Roadha Mihaaru
އިންތިހާބަށް ނުކުތީ ޔަގީން ހިސާބުތަކާ އެކު: އިންތި

މި ނުކުތީ ޔަގީން ހިސާބުތަކާ އެކު އެމްޑީޕީ ވަރުގަދަކުރަން: އިންތި

13 ފެބުރުއަރީ 2022

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ނިންމެވީ އެހެން އެއްވެސް ޕާޓީއަކަށް ބަލިކޮށްނުލެވޭނެ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީގެ ލަޝްކަރު އިތުރަށް ވަރުގަދައަށް ރުކުރުވާލުމުގެ އަޒުމާއި، އެކަން ކާމިޔާބުކުރެއްވޭނެ ކަމުގެ ވަރަށް ޔަގީން ހިސާބުތަކާ އެކުގައި ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ނިންމެވީ އެހެން އެއްވެސް ޕާޓީއަކަށް ބަލިކޮށްނުލެވޭނެ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީގެ ލަޝްކަރު އިތުރަށް ވަރުގަދައަށް ރުކުރުވާލުމުގެ އަޒުމާއި، އެކަން ކާމިޔާބުކުރެއްވޭނެ ކަމުގެ ވަރަށް ޔަގީން ހިސާބުތަކާ އެކުގައި ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.

އެޕްރީލް، 16 ގައި ބާއްވާ އިންތިހާބުގައި އިންތި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ އެވެ. މި ދެ ބޭފުޅުން މި ނުކުންނެވީ އެމްޑީޕީގެ ތެރޭގެ ހިޔާލުތަފާތުވުންތަކުން އުފެދިފައި އޮތް ދެ ފެކްޝަނުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅިން އެ މަނިކުފާނު އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރު ކަމަށްވާ ފައްޔާޒް ނުކުންނެވި އިރު އިންތި ސިފަކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކަށް ތާއީދު ކުރެއްވުމުގައި ދެމިހުންނެވި މެމްބަރެއްގެ ގޮތުގަ އެވެ.

ސޯލްޓުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އިންތި ވޯޓު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ /މިހާރު

ސޯލްޓުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އިންތި ވޯޓު ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ /މިހާރު

އެމްޑީޕީގެ 16 އަހަރުގެ ހަޔާތުގައި އަންނަ އެންމެ ވާދަވެރި އެއް އިންތިހާބަށް ނުކުންނެވި ސަބަބާ ގުޅޭ ގޮތުން އިންތި "މިހާރު" އަށް ވިދާޅުވީ ޕާޓީގައި އޭނާއަށް ކުރެއްވުނު ތަޖުރިބާތަކާ އެކު އިސްމަގާމެއްގައި ހުންނަވައި އެމްޑީޕީގެ ކުރިއެރުމަށް މަސައްކަތް ކޮށްދިނުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އޭނާގެ ވިސްނެވުމަކީ ޕާޓީ މިހާރަށް ވުރެން ވަރުދަކޮށް ހަރުދަނާ ޕާޓީއެއްގެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.

"އެއް ކަމަކަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޕާޓީ މިހާރަށް ވުރެން ވަރުގަދައަށް ރުކުރުވާލެވޭނެ ގޮތްތަކެއް ހޯދައި އިދާރީ ގޮތުން އެ މަަސައްކަތް ކުރުން،" އެމްޑީޕީއަށް ފުރަތަމަ ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިންތި ވިދާޅުވި އެެވެ.

ޕާޓީގެ މެމްބަރުންނަށް ޔަގީންކަން އޮންނާނެ އަޅުގަނޑާ މެދުގައި އަޅުގަނޑު ހަވާލުވާ އެ ކަހަލަ މަގާމްތަކުގައި ޕާޓީއަށް ގެއްލުމަށް ވުރެން ބޮޑަށް ވާނީ ފައިދާކަން، ކުރިއެރުން ލިބޭނެކަން: އިންތި

އެއްކޮޅުން ސަރުކާރާއި ޕާޓީގައި ވެސް ނުފޫޒު ގަދަ ފައްޔާޒާ ވާދަކުރެއްވުމަކީ ކިހާވަރެއްގެ ޗެލެންޖަކަށް ވާނެތޯ އެހުމުން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަކީ އަބަދުވެސް ވަރަށް ވާދަވެރި، ޑިމޮކްރަސީގެ އުސޫލްތަކުގެ މަތިން ހިންގާ އިންތިހާބުތަކެއް ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ހަމައަކީ ވެސް އިންތިހާބުތައް ވާދަވެރިވުން ކަމަށް އިންތި ވިދާޅުވި އެވެ.

"އެމްޑީޕީ މި އޮންނަނީ ވާދަކޮށްގެން، ފައިޓްކޮށްގެން ހޮވޭ ގޮތަށް. ވާދަވެރި، އެކަމަކު ރީތި، އިންތިހާބެއްގެ ގޮތުގައި، ކެމްޕޭންތަކަށް ފަހު މޮޅުވާނެ ކަމަށް ވަރަށް ޔަގީން،" އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ގޮތްގޮތުން ބަލައި އެކިއެކި ހިސާބުތައް ޖަހައި ފޯމިއުލާތަކުން ދައްކާ. އެހެންވީމާ ވާދަވެރިކޮށް ދިޔައެއް ކަމަކު އިރާދަކުރެއްވިއްޔާ ގަދަވާނެ، ރަނގަޅުވާނެ."

އިންތި ވިދާޅުވި ގޮތުގައި އޭނާއަށް އޮތް ހިތްހަމަޖެހުމަކީ އެމްޑީޕީއަށް މުހިއްމު އެ ބާވަތުގެ މަގާމެއް ފުރުމަށް އާއްމު މެމްބަރުން އިންތިޒާރުކޮށް، އެދެމުން ދިޔަ ކަމަކަށް ކުރިމަތިލެއްވުމެވެ. އެ ވިސްނުން ގެންގުޅުއްވިޔަސް މަޑުކުރައްވައިގެން ހުންނެވީ ރަނގަޅު ވަގުތު އަންނަން ދެން ކަމަށް ވިދާޅުވި އެވެ.

"މި ވޭތުވެދިޔަ ތަނުގައި ކުރި ކެމްޕޭންތަކުން ޕާޓީގެ މެމްބަރުންގެ ލޯތްބާއި އިހްތިރާމް އަޅުގަނޑަށް ކުރޭ އެ މެމްބަރުންނަށް އަޅުގަނޑު ކުރާ ފަދައިން. އެހެންވީމާ ޕާޓީގެ މެމްބަރުންނަށް ޔަގީންކަން އޮންނާނެ އަޅުގަނޑާ މެދުގައި އަޅުގަނޑު ހަވާލުވާ އެ ކަހަލަ މަގާމްތަކުގައި ޕާޓީއަށް ގެއްލުމަށް ވުރެން ބޮޑަށް ވާނީ ފައިދާކަން، ކުރިއެރުން ލިބޭނެކަން،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އިންތި ބައިވެރިވެވަޑައިގަންނަވަނީ. --.ފޮޓޯ:ނިޝާން އަލީ/މިހާރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އިންތި ބައިވެރިވެވަޑައިގަންނަވަނީ. --.ފޮޓޯ:ނިޝާން އަލީ/މިހާރު

ޗެއާޕާސަން ކަމުގެ މަގާމަކީ އިދާރީ ގޮތުން ޕާޓީ ހިންގުމުގެ އެންމެ އިސް ޒިންމާ އަދާކުރަން ޖެހޭ ފަރާތްކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ އެންމެ ބޮޑު، ވަރުގަދަ، ކާމިޔާބު ޕާޓީގެ ގޮތުގައި ބޭއްވުމަކީ އޭނާގެ މިސްރާބު ކަމަށެވެ.

"މި މަގަށް ކުރަން ޖެހޭ ކޮންމެ ކަމެއްގައި އަޅުގަނޑު ދެމިހުންނާނެ، ރާއްޖޭގައި އެމްޑީޕީ ބީޓްކޮށްލެވޭނެ އިތުރު ޕާޓީއެއް ނެތް މިންވަރަށް އަޅުގަނޑުގެ މަސައްކަތް ކުރިއަށް ގެންދާނަން،" އިންތި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ތިން ވަނަ ދައުރު ފުރުއްވަމުން ގެންދަވާ އިންތި ވަނީ ޕާޓީގެ އިސް މަގާމްތައް އަދާކުރައްވައިފަ އެވެ. އޭގެތެރޭގައި ޕާޓީގެ އެންމެ އިސް ތަރުޖަމާންގެ މަގާމް ހިމެނެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ ފަސް އަހަރުގެ ދައުރު އެންމެ ފަހުން ފުރުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އޭނާގެ ދައުރު ހަމަވީ އިއްޔެ އެވެ.