Roadha Mihaaru
އަފްގާނިސްތާނުގައި ހިމަބިހި ފެތުރެނީ

އަފްގާނިސްތާނުގައި ހިމަބިހި ފެތުރެނީ

14 ފެބުރުއަރީ 2022

އަފްގާނިސްތާނުގައި ހަލުވިކަމާ އެކު ހިމަބިހި ފެތުރެމުންދާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ.

އަފްގާނިސްތާނުގައި ހަލުވިކަމާ އެކު ހިމަބިހި ފެތުރެމުންދާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިޔޫއެޗްއޯ އިން ބުނި ގޮތުގައި އިގްތިސާދު މުޅިން ހީނަރުވެ އެކަށީގެންވާ ސިއްހީ ހިދުމަތެއް ދެވެން ދެން ދަނޑިވަޅެއްގައި، ހިމަބިހި ފެތުރެން ފެށުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަފްގާނިސްތާނުގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކަށް ހިމަބިހި ޖެހިފައިވާ އިރު، އޭގެ ތެރެއިން 150 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި މިފަހަކަށް އައިސް އަފްގާނިސްތާނުގައި ހިމަބިހި ފެތުރެން ފެށީ ހުސްވި 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ ގައުމުގެ ހުރިހާ ޕްރޮވިންސެއްގައި ވެސް މިހާރު ހިމަބިހި ފެތުރެމުންދާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެކަނިވެސް، ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 35،319 މީހަކު ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދި އެވެ. އޭގެ ތެރެއިން ހަށިގަނޑުން ސާމްޕަލް ނަގައިގެން ޓެސްޓުކުރި މީހުންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުން ހިމަބިހީގެ ވައިރަސް ފެނިފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

މިހާރު ފެތުރެމުންދާ ހިމަބިހި ރޯގާގައި މިހާތަނަށް މަރުވި މީހުންގެ 97 ޕަސެންޓަކީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނެވެ. އަދި ބަލި ޖެހުނު ޖުމްލަ އަދަދުގެ 91 ޕަސެންޓަކީ ވެސް ފަސް އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނާ ގޮތުގައި، މިހާރު ވެސް ކުރިއަށް ދަނީ ފިނި މޫސުމުގެ ދުވަސްތައް ކަމަށްވުމާ އެކު، މިހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ބަޔަކަށް ހިމަބިހި ޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ހިމަބިހި ޖެހިގެން މަރުވާ މީހުންނާއި ކުދިންގެ އަދަދު ވެސް އެތައް ގުނައަކަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ހިމަބިހި ކޮންޓްރޯލް ކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެ ގައުމުގެ އިގްތިސާދު ދަށަށް ދިއުމުގެ ސަބަބުން، ކުޑަކުދިންނަށް އެކަށީގެންވާ ރަނގަޅު ކާނާ އާއި ސާފު ބޯފެން އެކަށީގެންވާ މިންވަރަކަށް ލިބެން ނެތުމެވެ. މިހާރު ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހައިހޫނުކަން ތަހައްމަލް ކުރަމުން ދިއުމުގެ އިތުރުން، އެ ކުދިންގެ ސިއްހީ ހާލަތު ވެސް ވަރަށް ދަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެ އެވެ.