Roadha Mihaaru
ނަޝީދުގެ އާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން

ނަޝީދު އުފައްދަން މަސައްކަތް ކުރައްވާ އާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން ހަމަޖައްސައިފި

20 މެއި 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވާ އާ ޕާޓީގެ ތަރުޖަމާނަކަށް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އަފްޝަން ލަތީފް ހަމަޖައްސައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވާ އާ ޕާޓީގެ ތަރުޖަމާނަކަށް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އަފްޝަން ލަތީފް ހަމަޖައްސައިފި އެވެ.

ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެ އިސް މެމްބަރު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހަރަކާތުން އަލަށް ރަޖިސްޓަރީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީއާ ގުޅޭ ކަންކަމުގެ ތަރުޖަމާނަކަށް އަފްޝަން ހަމަޖައްސާފައިވާ ކަމަށެވެ.

އެލްޖީއޭގެ ސީއީއޯއަކަށް ޖޫން 9، 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި އަފްޝަން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ އާއިލާ އަށް ވަގުތު ދެއްވުމަށާއި އަމިއްލަ ކަންކަން ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޝަން އަކީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ސަރުކާރާ ދެކޮޅު ފެކްޝަނާ އެކު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ކެމްޕެއިން ކުރެއްވުމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ.

ނަޝީދު ފިޔަވައި، "ފިކުރެއްގެ ދިރުން" އަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުން މިދިޔަ ބުދަ ދުވަހު ވަނީ އެ ޕާޓީން ވަކިވެފަ އެވެ. އަދި އާ ޕާޓީއެއް ހަދަން ނިންމާފައިވާ ކަން ވެސް އެ މެމްބަރުން އިއުލާން ކުރެއްވި އެވެ. އެމްޑީޕީން ވަކިވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީ ތަމްސީލުކުރާ 12 މެމްބަރުން ވެސް ހިމެނެ އެވެ. އެ 12 މެމްބަރުންގެ އިތުރުން ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ މިދިޔަ ހަފުތާގައި އެމްޑީޕީން ވަކިކޮށްފަ އެވެ.