Roadha Mihaaru
ވެސްޓް ހޭމް އިން ފަހު ވަގުތު ލެސްޓާއަށް ލަނޑު ދީފި

ވެސްޓް ހޭމް އިން ފަހު ވަގުތު ލެސްޓާއަށް ލަނޑު ދީފި

14 ފެބުރުއަރީ 2022

ލެސްޓާ (ފެބްރުއަރީ 14) - ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ފަހަތުން އަރައި ނެގި ލީޑާ އެކު ލެސްޓާ ސިޓީ މޮޅުވާން ދަނިކޮށް، ފަހު ވަގުތު ޑިފެންޑަރު ކްރެއިގް ޑޯސަން ޖެހި ލަނޑުން ވެސްޓް ހޭމް މުހިއްމު ޕޮއިންޓެއް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލެސްޓާ (ފެބްރުއަރީ 14) - ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ފަހަތުން އަރައި ނެގި ލީޑާ އެކު ލެސްޓާ ސިޓީ މޮޅުވާން ދަނިކޮށް، ފަހު ވަގުތު ޑިފެންޑަރު ކްރެއިގް ޑޯސަން ޖެހި ލަނޑުން ވެސްޓް ހޭމް މުހިއްމު ޕޮއިންޓެއް ހޯދައިފި އެވެ.

ވެސްޓް ހޭމް އިން މެޗުގެ 10 ވަނަ މިނިޓުގައި ލީޑު ނެގީ ޖަރޯޑް ބޯވެން ޖެހި ލަނޑުންނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުން ލެސްޓާ ސިޓީ އަށް އެއްވަރު ކޮށްދިނީ ޔޫރީ ޓީލެމަންސް އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުހޯދި އޮތް ލެސްޓާ އަށް މެޗުގައި ލީޑު ނަގައިދިނީ 57 ވަނަ މިނިޓުގައި ހާވީ ބާންސް ނެގި ހުރަހަކުން ރިކާޑޯ ޕެރޭރާ އެވެ.

ލެސްޓާ މެޗުން މޮޅުވާން ދަނިކޮށް ވެސްޓް ހޭމް އަށް އެއްވަރު ކޮށްދިނީ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ބޯވެން ނެގި ކޯނަރެއް ޑޯސަން ބޮލުން ގޯލުތެރަށް ފޮނުވާލައިގެންނެވެ. ލެސްޓާ މިހާތަނަށް ކުޅުނު 22 މެޗުން އެޓީމު ކޮޅަށް 41 ލަނޑު ވަދެފައި ވާއިރު، އޭގެ ތެރެއިން 11 ލަނޑަކީ ކޯނަތުރަކުން ވަދެފައި ހުރި ލަނޑުތަކެވެ.

މި ނަތީޖާއާ އެކު ވެސްޓް ހޭމް ހަތަރުވަނައިގައި އޮތީ 25 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ވެސްޓް ހޭމްގެ ފަހަތުން، ޓޭބަލްގެ ފަސްވަނައިގައި އޮތީ 24 މެޗުން 40 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑެވެ. ލެސްޓާ ސިޓީ އޮތީ ޓޭބަލްގެ 11 ވަނައިގަ އެވެ.

ފަބީނިއޯ ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފަބީނިއޯ ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލް ވަނީ މިރޭ ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗް 1-0 އިން ކާމިޔާބު ކޮށްފަ އެވެ. ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު 40 ވަނަ މިނިޓުގައި ޖަހައިދިނީ ފަބީނިއޯ އެވެ. މިއީ ފަބީނިއޯ މި އަހަރު ޖެހި ފަސްވަނަ ލަނޑެވެ.

އެފްރިކަން ކަޕް ކާމިޔާބު ކުރުމަށް ފަހު ލިވަޕޫލްގެ ސަޑިއޯ މާނޭ ވެސް ޓީމާ ގުޅިފައި ވުމުން ކޯޗު ކްލޮޕް ވަނީ މިރޭ މާނޭ އާއި މުހައްމަދު ސަލާހު އަދި ރޮބާޓޯ ފިރްމީނޯ ފުރަތަމަ 11 ގައި ހިމަނައިފަ އެވެ. ފޯމުގައި ހުރި ޑިއޯގޯ ޖޮޓާ ކުޅެން އެރީ ދެވަނަ ހާފުގައި މާނޭގެ ބަދަލުގަ އެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް ދެވަނައިގައި އޮތީ 24 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. މެންޗެސްޓާ ސިޓީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެއްވަނައިގައި އޮތީ ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.

ޓްރިޕިއާ މިރޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޓްރިޕިއާ މިރޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނިއުކާސަލް ޔުނައިޓެޑް ވެސް ވަނީ މިރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ކުޅެ 1-0 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު ނިއުކާސަން ވަނީ އެންމެ ފަހުން އެޓީމު ލީގުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

ސްޓީވަން ޖެރާޑުގެ ކޯޗުކަމުގައި ކުޅޭ އެސްޓަން ވިލާ ކޮޅަށް ނިއުކާސަލް މޮޅުވި ލަނޑު 35 ވަނަ މިނިޓުގައި ހިލޭޖެހުމަކުން ޖަހައިދިނީ ކީރެން ޓްރިޕިއާ އެވެ. ރެފްރީ އެންމެ ފުރަތަމަ ނިއުކާސަލް އަށް ޕެނަލްޓީއެއް ދޭން އިޝާރާތް ކުރި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ނިންމީ ހިލޭޖެހުން ޖަހާށެވެ.

ދެވަނަ ހާފު ފެށި ފަހުން ފަޔަށް އަނިޔާވެގެން ޓްރިޕިއާ ވަނީ ބަދަލު ކޮށްފަ އެވެ. މެޗަށް ފަހު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފައިގެ އެކްސްރޭ ނަގައިފަ އެވެ. ޓްރިޕިއާ ވަނީ ލީގުގައި ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެވަޓަން ކޮޅަށް ވެސް ހިލޭޖެހުމަކުން ގޯލެއް ޖަހައިފަ އެވެ.

ވުލްވްސް ވަނީ ޓޮޓެންހަމާ ދެކޮޅަށް އެޓީމުގެ ދަނޑުގައި ކުޅެ 2-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ވުލްވްސްގެ ދެ ލަނޑު ޖަހައިދިނީ ރައުލް ހިމިނޭޒް އާއި ލިއެންޑާ ޑެންޑޮންކާ އެވެ.

މިއީ ޓޮޓެންހަމް ލީގުގައި ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. އަދި މިއާއެކު އެޓީމަށް ވަނީ ގަދަ ހަތަރެއްގެ ރޭހުގައި އުޅޭ ޓީމުތަކާ އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ބޭނުން ނުކުރެވިފަ އެވެ. މިހާތަނަށް ކުޅުނު 22 މެޗުން ލިބުނު 36 ޕޮއިންޓާ އެކު އެޓީމު އޮތީ ޓޭބަލްގެ އަށް ވަނައިގަ އެވެ.

މި މޮޅާ އެކު ވުލްވްސް އޮތީ 23 މެޗުން 37 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ހަތް ވަނައިގަ އެވެ. ހަވަނައިގައި އޮތް އާސެނަލް އަށް ވަނީ 22 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ. މެންޗެސްޓާ ޔުނައިޓެޑް އޮތީ 24 މެޗުން 40 ޕޮއިންޓް ހަމަކޮށްގެން ފަސް ވަނައިގަ އެވެ.