސްމާޓްފޯނުތައް ދައްކާލައިފި އެވެ.

އެ ކުންފުނީގެ ޑިވައިސްތައް ދައްކައިލުމަށް ބާއްވާ "އަންޕެކްޑް" އިވެންޓުގައި ވަނީ ގެލެކްސީ އެސް ސީރީޒްގެ ހަ ޑިވައިސް އެއް ދައްކާލައިފަ އެވެ. އެ ޑިވައިސްތަކުގެ ތެރޭގައި ހިމެނެނީ އެސް 22 ސީރީޒްގެ ތިން ފޯނާއި އެސް އެސް 8 ސީރީޒްގެ ތިން ޓެބްލެޓް އެވެ.

މި ހުރިހާ ޑިވައިސްތަކަކީ ވެސް ސެމްސަންގުން މުޅި އަހަރުތެރޭގައި ނެރޭ އެންމެ ޕްރީމިއަމް ޑިވައިސްތަކެވެ. މި އަހަރުގެ ސްމާޓްފޯނާއި ޓެބް ސީރީޒަށް ވަނީ ތަފާތު ބަދަލެއް ގެނެސްފަ އެވެ. އެއީ އެ ޑިވައިސްގެ ވެސް އަލްޓްރާ ލައިންއަޕެވެ.

އަލްޓްރާ ތަފާތު ކޮށްލައިފި

މިފަހަރުގެ ސެމްސަންގް އެސް 22 ސްމާޓްފޯނުގައި ވަނީ އަލްޓްރާ ޑިވައިސް ތަފާތުކޮށްލައިފަ އެވެ. މިދިޔަ އަހަރު އެސް ސީރީޒްގެ ސްމާޓްފޯނަށް އަލްޓްރާ ޑިވައިސްއެއް ތައާރަފުކުރި އިރު މިއަހަރުގެ އަލްޓްރާ ޑިވައިސްއާ އެކު ވަނީ ނޯޓް ސީރީޒްގެ ފޯނުތަކާ އެއްކޮށްލައިފަ އެވެ. އެސް 22 އަލްޓްރާ ޑިވައިސްގައި މިފަހަރު އެސް ޕެން ވަނީ ހިމަނައިފަ އެވެ.

އެސް 22 އަލްޓްރާގެ އިތުރުން ދެން އާންމުކޮށްފައިވަނީ އެސް 22 އާއި އެސް 22 ޕްލަސް އެވެ. މި ފޯނުތައް ގަތުމަށް މިހާރު ވަނީ ޕްރީ އޯޑަރަށް ހުޅުވާލާފަ އެވެ. މި މަހުގެ 28 ގައި ޑިވައިސްތައް ވިއްކަން ފަށާނެ އެވެ.

އެސް 22 ވިއްކަން ފަށާ އަގަކީ 799 ޑޮލަރެވެ. އެސް 22 ޕްލަސް 899 ޑޮލަރަށް ވިއްކާއިރު އަލްޓްރާގެ ފެށޭ އަގަކީ 1،199 ޑޮލަރެވެ.

އެސް ސީރީޒްގެ ޓެބްލެޓް ވެސް ވަނީ މިފަހަރު ތަފާތުުކޮށްލައިފަ އެވެ. މިފަހަރު ރިލީޒްކޮށްފައިވަނީ ޓެބް އެސް8 އާއި ޓެބް އެސް8 ޕްލަސް އަދި ޓެބް އެސް8 އަލްޓްރާ އެވެ. މިއީ އެ ޑިވައިސް ލައިނަށް އަލްޓްރާ ޓެބެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ. އެއާ އެކު ޓެބްގެ މަސައްކަތްތައް އިތުރަށް ފުރިހަމަވާނެ ކަމަށް ސެމްސަންގުން ބުންޏެވެ.

މި ޑިވައިސްތައް ވެސް ޕްރީ އޯޑަރަށް ހުޅުވާލާފައިވާއިރު ޓެބްގެ އެންމެ އަގުހެޔޮ އެސް8 ފަށާ އަގަކީ 699 ޑޮލަރެވެ. އަދި އެސް8، 899 ޑޮލަރަށް ވިއްކަން ފަށާއިރު އެސް8 އަލްޓްރާ ވިއްކަން ފަށާ އަގަކީ 1،099 ޑޮލަރެވެ.