Roadha Mihaaru
ގަލެގާގެ ދެ ލަނޑާއެކު ޕެލަސް އިން އެވަޓަން ބަލިކޮށްފި

ގަލެގާގެ ދެ ލަނޑާ އެކު ކްރިސްޓަލް ޕެލަސް އިން އެވަޓަން ބަލިކޮށްފި

13 ޑިސެމްބަރ 2021

ލަންޑަން (ޑިސެމްބަރު 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އާއި އެވަޓަން ބައްދަލުކުރި މެޗުގައި، ޕެލަސްގެ މިޑްފީލްޑަރު ކޮނޯ ގަލެގާ ޖެހި ދެ ލަނޑާ އެކު އެ ޓީމުން އެވަޓަން ބަލި ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޑިސެމްބަރު 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އާއި އެވަޓަން ބައްދަލުކުރި މެޗުގައި، ޕެލަސްގެ މިޑްފީލްޑަރު ކޮނޯ ގަލެގާ ޖެހި ދެ ލަނޑާ އެކު އެ ޓީމުން އެވަޓަން ބަލި ކޮށްފި އެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މިހާތަނަށް ލީގުގައި ހަތަރު މެޗުން މޮޅު ވެފައިވާ ޕެލަސް ވަނީ 19 ޕޮއިންޓާ އެކު ޓޭބަލްގެ 12 ވަނައަށް ޖެހިލައިފަ އެވެ. އެވަޓަން އޮތީ އެއް ޕޮއިންޓް މަދުން ޓޭބަލްގެ 14 ވަނައިގަ އެވެ.

ކްރިސްޓަލް ޕެލަސް އިން މެޗުގައި ފުރަތަމަ ކުރި ހޯދީ ފުރަތަމަ ހާފު ނިމެން ކުޑަތަން ވެފައި ވަނިކޮށް ގަލެގާ އެވެ. މެޗުގެ 62 ވަނަ މިނިޓުގައި ޖޭމްސް ޓޮމްކިންސް ޕެލަސް އަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައި ވަނިކޮށް އެވަޓަން އިން ފަރަގު ކުޑަކުރީ، ބަދަލު ކުޅުންތެރިޔާ ސަލޮމޮން ރޮންޑޮން ޖެހި ގޯލުންނެވެ. ޕެލަސްގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ، ފުރަތަމަ ލަނޑު ވެސް ޖަހައިދިން ގަލެގާ އެވެ.

ޗެލްސީން ލޯނު އުސޫލުން މި ސީޒަނުގައި، ޕެޓްރިކް ވިއޭރާގެ ޕެލަސް އަށް ކުޅެމުން އަންނަ ގަލެގާ، 21، އަންނަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ކުޅެމުންނެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް ފަސް ގޯލު ޖަހައި، ތިން ގޯލުގައި އެސިސްޓް ކޮށްދީފަ އެވެ.

އެވަޓަންގެ މި ބައްޔަކީ، ރަފައެލް ބެނިތޭޒްގެ އިރުޝާދުގެ ދަށުން އެޓީމު ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުންވީ ހަތްވަނަ ބައްޔެވެ. މީގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.

ޓޭބަލްގެ ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް ވަނީ ރޭ ރެލިގޭޝަން ޒޯނުގައި އޮތް ބާންލީއާ ވާދަކޮށް ޕޮއިންޓަކުން ފުއަދާލަން ޖެހިފަ އެވެ. މި މެޗް އެއްވަރުވީ 0-0 އިންނެވެ. މިއާއެކު ވެސްޓް ހޭމް ހަތަރު ވަނައިގައި އޮތީ، ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ އެއް ޕޮއިންޓް އިތުރަށް؛ 28 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގެ 19 ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް ލެސްޓާ ސިޓީން ވަނީ ރަށުން ބޭރުގައި ރޭ ކުޅުނު މެޗު 4-0 އިން ކާމިޔާބު ކޮށްފަ އެވެ. މިއީ ލެސްޓާ ސިޓީ ލީގުގެ ފުރަތަމަ މެޗުގައި ވުލްވްސް އަތުން 1-0 އިން މޮޅުވި މެޗަށް ފަހު، މިހާތަނަށް ލީގު މެޗެއްގައި ބައިކޮޅަށް ގޯލެއް ނުވަދެ ނިންމާލި ފުރަތަމަ މެޗެވެ.

ޖޭމްސް މެޑިސަން އަށް ނިއުކާސަލްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ލެސްޓާ އަށް ލިބުނު ޕެނަލްޓީއަކުން 38 ވަނަ މިނިޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޔޫރީ ޓީލަމަންސް އެވެ.

މިއީ މިދިޔަ މަހު ކުރީކޮޅު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރެ، ޓީލަމަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި މި މެޗަކީ ޓީލަމަންސް ލެސްޓާ ސިޓީއަށް ޕްރިމިއާ ލީގުގައި ކުޅެދިން 100 ވަނަ މެޗެވެ.

ލެސްޓާގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 57 ވަނަ މިނިޓުގައި ޕަސްޓޮން ޑާކާ އެވެ. ތިންވަނަ ލަނޑު 81 ވަނަ މިނިޓުގައި ޓީލަމަންސް ޖަހައިދިން އިރު، އޭގެ ހަތަރު މިނިޓު ފަހުން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ މެޑިސަން އެވެ.

މި މެޗަކީ ލެސްޓާގެ ޑިފެންޑަރު ޖޯނީ އީވަންސް ވެސް އެ ޓީމަށް ލީގުގައި ކުޅެދިން 100 ވަނަ މެޗެވެ. ނަމަވެސް އޭނާ ވަނީ އަނިޔާވެގެން މެޗުގެ ހަވަނަ މިނިޓުގައި ބަދަލު ކޮށްފަ އެވެ.

މި ނަތީޖާއާ އެކު ލެސްޓާ ވަނީ ޓޭބަލްގެ އަށް ވަނައަށް ޖެހިލައިފަ އެވެ.