Roadha Mihaaru
އާސެނަލުން ޓޮޓެންހަމް ބަލިކޮށްފި، ޔުނައިޓެޑަށް މޮޅެއް

އާސެނަލުން ޓޮޓެންހަމް ބަލިކޮށްފި، ޔުނައިޓެޑް އަލުން ދެ ވަނަ އަށް

15 މާޗް 2021

ލަންޑަން (މާޗް 15) - އިނގިރޭސ ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ފަހަތުން އަރައި 2-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކުރިއިރު، ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 1-0 އިން ކުރިހޯދައި މެންޗެސްޓާ ޔުނައިޓެޑް އަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ލަންޑަން (މާޗް 15) - އިނގިރޭސ ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ފަހަތުން އަރައި 2-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކުރިއިރު، ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 1-0 އިން ކުރިހޯދައި މެންޗެސްޓާ ޔުނައިޓެޑް އަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 30 މެޗުން 71 ޕޮއިންޓާ އެކު އެވެ. ރޭ ކުރިން ކުޅުނު މެޗުގައި ލީގުގެ އެންމެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން 5-0 އިން މޮޅުވެ، ލެސްޓާ ސިޓީ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ޔުނައިޓެޑް ކުޅުނު މެޗުން މޮޅުވުމާ އެކު އެ ޓީމު އަލުން ދެ ވަނަ އަށް އެރީ 29 މެޗުން 57 ޕޮއިންޓް ހަމަކޮށްގެންނެވެ. ލެސްޓާ ތިން ވަނައިގައި އޮތީ 29 މެޗުން 56 ޕޮއިންޓާ އެކު އެވެ.

ރޭ ޔުނައިޓެޑް މޮޅުވީ ވެސްޓް ހޭމްގެ ޑިފެންޑަރު ކްރެއިގް ޑޯސަން އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މިއީ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑޯސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނިޔާއިން ރަނގަޅުވެ ރޭގެ މެޗުގައި ކުޅުނު ޔުނައިޓެޑްގެ ފޯވާޑް މާކަސް ރެޝްފޯޑް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

އާސެނަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 33 ވަނަ މިނިޓްގައި ޓޮޓެންހަމަށް ލީޑުނަގައިދިނީ އާޖެންޓީނާގެ މިޑްފީލްޑަރު އެރިކް ލަމޭލާ އެވެ. ސޮން ހެއުން މިން އަށް އަނިޔާވުމުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލަމޭލާ މި ގޯލު ޖެހީ ރަބޯނާ ކިކަކުންނެވެ. ފުރަތަމަ ހާފުގައި އާސެނަލްގެ އެމީލް ސްމިތް ރޯވް އާއި ސެޑްރިކް ސޮއާރޭސް ޖެހި ޝޮޓްތައް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، އެ ޓީމަށް އެއްވަރުކޮށްދިން ގޯލު މެޗުގެ 44 ވަނަ މިނިޓްގައި ޖެހީ މާޓިން އޮޑެގާޑް އެވެ.

ޕްރީ މެޗް ޕްރޮޓޮކޯލްއާ ހިލާފުވުމުން އާސެނަލުން ރޭގެ މެޗުގައި ކުޅުނީ އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ނުލަ އެވެ. އާސެނަލް މޮޅުވި ގޯލު ޖެހީ ޕެނަލްޓީ އަކުން އަލެކްސަންޑަ ލަކަޒޭޓް އެވެ. މިއީ ޓޮޓެންހަމްގެ ޑަވިންސަން ސަންޗޭޒް އޭރިއާތެރެއިން ލަކަޒޭޓް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މެޗުގެ 76 ވަަނަ މިނިޓްގައި ޓޮޓެންހަމްގެ ލަމޭލާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ރަނގަޅު ކުޅުމެއް ދައްކައި ޓޮޓެންހަމުން ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އެވެ. ހެރީ ކޭން ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އާސެނަލަށް ދިން ޕެނަލްޓީއާ މެދު ސުވާލު އުފައްދައިފަ އެވެ. އޭނާ ބުނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ކަންކަން ބެލުމަށް ފަހު އެ އަށް ވުރެ ރަނގަޅަށް ނިންމުންތައް އަންނަން ޖެހޭނެ ކަމަށެވެ.

ރޭގެ ނަތީޖާއާ އެކު ޓޮޓެންހަމް ލީގުގެ ހަތް ވަނައިގައި އޮތީ 28 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް 10 ވަނައިިގައި އޮތީ 28 މެޗުން 41 ޕޮއިންޓާ އެކު އެވެ.

ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ލެސްޓާގެ ނައިޖީރިއާ ފޯވާޑް ކެލެޗީ އިހެނާޗޯ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލު ދެ ގޯލުގެ ތެރެއިން އެއް ގޯލު އަޔޯޒީ ޕެރޭޒް ކާމިޔާބުކުރިއިރު، ދެން ޖެހި ގޯލަކީ ޝެފީލްޑްގެ ނޭތަން އަމްޕަޑޫ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.