Roadha Mihaaru
ފައްޔާޒްއާ ވާދަކުރައްވަން އިންތި ނުކުންނަވައިފި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތި ވެސް ވާދަކުރައްވަނީ

13 ފެބުރުއަރީ 2022

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ ވާދަކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ނުކުންނަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ ވާދަކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ނުކުންނަވައިފި އެވެ.

އެ މަގާމަށް އޭނާ ވާދަކުރައްވާނެ ކަމުގެ އަޑުތައް ފެތުރެމުން ދަނިކޮށް މިރޭ ކުރެއްވި ޓުވީޓެއްގައި އެކަން ކަށަވަރުކޮށްދެއްވި އެވެ. "އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފިން," އިންތި ވިދާޅުވި އެވެ.

ފަސް އަހަރުގެ ދައުރަކަށް މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފަ އެވެ. އިންތިހާބު ބާއްވާ ތާރީހަކީ އެޕްރީލް, 16 އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އިންތި ކުރިމަތިލެއްވުމުން އިންތިހާބުގެ ވާދަވެރިކަން ބޮޑުވީ އެވެ. ފައްޔާޒް އަކީ ކެބިނެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިތުބާރުކުރައްވާ އެއް ވަޒީރެވެ.

ފައްޔާޒް އާއި އިންތިގެ އިތުރުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވައި އިންތިޒާމްކޮށް ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދާކުރައްވާ ޕާޓީގެ އެންމެ އިސް ފަރާތެވެ. އެމްޑީޕީގެ އެންމެ އިސް ގުނަންތައް ކަމަށްވާ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ވެސް ޗެއާޕާސަން އެވެ.

ޕާޓީގެ އިންތިހާބުތައް ރާވައި އިންތިޒާމްކުރުމާއި ދާއިރާތަކުގެ އިންތިހާބާއި އިދާރީ ކަންކަމާއި ޕާޓީގެ އުސޫލްތަކަށް ރައްކާތެރިވެ، މެމްބަރުންގެ ތެރޭގައި ޑިމޮކްރަސީގެ މިންގަނޑުތަކާއި ބައިވެރިވުމާއި ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވުމަކީ ވެސް ޗެއާޕާސަން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް އެންމެ ފަހުން ފުރުއްވީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އިންތިހާބު ބޭއްވުމުގެ 60 ދުވަސް ކުރިން، އެ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވައިލަން ވާނެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ ލިސްޓެއް މަހެއް ކުރިން އިއުލާންކުރަން ޖެހެ އެވެ.