Roadha Mihaaru
ގޯސްތައް ދައްކަވައި އަމްރު ވިދާޅުވީ އިސްލާހުނުވި ކަމަށް

އެހެން ގޮތެއް ހިޔާރުކުރީ ސަރުކާރު އިސްލާހު ނުވުމުން: އަމްރު

12 އެޕްރީލް 2023

ސަރުކާރުގެ ބޮޑެތި ގޯސްތައް ދައްކަވައި، އޭނާ އެހެން ގޮތެއް އިހްތިޔާރުކުރަން ޖެހުނީ އިސްލާހުގެ މަގަށް ކަންކަން ގެންނަން ކުރެއްވި މަސައްކަތަށް އެއްބާރުލުމެއް ނުލިބުމުން ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުގެ ބޮޑެތި ގޯސްތައް ދައްކަވައި، އޭނާ އެހެން ގޮތެއް އިހްތިޔާރުކުރަން ޖެހުނީ އިސްލާހުގެ މަގަށް ކަންކަން ގެންނަން ކުރެއްވި މަސައްކަތަށް އެއްބާރުލުމެއް ނުލިބުމުން ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނީގެ އިސް މަގާމެއްގައި ހުންނަވައި، ސަރުކާރާ ދެކޮޅަށް ނުކުންނެވި ސަބަބު ފުރަތަަމަ ފަހަރަށް ވިދާޅުވެ ނެރުއްވި ނޫސްބަޔާނުގައި ސިޔާސަތުތަަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.

ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގަތުމާ އެކު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވައިގެން އުޅުއްވާ ފިކުރެއްގެ ދިރުމުގައި ހުންނެވި އަމްރު ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރެއް މިހާރު ނެތް ކަމަށެވެ. މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލޭނެ ފުރުސަތު ބޮޑު ކަމެއް ކަމަށް ވިދާޅުވި އެވެ.

އަމްރު ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކުރައްވަމުންނެވެ. އޭނާ މަގާމުން ވަކިކުރެއްވީ، ޖޭޕީއާ އެކު ފިކުރެއްގެ ދިރުމުން މެނިފެސްޓޯއެއް ހެދުމާ ހަމައަށް ވާހަކަތައް ދެކެވުނު ފަހުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އަމްރު، ނަޝީދާ އެކު.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އަމްރު، ނަޝީދާ އެކު.

"އެމްޑީޕީއަށް ވަފާތެރި އެތައް ބައެއް ޕާޓީއާ މިއަދު ފެއަށް ޖެހިފައި ވަނީ ޕާޓީގެ ސިޔާސަތުތައް އޮޅިގެންނެއް ނޫނެވެ. ނުވަތަ ގަބޫލުނުކުރާތީއެއް ނޫނެވެ. އަޅުގަނޑު ވެސް ނުހަނު އިހްލާސްތެރިކަމާ އެކު ހެޔޮ ނިޔަތުގައި މަސައްކަތްކުރީ އެ ސިޔާސަތުތައް ކުރިއަރުވައި ތަންފީޒުކުރާށެވެ،" އަމްރުގެ ދިގު ބަޔާނުގައި ވިދާޅުވި އެވެ.

"އެހެން ގޮތެއް ހިޔާރުކުރަން ޖެހުނީ ގިނަ ފަހަރެއްގެ މަތިން އިސްލާހުގެ މަގަށް ކަންކަން ގެންނަން ކުރި މަސައްކަތަށް އިޖާބައެއް ތަރުހީބެއް އެއްބާރުލުމެއް ނުލިބުމުންނެވެ."

"އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލުމުން އަމާޒެއް ނެތް"

އެމްޑީޕީގެ ސިޔާސަތު ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އަމްރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ 2018 ގައި ހަވާލުކުރީ އެމްޑީޕީގެ ސިޔާސަތުތަކަށް އެކަށައަޅާފައި އޮތް މެނިފެސްޓޯ ކަަމަށެވެ. ފަހުން ޕާޓީތައް އިއްތިހާދުވެ، ޖޮއިންޓް މެނިފެސްޓޯ އެކުލަވާލި އިރު ވެސް ބެލީ އެމްޑީޕީގެ މެނިފެސްޓޯގެ ސިޔާސަތުތައް ދަމަހައްޓައި ޖަޒީރާ މެނިފެސްޓޯގެ އަސާސްތައް ނުގެއްލޭނެ ގޮތަށް ޕާޓީތަކުން އެއްބަސްވާ މެނިފެސްޓޯއެއް ނެރެން ކަމަށެވެ.

އެގޮތަށް އެއްބަސްވެވި އުފެދުނު ކެބިނެޓާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ހިންގާނެ ސިޔާސަތުތަކާއި ފުރަތަމަ އަހަރު ހިންގާނެ ސިޔާސަތުތައް ވެސް ތަފްސީލްކޮށް ހަވާލުކުރިކަން އަމްރު ފާހަގަކުރެއްވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި އެސްޓީއޯގެ އެމްޑީގެ މަގާމާ އޭނާ ހަވާލުވެވަޑައިގަތީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވައި ރާއްޖެ އެތެރެކުރާ މުދަލުގެ އަގު ހެޔޮކުރުމަށާއި ކުދި ވިޔަފާރިތަކަށް ޖާގަދީ ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެ ކުރިއެރުވުމަށާއި ކާނާގެ ޔަގީންކަން ހޯދުމަށާއި ސިއްހީ ދާއިރާ ކުރިއެރުވުމަށް ކަމަށާއި އެ ކަންކަން ކުރެއްވި ކަމަށް ވިދާޅުވި އެވެ.

އޭނާ ބޭނުންވީ، އަމްރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދު ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަރައި ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް 5 އަހަރުގެ ތެރޭގައި ފެނުމަށެވެ.

"ނަމަވެސް ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލައި ވަކި ސިޔާސަތެއް އަމާޒެއް ނެތި ކަންކަން ކުރަމުން ގެންދިއުމުގެ ސަބަބުން މާލީ އިގްތިސާދީ އަދި އިޖުތިމާއީ މައްސަލަތައް ވަނީ މި 4 އަހަރު ކުރިމަތިވެފަ އެވެ،" އަމްރު ވިދާޅުވި އެވެ.

އޭގެތެރޭގައި ޓެކްސްއަށް ގެނައި ބަދަލާ އެކު ތަކެތީގެ އަގު ބޮޑުކުރުމާއި ކުރިން އެންގުމަކާ ނުލައި ޓޫރިސްޓުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމުން އެ ވިޔަފާރިތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވި ކަމަށް އަމްރު ވިދާޅުވި އެވެ.

އަމްރު، ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު.

އަމްރު، ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު.

އަމްރު ވިދާޅުވީ ސަރުކާރުގެ ހަރަދާއި އިސްރާފު ބޮޑު ކަމަށާއި ޕްރޮޖެކްޓްތައް ހިނގާ ނުހިނގާ ގޮތް ނުބަލާތީ މަޝްރޫއުތައް ލަސްވެ މަސައްކަތާ ނުބައްދަލު ބޮޑެތި ހަރަދުތައް ކުރަން ޖެހުނު ކަމަށެވެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކޮންމެހެން ކުރަން ޖެހޭ އެތައް ކަމެއް ދޫކޮށްލައި ބޮޑު އަގުގައި ދަރަންޏަށް ފައިސާ ނެގި ކަމަށް އަމްރުގެ ބަޔާނުގައި ވެ އެވެ.

"ބަޖެޓުގެ ފައިސާ ދީގެން ހިންގާ ސަރުކާރުގެ ކުންފުނިތައް ނުބެލެހެއްޓުމުގެ ސަބަބުން މިއަދު އެ ކުންފުނިތައް ވަނީ އާއްމު އެތައް ވިޔަފާރިތަކަކަށް ދަރާ ބަނގުރޫޓް ވުމުގެ މަގުމަތީގަ އެވެ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނުރަނގަޅު ކަންތައްތައް ރަނގަޅުކުރަން މަސައްކަތް ކުރެއްވި އެވެ. ބައްދަލުވުންތަކުގައި ފާހަގަކޮށް، މެސެޖުންނާއި ސިޓީން ވެސް ލަފާ އެރުވި ކަމަށެވެ. އެކަމަކު ސަރުކާރު ހިންގުމުގެ ވައްޓަފާޅިއަށް ބަދަލެއް ނައި ކަމަށް އަމްރު ވިދާޅުވި އެވެ.

މީގެ ނަތީޖާ އަކީ ކޯލިޝަނަކާ ނުލައި އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ގަބޫލުކުރުމާ އެކު ބައި އިލެކްޝަންތަކުގައި މުޅި ސަރުކާރުގެ ބަޖެޓް ހުސްވާ ވަރަށް ކުއްލިއަކަށް އެ ދާއިރާތަކަށް ޕްރޮޖެކްޓް ހިންގުން ކަމަށް އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށެއްގެ އެންމެންނަށް ސަރުކާރު ކުންފުނިން ވަޒީފާ ދޭން ޖެހުމަކީ ސަރުކާރަށް ރައްޔިތުން ތާއީދުނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.